ދިއްލީ (ޖޫން 16): އިންޑިއާއަށް އެތެރެ ކުރާ އެމެރިކާގެ 28 އުފެއްދުމަކުން ނަގާ ޑިއުޓީ އެގައުމުން މިއަދު ބޮޑުކޮށްފި އެވެ.
އެމެރިކާގެ އާފަލާއި އަލްމަންޑާއި ވޯލްނަޓްސް ފަދަ ބައެއް ތަކެތިން ނަގާ ޑިއުޓީ ބޮޑު ކުރަން އިންޑިއާއިން ނިންމީ، އެމެރިކާ އިން އިންޑިއާއަށް ދީފައި އޮންނަ ވިޔަފާރީގެ ހާއްސަ އިނާޔަތްތައް ކަނޑާލުމުންނެވެ.
އިންޑިއާއަކީ މީގެ ކުރިން އެމެރިކާގެ "ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސް" ޕްރޮގްރާމުގެ ދަށުން އެންމެ ބޮޑު މަންފާއެއް ހޯދަމުން އައި ގައުމެވެ. ނަމަވެސް އެއިނާޔާތްތައް ކަނޑާލުމުން އިންޑިއާގެ 5.6 ބިލިއަން ޑޮލަރުގެ އެކްސްޕޯޓު އުފެއްދުންތަކަށް އޭގެ އަސަރު ކުރާނެ އެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެމެރިކާގެ އުފެއްދުންތަކުން ޑިއުޓީ ބޮޑު ކުރަން ނިންމީ އާއްމު މަސްލަހަތަށް ބަލާފަ އެވެ. އެދެ ގައުމުގެ ވިޔަފާރި ވަނީ މިދިޔަ އަހަރު 142 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އެއީ 2001 ވަނަ އަހަރާ އަޅާ ބަލާ އިރު ހަތް ގުނަ އިތުރު އަދަދެކެވެ.
އެމެރިކާގެ އުފެއްދުންތަކުން ޑިއުޓީ ނަގަން އުޅޭ ކަމަށް އިންޑިއާއިން ފުރަތަމަ ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް ދެގައުމުގެ މެދުގައި ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާތީ އެގަވާއިދު ތަންފީޒު ކުރުން ލަސް ކުރީ އެވެ.
އަދި މިމަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އިންޑިއާގެ މާކެޓުތަކުގައި އެމެރިކާއަށް އޮތް ފުރުސަތުތައް އިތުރު ކޮށްފި ނަމަ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ރަނގަޅު ވާނެ ކަމަށް ވިދާޅުވެފަ އެވެ.