ޓްރަމްޕް އެންމެ ފަހުވަގުތު އުތުރުކޮރެއާ އަދި އީރާނާ ޑީލްތަކެއް ހައްދަވާފާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރުކޮރެއާ އަށް ވަޑައިގެން އެގައުމުގެ ޒައީމް ކޮމް ޖޮންގް އުން އާ ބައްދަލުކުރައްވައި ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދަން ބޭނުންވާކަމަށް ވިދާޅުވި ނަމަވެސް އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން ނުޖެހޭ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ދަތުރުފުޅަށް ފަހު ކުރެއްވި ޓްވީޓެއްގައި ޕޮމްޕެއޯ ވިދާޅުވީ، ސުލްހައިގެ މަޝްވަރާތަކާއިގެން އެމެރިކާ ކުރިއަށް ދާއިރު، އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި އޮންނަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގަ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭންޖެހޭނީ އުތުރުކޮރެޔާގެ ކިބައިން ބޭނުންވާ މަގްސަދުތައް ހާސިލް ކުރެވުމަށްފަހުގައި ކަމަށާ އޭގެތެރޭގައި އެގައުމުގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމާއި ނިއުކްލިޔާ ހަތިޔާރުގެ ޕްރޮގްރާމް ރޫޅާލުމާއި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް އުފެއްދުން ހުއްޓާލުން ހިމެނޭކަމުގަ އެވެ.

ޕޮމްޕެއޯ އަކީ އުތުރުކޮރެޔާއަށް ކުޑަވެސް ދުލެއް ނުދިނުމުގެ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. އުތުރުކޮރެޔާއާ މަޝްވަރާކުރުމުގެ ފައިލް ޓްރަމްޕް ހަވާލުކުރައްވާފައިވާ އިސްބޭފުޅަކީވެސް ޕޮމްޕެއޯ އެވެ. ނަމަވެސް އެ ފައިލް ހިއްޕަވައިގެން އުތުރުކޮރެއާމެދު ހަރުކަށިވެގެން ޕޮމްޕެއޯ ގެންގުޅުއްވާ ސިޔަސަތުން ފާއިތުވި އަހަރެއްހާ ދުވަހު ޓްރަމްޕަށް ހާސިލްވި އެއްވެސް އެއްޗެއްނެތެވެ. ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ ނިއުކޮންޒަވެޓިވް ފިކުރުގެ އާދަޔާ ޚިލާފު ހަރުކަށި ދެބޭފުޅުންނަކީ ޕޮމްޕެއޯ އާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން އެވެ.

ބޯލްޓަން އަކީ އިރާގުގައި ފަނަކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދޮގު ރިޕޯޓްތަކެއް ތައްޔާރުކުރުމަށް 2003 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ އަށް އެންގެވިކަން ބޭޒާރުވެފައިވާ ހަރުކަށި ބޭފުޅެކެވެ. ބޯލްޓަންއާ ޓްރަމްޕް ހަވާލުކުރައްވާފައިވަނީ އީރާނުގެ މައްސަލައިގެ ފައިލެވެ. އީރާނުގެ މައްސަލާގައި ވެސް އެމެރިކާއަށް ކާމިޔާބު ލިބެމުންނުދަނީ ބޯލްޓަން ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން ކަމަށް އޮބްޒާވަރުން ދެކެއެވެ.

އެމެރިކާގެ ރިޔާސީ އަންނަ އަހަރު ފަށާއިރު މިދެ މައްސަލައިން ވެސް އަދި ފަލަސްތީނު މައްސަލައިން ވެސް ކުރިއެރުންތަކެއް ހޯދަން ޓްރަމްޕަށް މަޖްބޫރުވެފައިވާ އިރު ޕޮމްޕެއޯއާއި ބޯލްޓަން ފަދަ ހަރުކަށި ބޭފުޅުންނާ މިމައްސަލަތައް ހަވަލުކުރައްވައިގެން ޓްރަމްޕަށް ކާމިޔާބެއް ލިބިވަޑައިގެންފާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މިކަން ޓްރަމްޕަށް ވެސް އެނގިވަޑައިގަންނަވާއިރު މިދެބޭފުޅުން މަގާމުން ދުރުކުރުމަށް ގޮވާލެވޭ އަޑުތައް އެމެރިކާގެ އެތެރޭގައިވަނީ ގަދަވެފަ އެވެ.

އީރާން މައްސަލާގައި ބޯލްޓަން ގެންދަވަނީ އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަފެށުމަށް ޓްރަމްޕަށް ބާރުއެޅުއްވުމުގެ ހަރުކަށި ސިޔާސަތެއްކަމަށް ވިޔަސް އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯން ވައްޓާލުމުން ވެސް އީރާނަށް ހަމަލާދިނުމަށް ޓްރަމްޕް ވަނީ ފަސްޖެހިވަޑައިގެންފަ އެވެ. މިމައްސަލާގައި ބޯލްޓަންގެ އިތުރުން ބޯލްޓަންގެ ބައިވެރިންކަމަށް ތުހުމަތުކުރެވޭ ބޮންޕެއޯއާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންއާއި ޔޫއޭއީ ގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދްވެސް ވަނީ ކަންބޮޑުވެ ވަޑައިގެންފައެވެ. މިމައްސަލާގައި ސައޫދީ އާއި ޔޫއޭއީ ކަންބޮޑުވުމުން ޕޮމްޕެއޯ ވަނީ އެދެގައުމު ވެރިން ހިތްހަމަޖެއްސުމަށް ޓަކައި އެދެގައުމަށް މދިޔަ ހަފްތާގައި ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.

ޓްރަމްޕަކީ ހަނގުރާމައިގެ ލީޑަރެއްނޫނެވެ. އެހެންކަމުން ޕޮމްޕެއޯ އާއި ބޯލްޓަންއަށް ވަނީ ޓްރަމްޕް ލައްވައި ހަނގުރާމަތައް ކުރުން އުނދަނގޫ ކަމަކަށް ވެފަ އެވެ. ޚާއްސަކޮށް ކުރިޔަށްއޮތީ އެމެރިކާގެ ރިޔާސީ އިންތިޚާބުކަމަށްވެފައި އަދި އީރާނާއި އުތުރު ކޮރެޔާއަކީ އެމެރިކާއަށް ކުޅެލަން ފަސޭހަވަރަށްވުރެ ބާރުގަދަ ދެގައުމު ކަމަށްވާތީ ހަނގުރާމައަކަށް ދިޔުމުގެ ވިސްނުން ޓްރަމްޕް ނުގެންގުޅުއްވާ ކަމަށް ބެލެވެ އެވެ.

ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންވަނީ ވަރަށް އަވަސްގޮތަކަށް ދެކޮރެޔާގެ ސަރަހައްދީ ރޮނގުގައި ޓްރަމްޕާ ބައްދަލުކުރައްވައި ގާތްގަނޑަކަށް ގަޑިއެއް ހާއިރުގެ ސިއްރު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފަ އެވެ. މިމަޝްވަރާތައް ނިންމަވާ ލެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، އޭނާ އުތުރުކޮރެއާގެ ލީޑަރާ އެކު ކުރެއްވީ ވަރަށް ރަނގަޅު މަޝްވަރާތަކެއް ކަމަށާއި ނަތީޖާ ވެސް ރަނގަނޅުވާނެކަމުގަ އެވެ.

ބޯލްޓަންއާއި ޕޮމްޕެއޯ ފަދަ ހަރުކަށި ބޭފުޅުން ލައްވައިގެން ކޮރެޔާ މައްސަލާގައި ވެސް އީރާނުގެ މައްސަލާގައި ވެސް އަދި ފަލަސްތީނު މައްސަލާގައި ވެސް ޓްރަމްޕަށް ކާމިޔާބެއް ލިބިވަޑައިގަންނަވާނެ ކަމަށް ނުބެލެވެ އެވެ. އީރާން މައްސަލާގައި ވެސް ޓްރަމްޕް ވަނީ އެގައުމުގެ ނިއުކްލިޔާ މައްސަލަ އެކަނި ހިމަނައިގެން ވެސް އަލުން އެއްބަސްވުމަކަށް އަންނަން ތައްޔާރަށް ހުންނެވިކަމަށް ދާދިފަހުން ހާމަކުރައްވާފަ އެވެ. މިފަދަ ޑީލެއް ޓްރަމްޕް އީރާނާ ކުރައްވާފައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ ސަރަހައްދުގައި ހުރިހާ ގޮތަކުން ވެސް އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި ކުޑަދުވަސްކޮޅެއްގެ ތެޜޭގައި އީރާން ނުކުންނާނެ އެވެ. މިއީ ސައޫދީއާއި ޔޫއެއީ އަދި އިސްރާއީލަށް ތަހައްމަލް ކުރެވޭނެ ކަމަކަށް ނުވާނެ އެވެ.

އީރާންގެ ކިބައިން ކުރިން ޓްރަމްޕް އެދިވަޑައިގަންނަވަމުން ގެންދެވީ ނިއުކްލިޔާ އެއްބަސްވުމުގެ ތެރޭގައި އީޜާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ވެސް އަދި އީރާނުން ސަރަހައްދުގެ ގައުމުތަކަށް ނުފޫޒު ހިންގާ މައްސަލަ ވެސް ހިމެނުމަށެވެ. އީރާނުން ވަނީ ނިއުކްލިޔާ މައްސަލާގައި އެއްބަސްވި އެއްބަސްވުމުގައި ދީފައިވާ ދޫތައް ފިޔަވައި އެހެން އެއްވެސް ދުލެއް ނުދެވޭނެކަމަށް ބުނެފަ އެވެ. ޚާއްސަކޮށް މިސައިލް ޕްރޮގްރާމާއި ސަރަހައްދަށް ނުފޫޒު ހިންގާ މައްސަލައާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާ ވެސް ކުރަން ބޭނުންނުވާ ކަމަށް އީރާން އަބަދު ވެސް ބުނެ އެވެ.

އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާން އިނދަޖައްސާލެވުމަކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫންކަމަށް ދިރާސާކުރާ ހުރިހާ ފަރާތްތަކަކުން ވެސް ދެކެ އެވެ. އަދި އޮބާމާގެ ދުވަސްވަރު އީރާނާއެކު އެމެރިކާ ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމާ އެއްގޮތް އެއްބަސްވުމެއް ޓްރަމްޕްގެ ނަމުގައި އޭނާއަށް ސިޔާސީ ފައިދާ ލިބޭގޮތަށް އީރާނާ އެކު ކުރައްވަން ޓްރަމްޕް ތައްޔާރަށް ހުންނެވިކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ސައޫދީއާއި ޔޫއޭއީ ދެކޮޅުހެދިނަމަވެސް އެންމެފަހުވަގުތު އީރާނާއެކު ޓްރަމްޕް އެއްބަސްވުމަކަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް އޮބްޒާވަރުންނާއި ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

އީރާނާ އެކު މިފަދަ ޑީލްތަކެއް ޓްރަމްޕް ހައްދަވައިފި ނަމަ ހުރިހާ ގެއްލުމެއް ލިބޭނީ ސައޫދީ އާއި ޔޫއޭއީ ގެ ލީޑަރުންނަށެެވެ. ސަބަބަކީ އެމެރިކާ ލައްވައި އީރާނާ ތަޅުވަން އެދެގައުމުން ރޭވި ރޭވުންތައް ފަނަފުލުންގޮސް ޑީލްއާ އެކު ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ ސަރަހައްދުގައި މިހާރަށްވުރެ ވެސް ބާރުގަދަ ގައުމެއްގެ ގޮތުގައި އީރާން ނުކުމެދާނެތީ އެވެ.

comment ކޮމެންޓް