ވައުދުތައް ފުއްދުމަށް ބޭރުގެ އެހީ ބޭނުންވޭ: އަމީރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝާން އިލްޔާސް

ސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކާއި ރިޔާސީ މެނިފެސްޓޯގައި ވެފައިވާ ވައުދުތައް ފުއްދުމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ ހަތަރު ވަނަ ޕާޓްނާޝިޕް ފޯރަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ މާލީ އަދި އިގުތިސޯދީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ވައުދުތައް، މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދުމަށް ޓަކައި އަޅުގަނޑުމެން އެބަ ބޭނުންވޭ ބޭރުގެ އެހީ އާއި ބޭރުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން،"

މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ހިމަނާ ޕްރޮޖެކްޓުތައް ހިންގުމަށް ވެސް ބޭރުގެ އެހީ ބޭނުންވާ ކަމަށެވެ.

ޕާޓްނާޝިޕް ފޯރަމް ރާއްޖޭގައި ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތުން ބޭރުގެ ޕާޓްނަރުން ރާއްޖެ އަމުން، ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ފެންނާނެ ކަމަށެވެ.

"މާލީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއި ޓްރާންސްޕޭރެންޓް އޯޕަން ޕްރޮސެސްއެއްގެ ތެރެއިން އަޅުގަނޑުމެން ގެންދަން ބޭނުންވާ ކަންތައްތައް އެބޭފުޅުން ރާއްޖޭގައި ތިބެ، ފެނުން މުހިއްމު ކަމަށް ދެކެން،"

މި ފޯރަމުގެ ޒަރިއްޔާ އިން ކުރިއަށް އޮތް ފަސް އަހަރަށް މެނިފެސްޓޯކައި ކަނޑައަޅާފައިވާ ވައުދުތައް ފުރިހަމަ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެހީއަކަށް ވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އަދި ބޭރުގެ ފަރާތްތަކަށް ރާއްޖެއަށް އިންވެސްޓުކުރަން ހުރި ފުރުސަތުތައް ވެސް ހިއްސާ ކުރެވޭނެ،"

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ރާއްޖެއަކީ އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ތަނެއްކަން ޔަގީންކޮށްދިނުމަށް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝާން އިލްޔާސް

ޕާޓްނާޝިޕް ފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނެ ދާއިރާތައް

  • މާލީ އަދި އިގްތިސާދީ ދާއިރާ: ރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގްތިސާދީ ހާލަތުގެ މައުލޫމާތު ދިނުން.
  • ނޫ އިގްތިސާދު: ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިގްތިސާދު ތަރައްގީކުރުން
  • އިޖުތިމާއީ ދާއިރާ: ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްގީކުރުމާއި، ސަގާފީ އަދި ޒުވާނުންނާ ގުޅޭ ކަންކަމާއި ބޯހިޔާވަހިކަން
  • އިދާރާތައް ހަރުދަނާކުރުން: އިދާރާތައް ހިންގުމާޢި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުން.
  • ޕްރައިވެޓް ސެކްޓަރާ ގުޅިގެން ތަރައްގީ ގެނައުން.

ޕާޓްނާޝިޕް ފޯރަމުގައި ސިއްހީ ދާއިރާ ހަރުދަނާ ކުރުމާއި ތަރައްގީ ކުރުމުގެ އިތުރުން ތައުލީމީ ދާއިރާ އާއި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އިތުރުން އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

https://sun.mv/120440

comment ކޮމެންޓް