ދިގު އިންތިޒާރަކަށް ފަހު މުއާގެ "ލީނާ" އަންނަ މަހު ސްކްރީނަށް

ލީނާ އަޅުވަނީ އަންނަ މަހު 23 ގައި---

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓްކޮށްފައިވާ "ލީނާ" އަކީ މި އަހަރު ސިނަމާއިން ބަލާލަން ގިނަ ބަޔަކު ކެތްމަދުވެފައި ތިބި ފިލްމެކެވެ.

ގިނަ އިންތިޒާރުތަކެއް ކުރުމަށްފަހު މިހާރު މިވަނީ ފިލްމު އަޅުވާ ތާރީހު ޔަގީންވެފައެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު "ލީނާ" ސްކްރީނަށް އަންނައިރު މިހާރު ކުރިއަށްދާ މަސައްކަތަކީ ފިލްމުގެ ޑަބިންގެ މަސައްކަތް ކަމަށް ފިލްމުގެ ޑައިރެކްޓަރު މުއާ "ސަން"އަށް ބުންޏެވެ.

"ފިލްމުގައި ހިމެނޭނެ ޖުމްލަ ތިން ލަވަ. ޝޫޓްކުރާނީ ދެ ލަވަ. އަނެއް ލަވައަކީ ފިލްމުގެ ޕްރޮމޯ ލަވަ. އުންމީދަކީ ވީހާވެސް ގިނަ ބަޔަކު ފިލްމު ބަލަން ދިޔުމަށް،"

"ލީނާ" އަކީ ބެލުންތެރިން ޝައުގުވެރިވާނެ ފިލްމެއްކަމުގެ ޔަގީންކަން މުއާ ދެއެވެ.

ފިލްމަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށާއި ހުރިހާ ތަރިންގެ އެކްޓިން އާ މެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް މުއާ ބުންޏެވެ. "ހުރިހާ ތަރިން ވެސް ވަރަށް މޮޅު،"

"ލީނާ"ގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާ މަރިޔަމް އައްޒައެވެ. އައްޒަ ފެންނާނީ ލީނާގެ ރޯލުންނެވެ. އަދި ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ.

އޭގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

ފިލްމުގެ ޓްރެއިލާއެއް ވަނީ މިދިޔަ ފެބްރުއަރީ މަހު ދައްކާލާފައެވެ.

ޓްރެއިލާއިން ޝައުގުވެރި ލީނާގެ ބަސްކޮޅުތަކެއް ފެނިގެންދިޔަ އެވެ. ނުޒުހަތު ޝުއައިބު (ނުޒޫ) އާ އެކު ސަކަރާތްޖަހާ މަންޒަރު ފެނިގެންދިޔަ އިރު ލީނާގެ ލޯބިވެރިޔާ އަލީ އާޒިމް (ދޮން އައްޔަ) އާއެކު ހޭދަކުރާ ލޯބި ވަގުތުކޮޅުވެސް ފެނެ އެވެ. އަދި ލީނާގެ ގާތިލް މުއާ (ޒުހޫރު) ވެސް ޓްރެއިލާގައި ފެނެ އެވެ.

ނޭވާ ހިފަހައްޓާލަން ޖެހޭ ގިނަ މަންޒަރުތަކެއް ފެނިގެން ދިޔަ އެ ޓްރެއިލާގެ އެންމެ ފަހު ބަސްކޮޅަކަށް އިވުނީ "އެކަމަކު މި ދުނިޔެ އަހަރެން ހީކުރިހާ އަމާންތަނަކަށް އަހަންނަކަށް ނުވި،"ކަމަށެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެ އެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

ދިގު އިންތިޒާރަކަށް ނިމުން އަންނަން މާ ދުވަހެއް ނެތެވެ. "ލީނާ" އަޅުވާ ތާރީހު މިހާރު މިއޮތީ ޔަގީންވެފައެވެ.

comment ކޮމެންޓް