ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (11)

އޭރު ކޮޓަރިން ވިސާމްވެސް އެއްޗެހި ބަދަލުކޮށްލަމުން ނުކުންނަނީއެވެ. އަހަރެން ވިސާމްއަށް ބަލާލުމަށްފަހު ކުރިމައްޗަށް ބަލާލިވަގުތު ފެނުނު މީހެއްގެ ސަބަބުން އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަހަރެންނަށް ވީ ގޮތް ފެނި ސުވާލުކުރަމުން ވިސާމްވެސް އައިސް ދޮރާ ދާދި ގާތުގައި ހުއްޓުނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަރެންނަށް ބަލާލުމަށްފަހު އަވަސް އަވަހަށް ދޮރު ލައްޕާލާ ތަޅުލުމަށްފަހު އިތުރު އެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

ދޮރަށް ބަލާލުމަށްފަހު ތުރު ތުރު އަޅާ ހާލު އަހަރެން އައިސް ސޯފާގައި ޖައްސާލީމެވެ. އޭރު އަހަރެން ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ. އެހާ ދުވަސް ފަހުން އަމަން ފެނުމުން އަނެއްކާވެސް ހަށިގަނޑުގައި ނޭނގޭ ޖަޒުބާތުތަކެއް ހޭލައްވާލައިފިއެވެ. އަމަން ފެނިގެން އަހަރެންނަށް ގޮތެއް ވިނަމަވެސް އަމަންއާހެދި ވިސާމްއަށް އައި ބަދަލު މާނަ ކުރަންވީ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ. ހަމަގައިމުވެސް އަހަރެންގެ ހިތުގައި އަދިވެސް އަމަންއާމެދު ލޯބި ވާކަން އެ ހިނދު ޔަގީންވެގެން ދިޔުމާއެކު އަމިއްލަ ނަފްސަށް އަޑު ލެވުނެވެ. އަމަންގެ ބާބު ނިންމާ އަބަދަށްޓަކާ އެ ބާބު ފޮރުވާލުމަށް ސިކުނޑި ގޮވަމުންދިޔަ ގޮވުމަށް ހިތް އިޖާބަ ނުދިނުމުގެ ނަތީޖާއަކަށްވީ އަނެއްކާވެސް އަމަންއަށްޓަކާ އަހަރެންގެ ދެ ލޮލުން ކަރުނަ އޮހޮރުމެވެ. އެސްފިޔަތަކަށް ބަރާވެގެން ފައިބަމުން ދިޔަ ކަރުނައިގެ ސަބަބުން އަހަރެންނަށް ނިކަމެތިކަން އަނެއްކާވެސް އިޙްސާސްކުރެވުނެވެ. އަމަންގެ ހަޔާތުގައި އަމަންއުޅޭނީ ހާދަ އުފަލުންނޭ އަހަރެންގެ ހިތަށް އެރިއެވެ.

އަހަރެންގެ ހަޔާތުގައި ކަންތައްތައް ދިމާވި ގޮތް ނިކަން ރަނގަޅަށް ވިސާމްއަށް އެނގޭނެއެވެ. އެހެންނަމަވެސް އަދިވެސް ވިސާމްގެ އެއްވެސް ސިއްރެއް އަހަރެންނަކަށް ނޭނގެއެވެ.

އާލް ސުކޫލުން ގެނެސް ޤުރުއާން ޓީޗަރު އަންނަން ވާއިރަށް އަހަރެން އާލް ތައްޔާރުކުރީމެވެ. އޭރު ކޮޓަރިއަށް ވަތް ގޮތަށް އަދިވެސް ވިސާމް ނުނިކުމެއެވެ.

"އާލް... ބައްޕައަށް ގޮވާލަން ވީނު. " އަހަރެން ކޮޓަރީގެ ދޮރަށް ބަލާލަމުން އާލްގާތު އެދުނީމެވެ. އާލް ބޯ ޖަހާލަމުން ކޮޓަރިއަށް ވަދެފައި އައިސް ބުނީ ބައްޕަ އުޅެނީ ފާހާނާގައި ކަމަށެވެ. އަހަރެން ބޯ ޖަހާލީމެވެ. އާލްއަށް ކާންދީހަދާފައި ފޮތް ލިޔަން ބޭންދުމަށްފަހު މެންދުރަށް ކާން ހަދަން އަހަރެން އަވަސްވެގަތީމެވެ. ކާންހަދާ ނިންމާފައި އައިސް ސޯފާގައި އިށީނދެ ވިސާމްއަށް އިންތިޒާރުކުރަން ފެށީމެވެ. ނުކުންނާނެ އިރަކަށެވެ. އެހެން އިންދާ ވިސާމް ނުކުތެވެ. ވަގުތު ގެ ގޮތުން އެހަށް އެ ސުވާލު ކުރަން ބޭނުންނުވިޔަސް ކަންތައްތައް އެނގެން ބޭނުންވެފައި ހުރިވަރުން އަހަރެންނަށް އިދެވެނީއެއްނޫނެވެ. އެހެންނަމަވެސް ކެތްތެރިކަން އިސްކުރީމެވެ. އޭގެފަހުން އަނެއްކާވެސް ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. އަހަރެން ބެލްކަނީގައި މަޑުކޮށްލައިގެން ހުރީމެވެ. ވިއްސާރަ ރެއެއްކަމުން ޖެހެމުންދިޔައީ ހަށިގަނޑަށް އަރާމުވާނޭ ފަދަ ވައިރޯޅިތަކެކެވެ. އެންމެ ފުރަތަމަ އަހަރެންނަށް ވިސާމްއާ ދިމާވި ރޭ މަތިން ހަނދާންއާވިއެވެ.

މޫނަށް އެޅުނު ލައިޓާއެކު ލޯމަތީގައި އަތް އަޅާލީމެވެ. ހީކުރީ އަހަރެންގެ ގައިގައި ޖެހޭނޭ ކަމަށެވެ. އެހެންނަމަވެސް ކާރު ހުއްޓުނުތަން ފެނި އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ތެދުވަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އޭރުވެސް ތަދުވާތީ އެކަން ކުރަންއަހަރެންނަށް ނުކުޅަދާނަވިއެވެ. އެހެން އިންދާ އެ ކާރުގެ ދޮރުފަތް ހުޅުވާލާފައި ފޭބީ ފިރިހެނެކެވެ. ބަލާބެލުމަށް ރީތި ޖާނުން ފަރުގަދަ ފުރާފުރިހަމަވެފައި ހުރި ފިރިހެންވަންތަ ޒުވާނެކެވެ. އެ ޒުވާނާ އައިސް އަހަރެންގެ ގާތަށް ހުއްޓި ތެދުވަން އެހީތެރިވެދިނެވެ. ތެދުވެވެވުނުކަމެއް ނޭނގުނެވެ. އަހަރެންގެ މޫނުމައްޗަށް އަނދިރިވިއެވެ. ލޯ ހުޅުވާލިއިރު އަހަރެންނަށް އޮވެވުނީ ގެއެއްގެ ބޮޑުކޮޓަރީގައި، ސޯފާއެއްގައެވެ. ގާތުގައި އަހަރެންނަށް އޭރު ފެނުނު ޒުވާނާއިނެވެ. ތެޅިގަނެފައި އަހަރެން ތެދުވަން އުޅުނީމެވެ. އެހެންނަމަވެސް ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުން ތެދުވަން އުނދަގޫވިއެވެ.

އުދަގުލުން ތެދުވެ އިށީނުމާއެކު އެ ޒުވާނާ ތަޢާރަފްވިއެވެ. އަހަރެން ބޯ ޖަހާލީމެވެ. ވަށައިގެން ހޯދާލެވުމާއެކު އަހަރެންނަށް އެ ޒުވާނާއަށް ނަޒަރު ހުއްޓާލެވުނެވެ.

"ކޮން ނަމެއް ކިޔަނީ؟" އޯގާތެރި އަޑެކެވެ.

"ޒާރާ" އަހަރެން ޖަވާބު ދިނީމެވެ.

*****

"ޒާރާ" ދާދި ގާތުން ވިސާމްގެ އަޑު އިވިފައި އަހަންނަށް ސިހިފައި ބަލާލެވުނެވެ. ގާތުގައި ހުރި ވިސާމްގެ ނަޒަރު ހުރީވެސް ދުރަށް ހުއްޓިފައެވެ.

"އަހަރެންނާ އަމަންއާ އޮތީ ކޮން ގުޅުމެއްހޭ ނާހާނަންތަ؟" ވިސާމް އަހާލިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ.

"އަހަރެންގެ ސުވާލުގެ ޖަވާބު ދޭނީ ކޮން އިރަކުންތަ ޒާރާ؟" ކުއްލިއަކަށް ވިސާމް އެހެން މައުޟޫއަކަށް ވާހަކަދައްކަން ފެށުމުން އަހަރެންނަށް ވިސާމްއަށް ބަލާލެވުނެވެ.

"ވަގުތު ކޮޅެއް ބޭނުން....." އަހަރެން ބުނީމެވެ. އިތުރު އެއްޗެއް ނުބުނެ ވިސާމް ދިޔުމާއެކު ހިޔާލުގެ ކަނޑަކަށް އަނެއްކާވެސް އަހަރެން ޢަރަގުވެގެން ދިޔައެވެ.

*****

އެރޭ އަހަރެން ދާން އުޅުމުން އަހަރެންދާނެ ތަކެއް ހުރިތޯ އަހާ ވިސާމް ސުވާލުކުރިއެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. ވީ ގޮތާ ބެހޭ ގޮތުން ސުވާލުކުރުމުން އަހަރެން ކުޑަ ގޮތަކަށް ކިޔައިދިނީމެވެ. އަހަރެން އުޅުނީ އެގޭގައި މަސައްކަތް ކުރަން ކަމަށް ބުނީމެވެ. އަންހެން ކުއްޖަކު އެކަނި މަގުމަތީގައި ރޭގަނޑުގެ ވަގުތެއްގައި ދާން އޭނާ ބޭނުންނުވާކަމަށާއި، ރައްކާތެރިނޫންކަމަށް ބުނަމުން އެގޭގައި އެރޭ މަޑުކުރެވިދާނެކަމަށް ބުންޏެވެ. އެތެރޭން ތުއްތު ކުއްޖަކު ރޮއިގަތްއަޑަށް އަހަރެންނަށް ކޮޓަރި ދައްކާފައި އޭނާ ވަނީ އެތެރެއަށެވެ. އޭގެ އަނެއްދުވަހު އަހަރެން ދާން ނުކުންނަނިކޮށް ވިސާމްއަށް ފޯނެއް އައެވެ. އަހަރެންނަށްވެސް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.

"ޒާރާ" ވިސާމް އާދޭސް އެކުލެވިގެންވީ އަޑަކުން އަހަރެންނަށް ގޮވާލާ ބުނެލިއެވެ. އޭނާ ވަޒީފާއިން އިންޓަރވިއުއަށް ގޮސްފައި އަންނަން ދެން އޭނާގެ ތުއްތު ދަރިފުޅު އާލް ގާތުގައި މަޑުކޮށްލަން ބުނުމުން އަހަރެންވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެދުވަހު އައިސް ވަޒީފާ ހަމަޖެހުނު ކަމުގައި ބުނުމުން އަހަރެން ހިނިތުންވެލީމެވެ.

އެދުވަހު ވިސާމް އެދުނީ އޭނާގެ ކުޑަ ދަރިފުޅު ބަލާލަދޭން އެގޭގައި މަޑުކުރުމަށެވެ. އަހަރެންވެސް އާ ބަސްބުނީމެވެ.

އެދުވަހަށްފަހު އަހަރެން އެގޭގައި އުޅެމުން ދޔައީމެވެ. ވިސާމްގެ ވަޒީފާއާ ބެހޭގޮތުން އެނގުނީ އޭގެ އެއް މަސް ދުވަސްފަހުންނެވެ. ވިސާމް އަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްކަމަށާއި މަސައްކަތް ކުރަނީ ކީ.ޓޮޕް.އެމް މެމޯރިއަލް ހޮސްޕިޓަލުގައި ކަމަށް ބުނުމުންނެވެ.

*****

ހިޔާލުތަކުން ނުކުންނަމުން އަހަރެން ވެސް ކޮޓަރިއަށް ވަދެ ފެންވަރާ ހަދާލައިގެން އައިސް އެނދުގައި އޮށޯވެލީމެވެ. އަހަރެން އެހަޔާތަށް ގެންނަންވެގެން ވިސާމް އެދެމުން ދިޔައީތީ އެކަމާ ވިސްނެން ފެށުނެވެ. ވިސާމް އަހަރެންނަށް ކިތަންމެ އަޅާލާނެކަން އެނގުނުނަމަވެސް އަހަރެންގެ ހިތް އެކަމަށް އެއްބަހެއް ނުވެއެވެ. އަހަރެން މިހުރިހާ ދުވަހުވެސް މިގޭގައި މިއުޅެނީ އާލް ބަލާ މީހެއްގެ ހައިސިއްޔަތުންނެވެ. އާލް އަހަރެންނަށް މަންމަ ކިޔާތީ އަހަރެންނަށް ހިސާބެއްގެ އުނދަގޫކަމެއްވެއެވެ. އެހެނީ އަހަރެން ދާ ދުވަހު އެ ތުއްތު ފުރާނައަށް ކުރާނީ ކޮން ފަދަ އަސަރެއްކަމެއް ނޭނގެއެވެ. ހަމަގައިމުވެސް ކަންތައްތައް ވިސްނާ ދެނެގަތުމުގެ ގާބިލްކަން އެ ތުއްތު ސިކުނޑީގައި ނުހުންނާނެއެވެ.

ވިސާމް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހޭތީ އެ ދަރިފުޅު އަހަރެންނާ ވަރަށް ދޯޅެވެ. އެކަން ވިސާމްއަށްވެސް އެނގެއެވެ. ވިސާމް އަހަރެންގާތު ނިމިދިޔަ ހަފްތާގައި އޭނާގެ ހަޔާތަށް އަންނަން އެހުން ވެގެން ދިޔައީ އަނެއްކާވެސް އަހަރެންގެ ހަޔާތާ މެދު ވިސްނަން ދިން ފުރުސަތަކަށެވެ.

އަހަރެން އަމަންގެ ހަނދާނުގައި މުޅި އުމުރު ހުންނާނީނޫންތޯ ނޫނީ އާ ހަޔާތެއް ފަށާނީތޯ އަހަރެންގެ ހިތުގައި ބަހުސެއް ހިނގަން މެދުވެރުވި ސުވާލަކަށް ވިސާމްގެ އެ ސުވާލުވިއެވެ.

އަނެއްކޮޅުން އަހަރެންގެ ހަޔާތުގައި އެފަދަ ބޮޑު އިމްތިހާނަކާއި ކުރިމަތިވެފައި ވަނިކޮށް އަމަން އަނެއްކާ ކޮންމެވެސް ސިފައެއްގައި އަހަރެމެންގެ ހަޔާތަށް އައިސްފިއެވެ. މެހެމާނެއްގެ ގޮތުގައިވިޔަސް ހެވެ. އަހަރެންގެ ނަފްސުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އަމަންއާ މެދު އަނެއްކާވެސް ޝަކުވާ އުފެދުނެވެ. އަނެއްކޮޅުން ވިސާމްވެސް އަދިވެސް އަމަން އަކީ ކާކުކަމެއް އަހަރެންގާތު ނުބުނެއެވެ. އެ ސުވާލު ވިސާމް ގާތު އަހައިގެން ކޮންމެހެން ހޯދާކަށްވެސް ބޭނުމެއްނޫނެވެ. ވިސާމް އެވާހަކަ ކިޔައިދެވޭ ވަރަށް ތައްޔާރުވީމާ ކިޔައިދޭނެކަމަށް އަހަރެން ގަބޫލުކުރީމެވެ.

އޭގެފަހުން އަނެއްކާވެސް ދެހަފްތާ ފާއިތުވެ ހިނގައްޖެއެވެ. ވިސާމް އާދައިގެ މަތިން ޑިއުޓީގައެވެ. އަހަރެން އުޅުނީ ގޭތެރެ ސާފުކުރާށެވެ. އާލްވެސް ވީ ސްކޫލުގައެވެ. ވިސާމްވެސް ރެގައި ދަންވަރު މަސައްކަތުގައ އުޅެފައި މިހާރު އަންނަން އުޅޭނެތީ ކާންއެއްޗެއް ތައްޔާރު ކުރަންވެސް އެބަޖެހެއެވެ.

ގޭގެ ރަނގަބީލުގެ އަޑަށް އަހަރެން ގޮސް ހުޅުވާލީމެވެ. ވިސާމްއަތުގައި ތަޅުދަނޑު އޮންނާނެއެވެ. އެހެންކަމުން މި ވަގުތު އަންނާނީ ކާކުބާއޭ ހިތަށް އަރާފައި ގޮސް ހުޅުވާލީއެވެ. އެއާއެކު އަހަރެންނަށް ލިބުނީ ސިހުމެކެވެ. އަމަން ފެނުމާއެކު ތުންފަތުގައި ދަތް އަޅާލީމެވެ. އަހަރެން ފަހަތަށް ފިޔަވަޅެއް އަޅާލީމެވެ. ކަންތައް ކުރަންވީ ގޮތް ނޭނގުމާއެކު ދެއަތް ދެއަތާ މޮޑެން ފެށުނެވެ.

އިތުރަށް އަހަރެން ހާސްކުރުވަމުން އަމަން އެތެރެއަށް ވަދެ ދޮރު ތަންޑުއަޅުވާލިއެވެ. ވަށައިގެން ބަލާލީ ހިންހަމަޖެހިފައިވާ ފަދަ ގޮތަކަށެވެ.

"އަމަން ކީ ކުރަން ތިއުޅެނީ. ނުކުމޭ. މިގޭގައި އެހެން މީހުންވެސް އުޅޭ" އަމަންއަށް ބަލާލުމަށްފަހު އަހަރެން ވާހަކަދެއްކީމެވެ. ހިތްވަރު ކުރަން މަސައްކަތް ކުރަމުންނެވެ.

"ޒާރާ. މިގޭގައި ވިސާމް އާ އެކު؟" އަމަން އަހަރެންނާ ގާތަށް ފިޔަވަޅެއް އަޅަމުން ވާހަކަދެއްކިއެވެ. އަހަރެން ފަހަތަށް ޖެހެމުން ދިޔައީމެވެ.

އަމަންއައިސް އަހަރެން ފާރުގައި ތަތްކޮށްލަމުން އަހަރެންގެ މޫނަށް ނިކަން ފުން ނަޒަރަކުން ބަލާލިއެވެ.

"އަމަންއާއި ވިސާމްއާ އޮތީ ކޮން ގުޅުމެއް؟" އަމަން ކުރި ސުވަލަށް ޖަވާބު ދިނުމެއްނެތި އަހަރެންވެސް ސުވާލެއްކޮށްލީމެވެ. އެއާއެކު އަމަންލުއި ގޮތަކަށް ހީލިއެވެ.

"އަހަރެންވިސާމްއަށް ގޮވާނަން. ހަމަމިހާރު ނުކުމޭ" އަހަރެން އަމަންއާ ދިމާލަށް ބަލާލަމުން ވާހަކަދެއްކީމެވެ. ހިތުގައި އަޅަމުން ދިޔަ ވޭނާ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ޖަޒުބާތުތަކުގެ ސަބަބުން އަހަރެންނަށް ވަމުން ދިޔަ ގޮތްތަކުގެ ކުޑަވެސް ހިލަމެއް އަމަންއަށް ވާކަށް އަހަރެން ބޭނުމެއްނޫނެއެވެ.

"ވިސާމްގޭގައި ނެތްކަން އަހަރެންނަށް އެނގޭ" އަމަން ގެ ޖަވާބު ކުރެވެ.

އެހެން ހުއްޓާ ގޭގެ ދޮރު ހުޅުވާލާފައި ވިސާމްވަނެވެ. އަމަން ހުރިގޮތުން ވިސާމް އައިސް އަމަން ދުރަށް ލަމުން އެގޭން ނުކުތުމަށް އަމުރު ކުރިއެވެ. އިރުކޮޅަކު ވިސާމްއަށް ބަލަންހުރެފައި އަމަން އައިސް ވިސާމްގެ ގިރުވާނުގައި ހިފިއިރު އޭނާގެ މޫނުމަތިން އަހަރެންނަށް ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. އެ ދެލޮލުން ވިސާމް ފިއްސާލަފާނެހެން ހީވެއެވެ.

އަހަރެންނަށް ހަދާންގޮތް ނޭނގުމުން ހަރަކާތެއްނެތި ހުރެވުނީއެވެ. އަމަންގެ ރުޅިވެރި މޫނާއި އެ މޫނުމަތިން ފެނުނު ޖެހިލުން ކުޑަކަމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ކުޑަ ހިނދުކޮޅަކަށް ވިނަމަވެސް ރޫރޫ އަޅައިގެން ދިޔައެވެ. ޖެހި ބުދެއްހެން އަހަރެން ހުއްޓާ އަމަންގެ އަތުގެ ގޮށްމުށުގެ ހަމަލާއެއް ވިސާމްގެ މޫނުމައްޗަށް އަރައިގެން ދިޔުމާއެކު ވިސާމްގެ ތުންފަތް ފަޅައިގެން ގޮސް ލޭތައް އޮހޮރެން ފަށައިފިއެވެ.

(ނުނިމޭ...)

https://sun.mv/120393

comment ކޮމެންޓް