ފެން ބިލް ނުދައްކާހުރިނަމަ ބިލު ދެއްކުމަށް އެދިއްޖެ

އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދޭ ފެނުގެ ހިދުމަތުގ ބިލު ނުދައްކައި ވާނަމަ ބިލުތައް ދެއްކުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި އެކުންފުނީގެ 24 ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީ އިން ދޭ ހިދުމަތްތައް ފުޅާކުރެވެން އޮޮތީ ރައްޔިތުން ޒިންމާދާރު ވެގެން ކަމަށެވެ.

"ކުންފުންޏަށް ދައްކަންވާ ފައިސާ ގަޑިން ގަޑިއަށް ދެއްކުމަށް އިލްތިމާސް ކުރަން،" އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ ފެނުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުގެ 50 ޕަސެންޓު ކަސްޓަމަރުންނަކީ ބިލު ނުދައްކާ ފަރާތްތައް ކަމަށް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://sun.mv/116087

އާޒިމް މިރޭ ވިދާޅުވީ އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ފެންބިލު ދައްކަނީ އޮންލައިންކޮށް ކަމަށެވެ. އެއާއެކު ގޭގެއަށް ފޮނުވާ ބިލުތައް ފޮނުވުން ހުއްޓާލަން ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ގޭގެއަށް ޕްރިންޓް ބިލު ފޯރުކޮށްދިނުން ހުއްޓާލުމަށް މިދަނީ ވިސްނަމުން. ނަމަވެސް އެކަން ކުރާނީ ރޭވުންތެރިކަމާއެކު. ރައްޔިތުންނަށް ދަތި ނުވާނެހެން،" އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އިން މީގެ ކުރިން ފެން ބިލު ފޮނުވަމުންދިޔައީ އޭ4 ސައިޒް ގަނޑަކަށް ފިޓުވާނެހެން ނެނެވެ. ނަމަވެސް މިހާރު އެކުންފުނިން ވަނީ ފެން ބިލުގެ ސައިޒުވެސް ކުޑަކޮށްފައެވެ.

އާޒިމް ވަނީ ފެން އިސްރާފުނުކޮށް ފެނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވައިފައެވެ.

އެމްޑަބްލިއުއެސްސީ އިން މަސައްކަތްކުރަނީ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އެ މަސައްކަތަކި ބުރަ މަސައްކަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފެން ކުންފުނީގެ ތާރީހުގައި ފާހަގަ ކުރެވޭފަދަ ލީޑަރުން ބިނާކުރުމަށް "ނެކްސްޓް ޖެނެރޭޝަން ލީޑާޝިޕް" ގެ ނަމުގައި ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މިރޭ ކުންފުނީގެ މުވައްޒަފުންނަށް އިލްތިމާސެއް ކުރައްވައިފައެވެ. ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުންކަން ފާހަގަ ކުރައްވާ އާޒިމް ވަނީ ކުންފުންޏަށް އިހުލާސްތެރި ބަޔަކަށް ވުމަށް މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.

މީގެ އިތުރުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކޮށް، ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތައް ނިންމާ، އާއިލާ އަށް ވަގުތު ހޯދުމަށްވެސް އާޒިމް ވަނީ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ އިން ދޭ ހައްޖު ދަތުރު ލިބޭ މުވައްޒަފުންނަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މީގެ އިތުރުން އެކި ދާއިރާތަކުން އެންމެ ފާހަގަ ކުރެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

comment ކޮމެންޓް