އައިޖީއެމްއެޗް ސޮފްޓްވެއާ ވަކި ބަޔަކަށް ދޭން ނުނިންމާ، ދާނީ ބިޑަށް: ޓެކް މިނިސްޓްރީ

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗް ހޮސްޕިޓަލް މެނޭޖްމަންޓް ސޮފްޓްވެއާ ވަކި ކުންފުންޏަކަށް ދިނުމަށް ނިންމާފައި ނުވާ ކަމަށާއި އެ ސޮފްޓްވެ ޑިވަލޮޕް ކުރާނެ ބަޔަކު ހޯދާނީ އާންމުކޮށް އިއުލާންކޮށްގެން ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ސޮފްޓްވެއާ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ޝާފިއީ އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެ ތުހުމަތަކާ ގުޅިގެން ޓެކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ސަން"އަށް މިއަދު ވިދާޅުވީ، އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތް ހިމެނޭ ގޮތުން މުޅި ހޮސްޕިޓަލް މެނޭޖް ކުރުމަށް ބޭނުންވާ ޒަމާނީ ސޮފްޓްވެއާއެއް ހޯދުމަށް އެ މިނިސްޓްރީ އާއި ރައީސް އޮފީސް އަދި އައިޖީއެމްއެޗް ގުޅިގެން ރައީސް އޮފީހުގައި މަޝްވަރާ ދެ ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި އެއްބަސްވެފައި ވަނީ އެފަދަ ސޮފްްޓްވެއާއެއް ހޯދަން އޯޕަން ޑެންޓަރަކަށް ދިޔުމަށް ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

"އެންމެން ވެސް އިއްތިފާގުވޭ އައިޖީއެމްއެޗް މެނޭޖް ކުރަން ސޮފްޓްވެއާއެއް އެބަ ބޭނުންވާ ކަމަށް. އެކަމަކު އެވަކި ބަޔަކަށް ދޭކަށް އެ މަޝްވަރާތަކުގެ ތެރެެއަކުން ނުނިންމާ. އައިޖީއެމްއެޗުން ބޭނުންވާ މައުލޫމާތުތައް ހިއްސާކުރީމާ ހަމަ ހުޅުވާލައިގެން ބިޑަށް ގޮސްގެން އެ ސޮފްޓްވެއާ ޑިވަލޮޕް ކުރާނެ ބައެއް ހޯދާނީ. އެއްވެސް ބަޔަކަށް އެ ޕްރޮޖެކްޓް ދޭން ނިންމާފައެއް ނެތް. އެގޮތަށް މަޝްވަރާއެއް ވެސް ނުހިނގާ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އައިޖީއެމްއެޗަށް ހަސްފަތާލު މެނޭޖްމަންޓް ސޮފްޓްވެއާއެއް ބޭނުންވަނީ، އެތަނުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ހަރަދު ސަލާމަތް ކުރުމުގެ ގޮތުން ކަމަށް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ބައެއް ހިދުމަތްތައް ދޭ ގޮތުން އިދާރީ ކަންކަމަށް ބޭނުންވާ ހަރަދުތައް ބޮޑުވާކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިދުމަތްތައް ދިނުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތް، ޑިޖިޓަލް ކުރުން ސޮފްޓްވެއާގެ ބޭނުމަކީ. މީގެ ސަބަބުން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްވާނެ ޑިޖިޓަލް ކުރެވުނީމާ. ހޮސްޕިޓަލްގެ ހަރަދުތައް ކުޑަވާނެ. އެކަމަށް މި ސޮފްޓްވެއާ އެއް މި ބޭނުންވަނީ. އެއީ އެންމެން އިއްތިފާގުވާ ކަމެއް،" އަލީ ސޯލިހު ވިދާޅުވި އެވެ.

ޓެކް މިނިސްޓްރީއަށް ކިޔާ އެކި ފާޑުކިޔުންތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މިނިސްޓްރީއިން ވަނީ އެތަނުގެ މެންޑޭޓްގެ ތެރެއިން މިދިޔަ ދުވަސްތަކުގައި އެތައް ކަންތައްތަކެއް ކޮށް ގިނަ ކަންކަން ހާސިލްކޮށްފައި ކަމަށެވެ. އެގޮތުން ފްލެޓް ކިޔޫގައި ނުޖެހި ފޯމް ލެވޭނެ، ހައުސިން ޕޯޓަލް އާއި ކިޔަވާ ލޯނަށް ފޯމްލުމާއި އަދި އެހެން ވެސް ސަރުކާރުގެ ހިދުމަތްތައް ޑިޖިޑަލައިޒް ކުރުމަށް ބޭނުންވާނެ އެތައް މަޝްރޫއެއް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ކޮންމެ މީހަކު ނުޖެހޭ ދާއިރާގެ މީހަކަށް ވާކަށް. ޑްރައިވް ހުންނަން ޖެހެނީ. އެގޮތުން މިނިސްޓްރީގެ މެންޑޭޓްގައި ހުންނަ އެތައް ކަމެއް އަޅުގަނޑުމެން މިދަނީ ކާމިޔާބު ކަމާ އެކު ހިންގަމުން. އެއްވެސް ކަމަކަށް ބުރުލެއް ނާރާމިތަނުގައި ސިޔާސީ މީހުން ތިބެގެން،" އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް އީ-ކައުންސިލް ނިޒާމެއް ވެސް އެ މިނިސްޓްރީގެ އިސް ނެގުމާ އެކު ތައާރަފް ކުރާނެ އެވެ. އެ ނިޒާމްގެ ތެރެއިން ކައުންސިލްތަކުން އާންމުންނަށް ދޭ ހިދުމަތްތައް އެއް ވިއުގަޔަށް ގެނެވި، އަވަސް ކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް