ބޮޑު އިސްކަމެއް އޮތީ އަސްކަރީ ގާބިލްކަން އިތުރުކުރަން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފައިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަނީ. -- ފޮޓޯ/ އެމްއެންޑީއެފް

ގައުމީ ދިފާއީ ބާރުގެ ގާބިލިއްުޔަތުކަން އިތުރުކޮށް އެ މުއައްސަސާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްގެ ދެވަނަ ބައްދަލުވުން ނިންމުމުގެ ގޮތުން އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ހަފްލާގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ، ގާނޫނީ އަދި އަސްކަރީ ދާއިރާ ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގައި، ކަނޑައެޅި އާންމުކޮށްފައިވާ ހާއްސަ ސިޔާސަތުތަކެއް ހުރުމަކީ ކޮންމެހެންވެސް ލާޒިމްކަމެއްކަމަށެވެ. މިހެން ނޫންނަމަ، މީހުންގެ ކިބައިގައި ހިތްނުތަނަވަސްކަމާއި ޝައްކު އުފެދުމުގެ ފުރުސަތު އިތުރުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގަިއ ސިފައިންގެ ތެރޭގައި އެކުލަވާލާފައިވާ އުސޫލުތަކާއި ސިޔާސަތުތައް ވާންޖެހޭނީ މުސްތަގުބަލުގައި މުއައްސަސާ ހިންގަންތިބޭނެ ޒުވާން ޖީލުތައް ބަލައިގަންނަ، އަދި އެފަރާތްތައް ޝާމިލްވާ ސިޔާސަތުތަކަކަށް ކަމަށެވެ.

"ސިފައިންގެ ސިޔާސަތުތައް އެކުލަވާލުމުގައި މުއައްސަސާގެ އެންމެހާ ފަރުދުންގެ ހިޔާލު ހޯދުމަކީ މުހިއްމުކަމެއް. ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު އިތުރުކުރުމަކީ އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ހަފްލާގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަނަލް އަދި ޒިންމާދާރު ހިދުމަތެއް ސިފައިން ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލުތަކާއި ނިޒާމުތައް ކަނޑައެޅިފައިހުރުމަކީ މުހިއްމުކަމަށެވެ.

މީގެ އިތުރުން ޝަމާލް ވަނީ، ސިފައިންގެ ގާބިލްކަން އިތުރު ކުރަން މި ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްގެ ދެވަނަ ބައްދަލުވުން ބޭއްވީ، މިމަހުގެ 17-23 ގެ ނިޔަލަށެވެ.

comment ކޮމެންޓް