ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީނާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރާއި ޕީޕީއެމްއަށް ނިސްބަތްވާ ކުރީގެ އިތުރު މެމްބަރުންތަކެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ނުފޫޒު ފޯރުވި ކަމަށް އެ ކޮމިޝަންގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ފަސް އަހަރުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެކޮމިޝަނަށް ވަދެފައިވާ ކަަމަށް ގިނަ ރައްޔިތުންތަކެއް ތުހުމަތު ކުރެއެވެ.
މިއަދު މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީއަށް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ކޮމިޓީ މެމްބަރު، ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން އާއި ތިންދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފު ވަނީ ކޮންމެ މެމްބަރެއް ކައިރީ ސިޔާސީ ނުފޫޒު ފޯރުވާތޯ ސުވާލު ކުރައްވާފައެވެ.
މެމްބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، އޭނާ އަށް އެއްވެސް ސިޔާސީ ފަރާތެއްގެ ނުފޫޒެއް އައިސްފައިނުވާ ކަމަށެވެ. ނަމަވެސް ހަތަރު މެމްބަރުން ވިދާޅުވީ، މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން އެބޭފުޅުންނަށް ގުޅުއްވައި ވަކި ގޮތަކަށް ކަންތައް ކުރައްވަން އަމުރު ކުރާ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ވިދާޅުވީ، ކުރީގެ ދެ މަޖިލިސް މެމްބަރުން ގުޅުއްވާ ވަކި ގޮތަކަށް ކަންތައްކުރުމަށް އޭނާ އަށް އެންގި ކަމަށެވެ. ދެ މެމްބަރުންވެސް ގުޅުއްވައި ރާއްޖެ ޓީވީ ބަންދުކުރުމަށް އެދުނު ކަމަށް ޒީނާ ވިދާޅުވިއެވެ.
"އަޅުގަނޑު މައުލޫމާތައްޓަކައި ދަންނަވާލާނަން. އެއީ އޭރުގެ އިއްޒަތްތެރި މެމްބަރު، މުބީން އަދި ޔާމީން. ދެ ބޭފުޅުންވެސް ގުޅާފައި ވިދާޅުވީ، ކީއްވެގެންތޯއޭ ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން މިފަދަ ހާލަތެއްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ދައްކަމުންދާއިރު ރާއްޖެ ޓީވީއާ މެދު ފިޔަވަޅު ނާޅާ އުޅެނީ. ކީއްވެގެންތޯއޭ ރާއްޖެ ޓީވީ ބަންދު ނުކޮށްގެން އުޅެނީ،" ޒީނާ ވިދާޅުވިއެވެ.
ޒީނާ ވިދާޅުވީ، ރާއްޖެ ޓީވީ ބަންދު ކުރާ ހާލަތެއް އަދި ނާންނަ ކަމަށް އެ ދެމެމްބަރުންނަށް ދެންނެވި ކަމަށެވެ.
ޒީނާ ވިދާޅުވީ، ދެ މެމްބަރަކު ގުޅާފައި އެގޮތަށް ވާހަކަ ދެއްކި ނަމަވެސް އޭނާ އަކީ ވަކި މީހަކު ބުނާ ގޮތަށް ކަންތައް ކުރާ މީހެއް ނޫން ކަމަށެވެ.
ކޮމިޝަންގެ ނައިބު ރައީސް ކަމަށް އިއްޔެ އިންތިހާބު ކުރި ފާތުމަތު ޒައިނާ ވެސް ވިދާޅުވީ، އޭނާ އަށް ސިޔާސީ އެއްވެސް ނުފޫޒެއް ނާންނަ ކަމަށާއި ނަމަވެސް ކުރީގެ މަޖިލިސް މެމްބަރުން ވަކި ގޮތަކަށް ކަންތައް ކުރުމަށް އެދި ގުޅާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ޒީނާ ވިދާޅެއް ނުވެއެވެ.
ޒީނާ ވިދަޅުވީ، އޮންނަ އުސޫލުގެ ދަށުން އެ މެމްބަރުންވެސް މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ކޮމިޓީގެ މެމްބަރު ހަސަން ނަބާހު ވިދާޅުވީ، އޭނާއަކީ ކުރީގެ ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ގާތް މީހެއް ކަމަށާއި ނަމަވެސް އޭނާ އަށް ނިހާންގެ ފަރާތުންވެސް އެހެން ސިޔާސީ މީހެއްގެ ފަރާތުންވެސް ނުފޫޒު ނާންނަ ކަމަށެވެ.
"އެހެންއެއް ނުން، ބައެއް ބޭފުޅުން ބައެއް ގަޑި ގަޑީގައި ބައެއް ކަހަލަ އެއްޗިސް ބުނީމަ، އަޅުގަނޑު ބުނަން ގާނޫނުން ތިބޭފުޅާއަށް އޮންނާނޭ އިހުތިޔާރު މައްސަލަ ހުށަހެޅުމަށް،" ނަބާހު ވިދާޅުވިއެވެ.
ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މިއަދު ކޮމިޓީ ބައްދަލުވުމަށް ހާޒިރު ނުވަނީ، އެ ކޮމިޝަންގެ ނައިބު ރައީސަކަމުން އިސްތިއުފާ ދެއްވި އިސްމާއިލް ސޮފްވާން އެކަންނެވެ. ކޮމިޓީއަށް ވަޑައިގެންވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ އެެއްވެސް ސިޔާސީ މީހެއްގެ ނުފޫޒު އެ މެމްބަރުންނަށް ނުފޯރުވާ ކަމަށެވެ.