ރައީސް ޔާމީން އިސްވެ ހުންނަވައި ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ބާއްވަނީ

ޕީޕީއެމް- ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށް ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެ އިހުތިޖާޖު ކުރިއަށްގެންދާނީ އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ކާނިވާ ސަަރަހައްދުގައި ކަމަށެވެ.

ޝުޖާ ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބާއްވާ މުޒާހަރާތަކުގައި ކިތަންމެ މަދުން މީހުން ބައިވެރިވިޔަސް އެ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ތެރެއިން މިކަމުގައި އިހުތިޖާޖުކޮށް ފްލެޓް ފޭރިގަތުމާ ދެކޮޅަށް، ބާޣީ ލުތުފީ ގެނައުމާ އެއްކޮޅަށް ވާހަކަ ދައްކަވާ، މިހުރިހަ ކަމަކަށް ތާއިދުކުރައްވާ، ރައްޔިތުން ހަމަ އެއްވާންވީ އިނގޭތޯ. މި ދެމީހުން ނުވަތަ ފަސްމީހުން އެތަނަށް އަޔަސް އަޅުގަނޑުމެން އަޑުއުފުލާނަން. އެގޮތަށް މިކަން ދާނީ،" ޝުޖާއު ވިދާޅުވިއެެވެ.

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނުގައި ހަމަލާގައި ބައިވެރިވި ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅޭތީ އެކަމަށްވެސް ޝުޖާއު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށި ފްލެޓްތައް މަދުކޮށް ބައެއް ފަރާތްތަކަށް ފްލެޓް ނުލިބޭ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް