ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ބަލިވެ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ މާޔޫސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.
ނިމިގެން މިދިޔަ ސީޒަނުގައި ކުރިމަތިވި ބޮޑު ނާކާމީޔާބީގެ ހިތްދަތި ހަނދާންތައް ނުފިލާ އުޅެނިކޮށް ކޮޕާ އެމެރިކާގައި ވެސް އެފަދަ ނާކާމީޔާބީއެއް ކުރިމަތި ވުމަކީ މެސީއަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. ސަބަބަކީ ވަކި ވަކި ކުޅުންތެރިންގެ ސްޓެޓްސްއަށް ބަލައި އިރު މިދިޔަ ސީޒަނުގައި ބޮޑު ތަނުން މެސީ ކުރި ހޯދި ނަމަވެސް އޭނަގެ ޓީމަށް ބޮޑު ކާމިޔާބެއް ނުލިބުމުން މިއަހަރުގެ ބެލެންޑިއޯ ހޯދުމަށް މެސީއަށް އުނދަގޫވާނެތީ އެވެ.
އެންމެ ފަހުގެ ދެ ކޮޕާގެ ވެސް ރަނަރަޕްކަން ހޯދި އާޖެންޓީނާއިން ރޭގެ މެޗަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ނަމަވެސް ކޮލޮމްބިއާގެ އަވަސް އަދި ހުނަރުވެރި ކުޅުމާ އެކު އާޖެންޓީނާ ވަނީ އެ ޓީމުގެ އަތް ދަށު ވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަޖެހިގެން ކޮލަމްބިއާ ކުޅުނު އިރު އާޖެންޓީނާ ވެސް ވަނީ އެ ހާފުގައި ކޮލަމްބިއާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ އާޖެންޓީނާއިން ގިނަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް ސިހުން ގެނުވީ ކޮލަމްބިއާގެ ފޯވާޑް ރޯޖާ މާރޓީނެޒް ޖެހި ގޯލުންނެވެ. ދެ ކުޅުންތެރިން ގާތުން ބީޓު ކުރުމަށްފަހު މާޓީނޭޒް ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒު ކޮށްލައި އެ ޓީމަށް ލީޑު ނަގައިދިންތާ މާ ގިނަ އިރުތަކެއް ނުވަނީސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޑުވާން ޒަޕަޓާ ވަނީ އިތުރު ގޯލެއް ޖަހައި ކޮލަމްބިއާއަށް ލީޑު ފުޅާ ކޮށްދީފަ އެވެ.
އެ މެޗަށް ފަހު ގިނަ ބަޔަކު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް އިނގިލި ދިއްކުރަމުން އަންނަ އިރު މިފަހަރުގެ މުބާރާތަކީ އޭނާ ކުޅޭ ފަހު ކޮޕާ އެމެރިކާއަށް ވުން ވެސް ގާތެވެ. ނަމަވެސް މެސީ ބުނީ މާޔޫސްވި ނަމަވެސް އަދިވެސް އުންމީދު އެބައޮތް ކަމަށެވެ.
"މި މެޗު ނިންމާލާފައި ދާން މި ޖެހުނީ ބޮޑު މާޔޫސްކަމެއްގައި،" މެސީ ރޭގެ މެޗަށްފަހު ނޫސަވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
"މިކަހަލަ ބައްޔެއް ވުމުން ވަގުތު ނަގާނެ މިކަމުން އަރައިގަންނަން. އެކަމު މިކަމުގެ ހިތާމައިގައި ތިބެގެން ކުރިއަކަށް ނުދެވޭނެ. މެޗުން ފާހަގަވި ރަނގަޅު ކަންކަމާ އެކު ކުރިއަށް އޮތް މެޗަށް ތައްޔާރުވާން ވިސްނަން ވީ."
އާޖެންޓީނާއާއި ކޮލަމްބިއާ މެޗުގެ އިތުރުން ވެސް ރޭ ވަނީ މި މުބާރާތުގައި މެޗެއް ކުޅެފަ އެވެ. ވެނެޒުއެލާއާއި ޕެރޫ ބައްދަލު ކުރި އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.