ލުތުފީ އޭސީސީއިން ވަކިކުރަން ކޮމިޓީއަށް ހުށަހަޅައިފި

އޭސީސީގެ ރައީސް ހަސަން ލުތުފީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އެ ކޮމިޝަނުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ލުތުފީ މަގާމުގައި ހުންނަވައިގެން މަސައްކަތަށް ނުނިކުންނަވާތާ މިހާރު ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.

މިއަދު މިނިވަން މުއައްސަސާ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކުރިއެވެ. އޭސީސީގެ މެމްބަރުންގެ ހާޒިރުގައި މިއަދު ލުތުފީ މަގާމުން ވަކިކުރަން ހުށަހެޅީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

އެސީސީގެ މެމްބަރުންގެ އެޓެންޑެންސްއާއި ސަމަރީ ރިޕޯޓު ދެ ހަފްތާގެ ތެރޭގައި ހުށަހަޅަންވެސް މިއަދު ކޮމިޓީން ވަނީ އަންގާފައެވެ.

އެނގިފައިވާގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ ވަނީ އަހަރީ ޗުއްޓީއެއް ނަންގަވައިފައެވެ. އެފަހުން އޭނާ މަސައްކަތަށް ނުނިކުންނަވައެވެ. ނަމަވެސް، އަދިވެސް މުސާރަ ހިނގައެވެ.

ލުތުފީއަށް ތުހުމަތު ކުރެވޭ މަނީ ލޯނަޑްރިންގެ މައްސަލައެއް ފުލުހުން ބަަލަމުންދާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް