ކޮލަމްބޯ (ޖޫން 23): ސްރީލަންކާގެ މުސްލިމް ޑޮކްޓަރަކު ވަނީ އެތައް ހާސް ބުދު ދީނުގެ އަންހެނުންނަށް ދަރިން ނުލިބޭ ގޮތް ހަދާފައި ކަމަށް ބުނެ، މުސްލިމުން ގަލުން ތަޅާ މަރަން އެގައުމުގެ އިސް ހާމުދުރަކު ގޮވާލައިފި އެވެ.
ލަންކާގެ އެންމެ މަޝްހޫރު އެއް ހާމުދުރު ވަރަކަގޮޑާ ސްރީ ގުނަންރަތަނާ ތެރޯ އެހެން ބުނެފައި ވަނީ ބުދު ދީނުގެ ބަޔަކު މިދިޔަ މަހު ލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ހަމަލާތަކެއް ދިން ފަހުންނެވެ.
"ބައެއް ބުދު ދީނުގެ އަންހެނުން ވަނީ [އެޑޮކްޓަރު ފަދަ މީހުން] ގަލުން ތަޅާ މަރަން ޖެހޭ ކަމަށް. އަހަރެން އެހެނެއް ނުބުނަން. ނަމަވެސް އެއީ ކުރަން ޖެހޭ ކަމެއް،" ދައުލަތުގެ މީޑިއާއިން ދެއްކި ޕްރޮގްރާމެއްގައި ގުނަންރަތަނާ ބުންޏެވެ.
ލަންކާގެ މުސްލިމު ޑޮކްޓަރަކު ބުދު ދީނުގެ 4،000 އަންހެނުންނަށް ދަރިން ނުލިބޭ ގޮތަށް ސިއްރު އޮޕަރޭޝަންތަކެއް ހެދި ކަމަށް ބުނެ މިދިޔަ މަހު ރިޕޯޓު ކުރީ އެގައުމުގެ ބުދިސްޓު ނެޝަނަލިސްޓު ނޫހެއް ކަމަށްވާ ދިވައިނާއިންނެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނޫހުން ދައްކާފައި ނުވެ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ގުނަންރަތަނާ ވަނީ މުސްލިމުން ހިންގާ ރެސްޓޯރެންޓުތަކަށް ނުދިޔުމަށާއި، އެފަދަ ތަންތަނުން ބުދު ދީނުގެ މީހުން ކައިފި ނަމަ އެބަޔަކަށް ދަރިން ނުލިބޭނެ ކަމަށް ބުނެ، އިތުރު ސާބިތުނުކުރެވޭ ވާހަކަތައް ފަތުރާފަ އެވެ.
އިއްޔެ ގުނަންރަތަނާ ވަނީ އޭނާ ދެއްކި ވާހަކަތައް ދިފާއުކޮށްފަ އެވެ. އަދި އޭނާ ދެއްކި ވާހަކައަކީ ގިނަ މީހުން ދެކޭ ގޮތް ކަމަށްވެސް ބުނެފަ އެވެ.
އެވާހަކަތަކާ ގުޅިގެން އެކްޓިވިސްޓުން ވަނީ ގުނަންރަތަނާ ކުށްވެރިކޮށް، އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ގޮވާލާފަ އެވެ. އަދި މުސްލިމުން ވަނީ ހާމުދުރު ދެއްކި ވާހަކަޔާ ގުޅިގެން އަނެއްކާވެސް އެމީހުންނަށް ހަމަލާތައް އަމާޒުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ މަހު މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މިސްކިތްތަކަށާއި މުސްލިމުން ދިރިއުޅޭ ގެތަކަށާއި މަސައްކަތް ކުރާ ތަންތަނަށް ހަމަލާ ދީފައިވެ އެވެ. އެހަމަލާތައް ދިނީ އޭޕްރިލް މަހު ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ބޮމުގެ ހަމަލާ ދިނުމާ ގުޅިގެންނެވެ. އެހަމަލާގެ ޒިންމާ ނެގީ އައިއެސްއިން ނަމަވެސް ލަންކާއިން ބުނާ ގޮތުގައި ހަމަލާ ދިނީ އެގައުމުގެ ދެ ޖަމާއަތަކުން ބޭރުގެ ބަޔަކާ ގުޅިގެންނެވެ.
ލަންކާގެ އާބާދީގެ 70 ޕަސެންޓަށް ވުރެ ބޮޑު ބަޔެއް ހިއްސާ ކުރަނީ ބުދު ދީނުގެ މީހުން ކަމަށްވާ އިރު މުސްލިމުންނަކީ އާބާދީގެ 10 ޕަސެންޓެވެ.