ރައީސް ޔާމީންގެ އެދުމުގެ މަތިން ސޮފްވާން ރާއްޖެޓީވީ ބަންދުކުރަން މަސައްކަތް ކުރި: ޝަހީބު

ކޮމިޓީ ބައްދަލުވުމުގައި ޝަހީބު ވާހަކަ ދައްކަވަނީ: ސޮފްވާން ރާއްޖެ ޓީވީ ބަންދު ކުރުމަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އެދިވަޑައިގަތުމުގެ މަތިން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އިސްމާއިލް ސޮފްވާން ރާއްޖެ ޓީވީ ބަންދު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

ސޮފްވާން އަށް މަސްތުދުވަސް ކޮމިޝަނަށް ހާޒިރުނުވެ ހުރުމަށްފަހު، މިމަހު 13 ވަނަ ދުވަހު އޭނާ ވަނީ ކޮމިޝަންގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އަދިވެސް އޭނާ އަކީ އެކޮމިޝަންގެ މެމްބަރެކެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގެ މެމްބަރު ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ، މިދިޔަ އަހަރު އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ކުއްލި ހާލަތު އިއުލާން ކޮށްފައިވަނިކޮށް އޭރު ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ސޮފްވާން، އޭނާ ކައިރީ ރައީސް ޔާމިންގެ އެދިވަޑައިގަތުމުގެ މަތިން އެމަނިކުފާނާ ބައްދަލުކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ޝަހީބް ވިދާޅުވީ، އޭނާ އެ ބައްދަލުވުމަށް ދައުވަތު ލިބިވަޑައިގަތީ ރަސްމީ ސިފައެއްގައި ކަމަށް ނުވާތީ އޭނާ އެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ކަމަށެވެ.

ބްރޯޑްކޮމް މަޖިލީހުގެ މިނިވަން މުއަސަސާ ކޮމިޓީއަށް ހާޒިރު ކުރުން -- ސަން ފޮޓޯ

ޝަހީބު ވިދާޅުވީ، އެއަށްފަހު، ސޮފްވާން ރައީސް ޔާމީންއާ ބައްދަލުކުރެއްވުމަށް ފަހު އޭނާ ރައީސް ޔާމީންގެ ހައްސަ މެސެޖެއް އޮތް ކަމަށް ގުޅާފައި ބުނި ކަމަށެވެ.

"ސޮފްވާން ވިދާޅުވި [ރައީސް ޔާމީން] ވިދާޅުވިއޭ ރާއްޖެ ޓީވީ ބަންދު ކުރާށޭ ހަފްތާއަކަށް. ދެން މިކަންތަކާ ހިނގާށޭ އުޅެން،" ސަފްވާންގެ ފޯނު ކޯލަށް ފަހު އޭނައާ ދިމާވެގެން ރައީސް ދެންނެވި މެސެޖެއް ކަމަށް ބުނެ، ސޮފްވާން ޝަހީބު ކައިރީ އެގޮތަށް ވިދާޅުވި ކަމަށް ޝަހީބު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ތީކީ އަޅުގަނޑު ކުރާނެ ކަމެއް ނޫނޭ. ތިކަން ކުރެވޭނީ ކޮމިޝަންގެ މޭޒުގައި މަޝްވަރާ ކޮށްގެންނޭ. އަޅުގަނޑު އިމްތިޒާމްކޮށްދޭނަމޭ. ބައްދަލުވުން އިމްތިޒާމުކޮށްދޭނަމޭ، ތިބޭފުޅުން މަޝްވަރާ ކުރުމަށްފަހު، ތިކަމާ ދޭތެރޭ މަޝްވަރާ ކުރާށޭ،" ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ، އޭނާއަށް ކޮމިޝަން ހިންގުމުގައި އެއްވެސް އެވެސް މީހެއްގެ ފަރާތުން ނުފޫޒެއް ނާންނަ ކަމަށެވެ. އަދި ކޮމިޝަނުގެ ހަތް މެމްބަރުންގެ ވޯޓާއެކު ނިންމާ ނިންމުންތަކަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނުން ވަކި ޗެނެލްތަކަށް އަމާޒުކޮށް ފިޔަވަޅު އަަޅަމުން ގެންދިޔަކަން ވެސް ޝަހީބު ވަނީ އިއުތިރާވެފައެވެ. އޭނާ ވިދާޅުވީ، އެގޮތަށް ކަންތައްވީ، މެމްބަރުން އަމިއްލަ އަށް އިސްނަގައިގެން ވަކި ޗެނަލްތަކުގެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ ޓީވީ ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް