ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޑީޖޭއޭ ނަގައި ޖޭއެސްސީގެ ދަށަށް ގެންދަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު --- ފޮޓޯ/ މަޖިލިސް

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރަން ޖޭއެސްސީ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ސިރާޖު ހުށަހެޅުއްވީ ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" އެ ނަމުގައި މާއްދާއެއް އިތުރު ކުރާށެވެ.

ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވާ ހިސާބުން "ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި އިދާރާއެއް އުފެދޭނެ އެވެ. އަދި އެ އިދާރާ އުފެދުމާއެކު މިހާރު ހިންގަމުން އަންނަ ޑީޖޭއޭ އުވި އެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތާއި މާލީ އަދި މަދަނީ ޒިންމާ ތަކާއި ހައްގުތައް އަލަށް އުފައްދާ އިދާރާގެ ދަށަށް ބަދަލުވާނެ އެވެ.

މިހާރު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްވެސް ހަމަ އެގޮތަށް ކުރަން ޖެހޭ ގޮތަށް ޖޭއެސްސީ ގާނޫނުގައި ލިޔެފައިވެ އެވެ. އެކަމަކު ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ޖޭއެސްސީއިން އަންގާ ގޮތުގެ މަތިން ކަމަށް ބުނެފައިވެ އެވެ.

ކޯޓުތަކާއި ފަނޑިޔާރުންނާއި ގުޅުން ހުރިހާ އިދާރީ ކަމެއްވެސް އޭރުން ބަލަހައްޓަން ޖެހެނީ އެ ޑިޕާޓްމެންޓަށެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް އިސްލާހުގައި ލިޔެފައިވެ އެވެ. އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަނުކޮށް ވަކިކުރާނީ ޖޭއެސްސީން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނަ މީހާއަކީ އެއްވެސް ވިޔަފާރިއެއް ކުރެވޭނެ މީހެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަދި ސަރުކާރުގެ އެހެން މަގާމެއްގައިވެސް ނުހުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެމީހަކީ 35 އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

comment ކޮމެންޓް