ލޮނުމެދަކީ ދިވެހިންގެ ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ މުހިންމު ބާވަތެކެވެ. އެހެންނަމަވެސް ލޮނުމެދެއް ނޮޅައި ކޮށާ އަދި ކައި ނިމޭއިރު، އެ ދުވާ ވަހާއި އެ ހުންނަ ރަހައަކީ އެއްބަޔަކަށް ވަރަށް ކަމުނުދާ ނުބައި ވަހެކެވެ. ފަހަރެއްގައި މި ސަބަބާއި ހުރެ ލޮނުމެދު ބޭނުން ނުކުރާ އެތަށް ބަޔަކުވެސް އުޅެދާނެ އެވެ.
ކޮންމެއަކަސް، ޓްވިޓާގައި މިހާރު ވައިރަލް ވެގެން އުޅޭ ވީޑީއޯއަކުން ލޮނުމެދާއި މެދު ހުރި އެތަށް ޝަކުވާއަކަށް ފަރުވާއެއް ލިބިއްޖެކަހަލަ އެވެ. ތުނި ތުނި ތޮށްޓެއް ހުންނަ ލޮނުމެދުގެ ތޮށި ނޮޅާލުމަށް މިހާރަކު ދެން ހާސްވާކަށް ނުޖެހޭނެ އެވެ.
ކެނެޑާގައި ދިރިއުޅޭ ވެލެންޓީނާ ނަމަަކަށް ކިޔާ އަންހެނެއް ޝެޢާ ކޮށްފައިވާ މި ވީޑިއޯގައި ފެންނަނީ ލޮނުމެދު ތޮށި ނޮޅާލުމަށް ކޮންމެހެން ކޮންމެ ލޮނުމެދެއް ވަކިކޮށްލުމުގެ ބަދަލުގައި ޕެއާރިން ނައިފްއަކުން ލޮނުމެދު ކޮޅަށް ހަރާލުމަށްފަހު ނެރެލުމުން ތޮށްޓާއި ވަކިވެގެން ލޮނުމެދުގަނޑު ނުކުންނަތަނެވެ.
މިގޮތަށް ލޮނުމެދުގެ ތޮށި ނޮޅާނަމަ ގައިމުވެސް މުޅި އަތުގައި ހޭކި ވަސް ފެތުރުމުން ސަލާމަތްވާނެ އެވެ.
މި ވީޑިއޯ ޓްވިޓާގައި ހިއްސާ ކުރަމުން ވެލެންޓީނާ ބުނެފައިވަނީ، އޭނާއަކީ ވަރަށް ގިނައިން ކޮރެއަން ފުޑް ތައްޔާރުކުރާ މީހަކަށް ވާއިރު މިއީ އޭނާއަށް ލޮނުމެދު ތޮށި ނޮޅާލެވޭ އެންމެ ފަސޭހަ ގޮތްކަމަށެވެ.
މި ވީޑިއޯ އަޕްލޯޑް ކުރިތާ 24 ގަޑިއިރު ނުވަނީސް އެއްލައްކައަށްވުރެ ގިނަ ލައިކްސް އާއި ފަންސާސް ހާހަށްވުރެ ގިނަ ރީޓްވީޓްވަނީ ވަނީ ލިބިފަ އެވެ.
މި ވީޑިއޯ ފެނި އެތަށްބަޔަކަށް ހައިރާންކަން ލިބުނު އިރު މިފަދައިން ލޮނުމެދު ތޮށިނޮޅަން މަސައްކަތްކުރި މީހުންވެސް ވަކި މަދެއް ނޫނެވެ. އަދި އިތުރު އެތަށްބަޔަކަށްވެސް މި ވީޑިއޯގައި ދައްކާފަދައިން ލޮނުމެދު ތޮށީ ނޮޅާލެވުމުން މިއީ ހަގީގަތުގައިވެސް ވާނެ ކަމެއްކަން ޔަގީންކޮށްދެ އެވެ.
މި ވީޑީއޯ އިން ފެންނަ ގޮތުގެ އިތުރަށް ލޮނުމެދު މައިކްރޯވޭވްއެއްގައި 20 ސިކުންތުވަރު ހޫނުކޮށްގެންވެސް މީހުން ތޮށި ނޮޅަ އެވެ. އަދި ނުވިތާކަށް ލޮނުމެދު ތޮށި ނޮޅާ ހާއްސަ އިކުއިޕްމަންޓްތައްވެސް ވަނީ ތައާރަފްކޮށްފަ އެވެ.