ގަތަރަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕު ބިޑު ކާމިޔާބުކޮށްދިން މައްސަލާގައި ޔޫއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ހައްޔަރު ކޮށްފި އެވެ.
ފްރާންސްގެ ރަމްޒުދާރެއް ކަމަށްވާ ޕްލެޓިނީ ޔޫއެފާގެ ރައީސް ކަމަށް އައްޔަން ކުރީ 2007 ވަނަ އަހަރު އެވެ. އޭގެ އަށް އަހަރު ފަހުން 2015 ވަނަ އަހަރު ފީފާގެ އަޙުލާގީ މައްސަލަ ބަލާ ކޮމިޓީ އިން ވަނީ އޭނަގެ މައްޗަށް ކުރެވޭ ކޮރަޕްޝަންތަކުގެ މައްސަލަތަކެއްގެ ސަބަބުން އޭނާ މަގާމުން ވަކި ކޮށްފަ އެވެ.
ނަމަވެސް އޭރު ވެސް އޭނާއަށް ކުރެވެމުން ދިޔަ އެންމެ ބޮޑު އެއް ތުހުމަތަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕު ބިޑު އުސޫލުން ބޭރުން ގަތަރަށް ހޯދައިދިން ކަމުގެ ތުހުމަތެވެ. އެކަމުގެ މައްސަލަ މިއަދާ ހަމައަށް ވެސް ކޯޓުތަކުގައި ކުރިއަށްދާ އިރު މިއަދު ހެނދުނުގެ ވަގުތެއްގައި ފްރާންސްގެ އެންޓި ކޮރަޕްޝަން އޮފީސް އޮފް ޖުޑިޝަލް ޕޮލިސް އޮފީހަށް ޕްލެޓިނީ ވަނީ ހާޒިރު ކޮށްފަ އެވެ.
އަދި މިއަދުގެ އެ އަޑުއެހުމަށް ފަހު ފްރާންސްގެ ފުލުހުން ވަނީ ޕްލެޓިނީ ހައްޔަރު ކޮށްފައިވާ ކަމަށް ޔަގީންކޮށްދީފަ އެވެ.
ގަތަރަށް ވޯލްޑް ކަޕުގެ ބިޑު 2010 ވަނަ އަހަރު ކާމިޔާބުވި އިރު ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި މަގާމުން ވަކި ކުރުމުގެ ކުރިން 2014 ވަނަ އަހަރު ޕްލެޓިނީ ވަނީ ގަތަރުގެ ވޯލްޑް ކަޕު ބިޑުގެ ކުރިން އެތަކެއް ފަހަރު ގަތަރުގެ ފުޓުބޯޅަ އޮފިޝަލް މުހައްމަދު ބިން ހައްމާމުއާއި ސިއްރު ބައްދަލުވުންތަކެއް ބޭއްވި ކަމަށް އެއްބަސް ވެފަ އެވެ.
އެގޮތުން 50-30 އާ ދެމެދުގެ އަދަދަކަށް އެފަދަ ސިއްރު ބައްދަލުވުންތަކެއް ޕްލެޓިނީއާއި ގަތަރުގެ ފުޓުބޯޅަ އޮފިޝަލުންނާ ދެމެދު ބާއްވާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.