ކުޑަކުދިންނަށް ކުރާ އަނިޔާގެ 111 މައްސަލައެއް

ކުޑަކުދިންނަށް ކުރާ އަނިޔާގެ 111 މައްސަލައެއް މެއި މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީ އިން މިއަދު އާންމުކުރި މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހު އެ މިނިސްޓްރީ އަށް ޖުމްލަ 212 މައްސަލަ ވަނީ ރިޕޯޓު ކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކާއި ޖިސްމާނީ ހާނިއްކައިގެ ރިޕޯޓުތަކެވެ. ޖިންސީ ހާނިއްކައިގެ 34 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 34 މައްސަލައެއް މިދިޔަ މަހު ޖެންޑާ އަށް ރިޕޯޓުކޮށްފައިވާކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން އިހުމާލުވުމުގެ 27 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް އަދި އިންޓަނެޓު މެދުވެރިކޮށް ގަނާ ކުރުމުގެ ހަތަރު މައްސަލައެއް މިދިޔަ މަހު ޖެންޑާ އަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން ހައްގުތަކުން މަހުރޫމު ކުރުމުގެ ތިން މައްސަލައަކާއި ތައުލީމަށް ހުރަސްއެޅުމުގެ ދެ މައްސަލައެއްގެ އިތުރުން އުފަންވުމުން ރެޖިސްޓްރީ ނުކުރާ މައްސަލައެއްވެސް މިދިޔަ މަހު ޖެންޑާ އަށް ވަނީ ހުށަހަޅައިފަ އެވެ.

ޖެންޑާގެ ތަފާސްހިސާބުތަކަށް ބަލާއިރު އާއިލީ މައްސަލަތަކުގެ 21 މައްސަލައަކާއި ހަރަދު ނުދިމުމުގެ އެއް މައްސަލަ، ހަލާނާތުގެ 16 މައްސަލަވެސް މިދިޔަ މަހު ވަނީ އެ މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 10 މައްސަލައަކާއި ގެއިން ނުކުމެގެން ދިޔުމުގެ ފަސް މައްސަލައެއް އަދި ސްލޫކަށް ނުދިޔުމުގެ ދެ މައްސަލައެއްވެސް މިދިޔަ މަހު ވަނީ ޖެންޑާ އަށް ހުށަހަޅައިފަ އެވެ.

ޖެންޑާގެ ތަފާސްހިސާބުތަކަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 42 މައްސަލަ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ އެއްގެ އިތުުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ދެ މައްސަލައެއްވެސް މިދިޔަ މަހު އެ މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް