ޖޭއެސްސީއަށް އެއްބާރުލުން ދިނުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން ގޮވާލައިފި

ފަނޑިޔާރުންތަކެއް: ބަލަން ޖެހޭ ގޮތަށް ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ދާއިރާގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ސުލޫކީ މައްސަލަތައް ގާނޫނީ އިމުގެ ތެރެއިން ބަލަން ޖެހޭ ގޮތަށް ބެލުމަކީ، ޝަރުއީ ދާއިރާގެ އިތުބާރު ބޮޑުވެގެން ދާނެ ކަމެއް ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ބުނެފި އެވެ.

ހުއްޓިފައި އޮތުމަށް ފަހު އަލުން ރަޖިސްޓްރީކޮށް މި ހަފުތާގައި މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރި ފަނޑިޔާރުންގެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމަ އަށް ތަބާވުމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަތަކުގައި އެ ކޮމިޝަނަށް ފަނޑިޔާރުން އެއްބާރުލުން ދިނުމަށް ގޮވާލާފަ އެވެ.

"ޖޭއެސްސީއަށް ހުށަހޭޅޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ތަފާތުކުރުމެއް ނެތި، ފަނޑިޔާރުންނަށް ލިބެންޖެހޭ ހައްގުތައް ފޯރުކޮށްދިނުމާއެކު، ކަނޑައެޅިގައިވާ އިޖުރާއާތާ އެއްގޮތަށް، އެކަށީގެންވާ އަވަސް މިނެއްގައި އެ މައްސަލަތައް ބަލައި، ގޮތެއް ކަނޑައެޅިގެން ދިއުމަކީ އަދުލު އިންސާފުގެ ދާއިރާއަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމެއް،" ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށް ބަޔާނުގައި ބުނެ އެވެ.

ބަޔާނުގައި ބުނީ، "ފަނޑިޔާރުންނަކީ، އާންމު ރައްޔިތުންނެކޭ އެއްފަދައިން ގާނޫނުގެ ކުރިމަތީގައި ހަމަހަމަ" ބަޔެއް ކަމަށެވެ. އެގޮތުން އެމީހުންނާމެދުވެސް ގާނޫނާ އެއްގޮތަށް ތަހުގީގީ އިދާރާރަކުން ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހައަމަށް އެޅުމަށް ބަޔާނުގައި ބުނެ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މިއަދު ބަޔާނެއް ނެރެފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ އޭނާގެ ސުލޫކީ ދެ މައްސަލައަކާ ގުޅިގެން ރޭ ވަނީ އޭނާ އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. ކޮމިޝަންގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ވަނި އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރާ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ޖޭއެސްސީއަށް ރިޝްވަތުގެ މައްސަލައެއް ހުށަހެޅުނެވެ. އަދި ޖޭއެސްސީން ވަނީ މިދިޔަ ހަފްތާތެރޭ ފަނޑިޔާރު އަބްދުﷲ ދީދީ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާތީ، އޭނާ ސަސްޕެންޑުކުރުމަށް ނިންމާފަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ހުކުމް އިއްވަންދެން، އޭނާ ސަސްޕެންޑު ކުރަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން ބަލައި ނުގަނެ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމު ދެމިއޮންނާނެ ކަމަށް ނިންމާފަ އެވެ.

comment ކޮމެންޓް