ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރުކުރަން ހުށަހަޅަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް، ކޯޓުތަކާ ބެހޭ ގާނޫނަށް މި ހަފްތާ ތެރޭގައި އިސްލާހު ހުށަހަޅުއްވާނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ދެހާސް ދިހަވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާއެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ.

އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފައެވެ.

މިއަދު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާނު ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރުމަށްޓަކައި ކޯޓުތަކާ ބެހޭ ގާނޫނަށް މި ހަފްތާގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

"މި ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާނަން. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށްޓަކައި ގެންނަ އިސްލާހެއް،" ރިފްއަތު ވިދާޅުވިއެވެ.

މިއަދު އިއުލާނު ކުރި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވަނީ 201 ބިލެއްގެ މައުލޫމާތު ހިމަނާފައެވެ. އެގޮތުން ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންވެސް އެޖެންޑާގައި ވަނީ ހިމަނާފައެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބިލެއްވެސް އެޖެންޑާގައި ހިމެނެއެވެ.

comment ކޮމެންޓް