ފުލުސް ހައްޔަރުގައި ތިބި ކުށްވެރިން ދޫކޮށްލާ މައްސަލައިގައި ހޯމް މިނިސްޓަރާ ސުވާލު ކުރަން ޑީއާރްޕީ ތައްޔާރުވަނީ

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށުގައި ތިބި ހުރިހާ އެންމެން ދޫކޮށްލަން ނިންމި ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑައަމަލެއްކަމަށް ޑީއާރްޕީން ބުނެފިއެވެ.

ޑީއާރްޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނާއިބު ލީޑަރު އިބުރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ އެ މައްސަލައިގައި ހޯމް މިނިސްޓަރު ހަސަން އަފީފާއި ސުވާލުކުރުމަށް އެޕާޓީން މިހާރު ނިންމާފައިވާ ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެންގެ ޕާޓީން ހޯމް މިނިސްޓަރު ހަސަން އަފީފާއި ސުވާލު ކުރާނަން. ހަމައެއާއެކީ އަޅުގަނޑު ފުލުހުންނަށް ދަންނަވަން އޮތީ ތިޔަބޭފުޅުން ތިޔަބޭފުޅުންގެ ގާނޫނީ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރައްވާށޭ. ތިޔަބޭފުޅުންނަށް އެއްވެސް ހާލެއްގައި ތަހުގީގަށް ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްލާނެކަމުގެ އިންޒާރެއް ނުދެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

އަދި ފުލުހުން އެފަދަ ޒިންމާދާރުކަންކުޑަ އަމަލެއް ކުރެއްވުމަކީ އެޕާޓީން ހިތާމަކުރާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޣައްސާން ދޫކޮށްލުމަށް ކޯޓުން އަމުރުކުރިޔަސް ފުލުހުންގެ ބެލުމުގެދަށުގައި ތިބި އެއްވެސް ބަޔަކު ދޫކޮށްނުވެލެވޭނެ ކަމަށާއި އެކަން އެޕާޓީން ކުށްވެރިކުރާ ކަމަށެވެ.

ފުލުހުން އެބޭފުޅުންގެ ގާނޫނީ ޒިންމާ ފުރިހަމަޔަށް އަދާ ނުކުރާކަމަށް ވިދާޅުވެ ޝަރީފް ވަނީ ފުލުހުން އެބޭފުޅުންގެ ޒިންމާ ފުރިހަމަޔަށް އަދާކުރުމަށް ގޮވާލައްވާފައެވެ.

ޣައްސާން މައުމޫން ބަންދުން ދުކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެދިނުމަށް ޣައްސާންގެ ގާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ވާހަކަދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޖިނާހު ވިދާޅުވީ ޣައްސާން ދޫކޮށްލުމަށް ކޯޓުން ޣަމުރުކޮށްފިނަމަ ފުލުހުންގެ ބެލުމުގެ ދަށުގައިތިބި ހުރިހާ ކުއްވެރިން ބަންދުން ދޫކޮށްލަން ޖެހިދާނެކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު