ހޮންކޮންގްގެ ލީޑަރުގެ އިސްތިއުފާއަށް ގޮވާލައި، މުޒާހަރާތައް އަދިވެސް ކުރިޔަށް

ހޮންކޮންގްގެ ލީޑަރުގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް މީހުން ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: އޭޕީ

ހޮންކޮންގް (ޖޫން 16): ހޮންކޮންގްގެ ލީޑަރުގެ އިސްތިއުފާއަށާއި އެސިޓީގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުން އެހެން ގައުމުތަކާ ހަވާލު ކުރުމާ ބެހޭ އާ ބިލު އުވާލުމަށް ގޮވާލައި އެސިޓީގެ އެތައް ހާސް މީހުން މިއަދުވެސް މުޒާހަރާތައް ފަށައިފި އެވެ.

ހޮންކޮންގްގައި އެމުޒާހަރާތައް ކުރިއަށްގެންދަނީ، ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލު ފާސް ކުރުން ފަސް ކުރަން ނިންމާފައިވާ ކަމަށް ލީޑަރު ކެރީ ލާމް ވިދާޅުވި ފަހުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ މިދިޔަ ފެބްރުއަރީ މަހު ލެޖިސްލޭޓިވް ކައުންސިލަށް ހުށަހެޅި އެބިލު އެއްކޮށް އުވާލަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ލާމް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ބުނެފަ އެވެ.

ހޮންކޮންގްގެ ސަރުކާރުން އެބިލު ހުށަހެޅީ، ޓައިވާނުގައި ހުރި ހޮންކޮންގްގެ މީހަކު އޭނާގެ ލޯބިވެރިޔާ މަރާލި މައްސަލައާ ގުޅިގެންނެވެ. އެމީހާ ވަނީ ފަހުން ހޮންކޮންގަށް އައިސްފަ އެވެ. އަދި ޓައިވާނާއި ހޮންކޮންގްއާ ދެމެދު ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވުމުން، އެމީހާ ޓައިވާނާ ހަވާލު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ހޮންކޮންގްގެ ލީޑަރު ކެރީ ލާމް ވަނީ ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލު ފާސްކުރުން ފަސް ކުރަން ނިންމަވާފަ -- ފޮޓޯ: އޭޕީ

އެހެންކަމުން ހޮންކޮންގްއިން ވަނީ އެސިޓީން ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން އެއްބަސްވުމެއް ހަދާފައި ނުވާ ގައުމުތަކާ އެކު ކުށްވެރިން ބަދަލު ކުރުމަށް ފުރުސަތު ދޭނެ ބިލެއް ހަދާފަ އެވެ. އެބިލު ފާސްކޮށްފި ނަމަ ހޮންކޮންގްގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާވެސް ހަވާލު ކުރެވޭނެ އެވެ. އަދި މިދިޔަ ހަފްތާގައި އެބިލާ ދެކޮޅަށް އެއް މިލިއަން މީހުން މުޒާހަރާ ކުރީ އޭގެ ސަބަބުންނެވެ.

އެބިލާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ބިލު ފާސްކުރުމުން ހޮންކޮންގްގެ ޝަރުއީ މިނިވަންކަން ގެއްލި، ހޮންކޮންގެ ރައްޔިތުންނާއި އެސިޓީއަށްދާ އެހެން މީހުންވެސް ޗައިނާގެ މުށު ތެރެއަށް ގެންދިޔުމަށް މަގުފަހިވާނެ އެވެ. އަދި އެފަރާތްތަކުން ވަނީ ޗައިނާއަކީ އެގައުމުން ހައްޔަރުކުރާ މީހުންނަށް އަނިޔާކޮށް، ބިރުދައްކައިގެން ކުށަށް އިއުތިރާފު ކުރުވާކަމުގެ ރެކޯޑު އޮންނަ ގައުމެއް ކަމަށް ބުނެފަ އެވެ.

ހޮންކޮންގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި މުޒާހަރާއަށް ފަހު ބުދަ ދުވަހު ބޭއްވި މުޒާހަރާ ކޮންޓްރޯލު ކުރުމަށް ފުލުހުން ވަނީ ރަބަރު އުންޑަ އާއި ޕެޕާ ސްޕްރޭ ޖަހާފަ އެވެ. އޭގެ ސަބަބުން 80އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި އެމުޒާހަރާތަކަކީ "ރާވައިގެން ކުރިއަށްގެންދިޔަ ހަމަނުޖެހުންތަކެއް" ކަމަށް ލާމް ވިދާޅުވުމުން ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް