ދުވަސްވީ އިމާރާތްތަކުގެ އިންސްޕެކްޝަން ހެދުމަށް މަސީ އިން ގޮވާލައިފި

ހ. ރުއްދޮށުގޭގެ ބެލްކަނިން ބަޔެއް ވެއްޓިފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދުވަސްވީ އިމާރާތްތަކާއި ބަލިކަށި އިމާރަތްތައް ފާހަގަކޮށް އެ ތަންތަނުގެ އިންސްޕެކްޝަން ހެދުމަށް އިމާރަތްކުރުމުގެ ދާއިރާގެ ޖަމްއިއްޔާ އިން ގޮވާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކާއި ތަންތަނުގެ ހާލަތު ބަލައި، މީހުން ދިރިއުޅެން ކަމުނުދާ ތަންތަން ފާހަގަކޮށް ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ.

އިމާރަތްތަކުގެ ވެންޓިލޭޝަނާއި ސިޑިގޮޅި އަދި ބެލްކަނި ފަދަ ތަންތަން ހުންނަނީ ހުއްދަ ކޮށްފައިވާ މިންގަނޑަށްތޯ ބަލައި، އިސްލާހު ކުރަންޖެހޭ ކަންތައް އިސްލާހުކުރުން އަވަސް ކުރުމަށްވެސް އެ ޖަމްއިއްޔާ އިން މިރޭ ވަނީ ގޮވާލައިފައެވެ.

މަސީ އިން މިރޭ ބަޔާނެއް ނެރެފައިމިވަނީ ބަރަށް ބަލިކަށިކޮށް ހުރި ހ. ރުއްދޮށުގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގެ ބެރި ވެއްޓި މަގުމަތީ ތިބި ފަސް މީހަކަށް އަނިޔާވި ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.

މަސީ އިން ބުނީ ބާ ޖަމާލުއްދީނާއި އަރަބިއްޔާ ސްކޫލުގެ ސޭފްޓީ އެސެސްމެންޓެއްވެސް އެއްވެސް އަގަކާ ނުލާ އެ ޖަމްއިއްޔާ އިން ހަދާދީފައިވާނެ ކަމަށާއި ބާ ޖަމާލުއްދީނަކީވެސް ބޭނުންކުރަން ކަމުނުދާ ތަނެއްކަމަށް ލަފާދީފައި ވަނިކޮށް އެތަން ބޭނުން ކުރާތީ ކަންބޮޑުވާ ކަމަށެވެ.

މާލޭގައި ހުރި ބާ އިމާރާތްތަކުގެ އެސެސްމެންޓު ގަވައިދުން ހަދައި، އާންމުންގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސީ އިން ވަނީ ގޮވާލައިފައެވެ. އަދި އެފަދަ މަސައްކަތްތަކަށް މަސީގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް އެ ޖަމްއިއްޔާ އިން ވަނީ ބުނެފައެވެ. މީހގެ އިތުރުން ދާއިރާގައި މަސައްކަތްކުރާ އިންޖިނިއަރުންނާއި ޗެކަރުން އަދި ކޮމންސަލްޓެންޓުންގެ އެއްބާރުލުންވެސް އެ މަސައްކަތަށް ލިބޭނެކަމުގެ ޔަގީންކަން މަސީ އިން ވަނީ ދީފައެވެ.

comment ކޮމެންޓް