އެމްޑަބްލިއުއެސްސީގެ 50 ޕަސެންޓް ކަސްޓަމަރުން ބިލު ނުދައްކާ!

އެމްޑަބްލިއުއެސްސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްޑަބްލިއުއެސްސީގެ ފެނުގެ ހިދުމަތް ހޯދާ 50 ކަސްޓަމަރުން ހިދުމަތުގެ ބިލު ނުދައްކާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއެސްސީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދޭ ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ މައްސަލަ ވަރަށް ގިނަ ކަސްޓަމަރުން ޖައްސާ ކަމަށެވެ.

"ފެން ކަނޑަށް މި ދިމާވާ ސަބަބަކީީ ބިލުތައް ނުދެއްކުން. އަޅުގަނޑު މަގާމާ ހަވާލުވި އިރު ކަސްޓަމަރުންގެ 50 ޕަސެންޓު ބިލުތައް ނުދައްކާ [ހުރި]،"

ހުރިހާ ރައްޔިތުންނަށް ހިދުމަތް ދެވޭނީ ކުންފުންޏަށް އާމްދަނީ ލިބިގެން ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ފެން ކަނޑާލުމުގެ ކުރިން ކަސްޓަމަރަށް އެކަން އަންގާނެ ކަމަށާއި ކުރިއާލާ އެންގުމެއް ނެތި، ފެން ކަނޑާ ނުލާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒިފަކު ގެއަކަށް ގޮސް އަންގާނެ ބިލު ނުަދައްކާ އޮތްކަމަށް. އަވަހަށް ބިލު ދެއްކުމަށް،"

ފައިސާ ނުލިބޭ ނަމަ ކުންފުނި ނުހިންގޭނެ ކަމަށާއި ހިދުމަތް ދޭން ދަތިވާނެކަން އާޒިމް ފާހަގަ ކުރެއްވި އެވެ.

ބިލަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތައް އިންތިޒާމުކުރެވިފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން ދިރާގު، އުރީދޫ ބީއެމްއެލް އަދި އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ބޭނުންކޮށް ބިލުތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އާޒިމް ފާހަގަ ކުރެއްވި އެވެ.

އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް މީޓަރު ރެޖިސްޓްރީކުރުމުން ބިލު ދެއްކުމަށް ފަސޭހަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ހިދުމަތް ބޭނުންކުރާ ނަމަ ފައިސާ ނުދައްކާ ތިބެން ހަނދާން ނެތޭނެ ކަމަކަށް ގަބޫލެއް ނުކުރަން،"

އޭނާ ވިދާޅުވީ ކުންފުނިން ބިލު ނުދައްކާ ކަސްޓަމަރުންނަށް ގުޅާއި ހަނދާން ކޮށްދޭން ފެށުމުން އޭގެ ތެރެއިން ކަސްޓަމަރުން ބިލުތައް ދައްކަން ފަށާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ފެން ބިލު ބޮޑުވާ މައްސަލައަކީ ވެސް ކަސްޓަމަރުންގެ ޝަކުވާ އެއް ކަމަށެވެ. ނަމަވެސް އާންމުކޮށް ގެއެއްގެ ފެންބިލަށް އަރާވަރަށް ވުރެ ފެންބިލު ކުއްލިއަކަށް ބޮޑުވެއްޖެ ނަމަ، ކުންފުނީގެ ފަރާތުން އެކަން ކަސްޓަމަރާ ހިއްސާ ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކު ކޮންސިއުމް ނުކުރާ ފެނަކަށް ފައިސާ ދައްކާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެއްވެސް ބިލެއް 50 ޕަސެންޓަށް ވުރެ މައްޗަށް އެއްވެސް މަހެއްގައި ގޮސްފި ނަމަ އަޅުގަނޑުމެން އެ ގެއަކަށް ގުޅާފައި ފެން ބިލު ބޮޑުވެއްޖެކަން އެލަޓް ކުރާނަން،" އާޒިމް ވަނީ ފެން އިސްރާފު ނުކުރުމަށާއި ފެން އިގްތިސޯދު ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

މީގެ އިތުުރުން އެމްޑަބްލިއުއެސްސީގެ ހިދުމަތަކަށް އެދި ހުށަހެޅުމަށް ފަހު ހިދުމަތް ނުލިބި ލަސްވާ ނަމަ، 105 އަށް ގުޅާ އަންގާލުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ. އޭޕްރީލް މަހުން ފެށިގެން އޮންލައިންކޮށް ކުންފުނީގެ ހިދުމަތަށް އެދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވި އެވެ.

"މިތަނަށް އެއްވެސް ހިދުމަތަކަށް އެދި އެޕްލިކޭޝަން ލައިފި ނަމަ، ކަސްޓަމަރުންގެ އިޝާރަތަކާ ނުލާ އަޅުގަނޑުމެން އެ އެޕްލިކޭޝަން ކެންސަލެއް ނުކުރާނަން. އަޅުގަނޑުމެން ކަސްޓަމަރުންނަށް ގުޅައިގެން ކަސްޓަމަރުގެ ލިޔުމެއް ލިބިގެން ނޫނީ ކެންސަލެއް ނުކުރާނަން،" އާޒިމް ވިދާޅުވި އެވެ.

ދުވަސްވީ މީޓަރުތައް ބަދަލުކުރުމަށް ހާއްސަ ޕްރޮގްރާމެއް

ގޭގޭގައި ފެނުގެ ހިދުމަތް ދިނުމަށް ހަރުކޮށްފައި ހުންނަ ދުވަސްވީ މީޓަރުތައް ބަދަލުކުރުމަށް ހާޢްސަ ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީ އިން އިސް ނަގަންއިގެން ފަށަން ނިންމާފައިވާ ކަމަށް އާޒިމް މިއަދު ވިދާޅުވި އެވެ.

މީގެ ކުރިން މީޓަރު ބަދަލުކޮށްދެނީ ކަސްޓަމަރު އެދުމުން ކަމަށާއި ނަމަވެސް ކުންފުނިން ފަށާ ޕްރޮގްރާމުގެ ދަށުން، ގޭގޭގައި ބާވެފައި ހުރި ފެން މީޓަރުތަކާއި ހަޑިވެފައި ހުރި މީޓަރުތައް ބަދަލުކޮށްދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ފެން މީޓަރުތައް ސާފުކޮށް ބެހެއްޓުމަށާއި އެމަޖެންސީ ހާލަތެއްގައި ވެސް މީޓަރަށް ފަސޭހައިން އެކްސެސް ވެވޭނެ ގޮތަކަށް ބެހެއްޓުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް