އާޖެންޓީނާގައި ގެއްލުވާލި ދެމަފިރިއެއްގެ ދަރިފުޅަށް، 40 އަހަރު ފަހުން އާއިލާ ހޯދިއްޖެ

ހާވިއާ ޑަރޯ މިހަލްޗަކް (މ) އޭނާގެ ބޮޑުބޭބެ (ވ)އާ އެކު. ފޮޓޯތަކުން ފެނިގެން ދަނީ ގެއްލުވާލާފައިވާ ދެމަފިރިން -- ފޮޓޯ: ރޮއިޓާސް

ބުއޭނޮސްއައިރިސް (ޖޫން 14): އާޖެންޓީނާގައި 1974އިން 1983އަށް ކުރިއަށް ދިޔަ ހަނގުރާމައިގައި ގެއްލުވާލާފައިވާ ދެ އެކްޓިވިސްޓެއްގެ ދަރިފުޅަށް، 40 އަހަރު ފަހުން އޭނާގެ އާއިލާ ހޯދިއްޖެ އެވެ.

އާޖެންޓީނާގެ "ޑާޓީ ވޯ"ގައި އޭރު ވެރިކަމުގައި އޮތް އަސްކަރިއްޔާއިން ހާވިއާ ޑަރޯ މިހަލްޗަކްގެ މަންމަ އާއި ބައްޕަ ގެއްލުވާލީ އޭނާގެ އުމުރުން އެންމެ ހަތަރު މަހުގަ އެވެ. އޭރު މިހަލްޗެކްގެ މަންމަ އިނީ ބަލިވެ އެވެ.

އަދި އެހާދިސާއަށް ފަހު މިހަލްޗަކް އެޑޮޕްޓު ކުރީ އޭނާގެ މައިންބަފައިންނަށްވީ ގޮތެއް ނޭނގޭ ދެމަފިރިންނެވެ.

މިހަލްޗަކް ބުނި ގޮތުގައި އޭނާ ވަނީ އެޑޮޕްޓުކޮށްފައިކަން އަބަދުވެސް އެނގެ އެވެ. އަދި ޑީއެންއޭ ޓެސްޓު ހަދަން ނިންމީ، އޭނާއަކީ ގެއްލުވާލާފައިވާ ދެމަފިރިއެއްގެ ދަރިފުޅު ކަމަށް ލަފާ ކުރެވުމުންނެވެ. އެމަސައްކަތަށްޓަކައި އާޖެންޓީނާގެ "ގްރޭންޑްމަދާސް އޮފް ދަ ޕްލާޒާ ޑި މަޔޯ"ގެ އެހީ މިހަލްޗަކް ހޯދި އެވެ. އެއީ އަސްކަރިއްޔާއިން މަރާލާފައިވާ ނުވަތަ ގެއްލުވާލާފައިވާ މީހުންގެ ދަރިން ހޯދުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. އަދި މީގެ ކުރިން އެޖަމްއިއްޔާއިން ވަނީ އެގޮތަށް 129 ކުއްޖަކު ހޯދާފަ އެވެ.

މިހަލްޗެކް (ވ) އާއި އޭނާގެ ބޮޑުބޭބެ ރޮބާޓޯ -- ފޮޓޯ: ރޮއިޓާސް

މިހަލްޗަކްގެ ޑީއެންއޭ ޓެސްޓު ހޯދުމުން އެންމެ ފުރަތަމަ ދީމާވީ އޭނާގެ ބޮޑުބޭބެ ރޮބާޓޯ މިހަލްޗަކްއާ އެވެ. އަދި ރޮބާޓޯ ވަނީ މިހަލްޗަކް ހޯދުމަށް ފާއިތުވި 40 އަހަރު ތެރޭ އެތައް މަސައްކަތެއްކޮށްފައިކަން އެނގުނެވެ.

"އަހަންނަކީ ކާކުކަން އެނގުމަކީ، އަހަރެންގެ މަންމަ އާއި ބައްޕައަށް އިހުތިރާމު އަދާކޮށް، ރޫހަށް ހަމަޖެހުން ގެނެސްދޭ، [އެމީހުންގެ] ހަނދާންތަކާއި ހަގީގަތާއި އިންސާފު ރަމްޒުކޮށްދޭ ކަމެއް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން މިހަލްޗަކް ބުންޏެވެ.

އަދި އާއިލާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އޭނާއަށް އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ އޭނާގެ ބޮޑުބޭބެ އޭނާގެ ގައިގައި ބައްދާލި ވަގުތުކޮޅު ކަމަށް މިހަލްޗަކް ބުންޏެވެ.

"މިހުރިހާ ކަމެއްގެ ތެރެއިން އެންމެ ވަގުތުކޮޅެއް ފާހަގަކޮށްލާ ނަމަ އަހަންނަށް އެންމެ މުހިއްމު ވަގުތުކޮޅަކަށްވީ، އަހަރެން ހޯދާތާ 40 އަހަރު ފަހުން "ތިއީ ހާވީ ހެއްޔޭ" ބުނެ، އަހަރެންގެ ގައިގައި ބޮޑުބޭބެ ބައްދާލި ވަގުތު،" މިހަލްޗަކް ކިޔައި ދިނެވެ.

މިހަލްޗަކްގެ ބޮޑުބޭބެ ބުނި ގޮތުގައި އޭނާގެ ދައްތަ ފެނުމުގެ އުއްމީދު ކުޑަވި ނަމަވެސް، ހާވިއާ ފެންނާނެ ކަމުގެ އުންމީދު އެއްވެސް ވަރަކަށް ކަނޑާނުލަ އެވެ.

"އަހަންނާއި މަންމަ އަބަދުވެސް އުއްމީދު ކުރަން ދައްތަ އާއި ހާވިއާ ދިރިތިބި ކަމަށް. އަދި ދައްތަ [ދިރިހުރި] ކަމުގެ އުއްމީދު ކުޑަވި ނަމަވެސް ހާވިއާއާ މެދު އެއްވެސް އިރެއްގަ އުއްމީދު ކަނޑައެއް ނުލަން. އޭނާ އަންނާނެ ދުވަހަކަށް [އެ އާއިލާގެ] ފޮޓޯތަކުން ފުރިފައިވާ އަލްބަމެއްވެސް ރައްކާކުރިން،" ބޮޑުބޭބެ މިހަލްޗަކް ބުންޏެވެ.

މިހަލްޗަކް ބުނި ގޮތުގައި އޭނާ ދެން މަސައްކަތް ކުރާނީ އޭނާގެ ބައްޕަ، ހުއާން މެނުއެލް ޑަރޯ އާއި މަންމަ އެލެނާ މިހަލްޗަކް އާއި އޭނާގެ ކޮއްކޮއެއްވާ ނަމަ އެކޮއްކޮއާ ބެހޭ އިތުރު މައުލޫމާތު ހޯދާށެވެ. އަދި އޭނާ ވަނީ، ގެއްލުވާލާއިފައިވާ ބަޔަކާ ގުޅުން ހުރި މީހެއް ކަމަށް ލަފާ ކުރެވޭ ނަމަ، އެމީހަކުވެސް ޑީއެންއޭ ޓެސްޓު ހަދައި، އާއިލާ އަލުން ހޯދުމަށް އެދިފަ އެވެ.

މިހަލްޗެކް އާއި ގްރޭންޑްމަދާސް އޮފް ދަ ޕްލާޒާ ޑި މަޔޯގެ ރައީސް -- ފޮޓޯ: ރޮއިޓާސް

އާޖެންޓީނާގެ އަސްކަރިއްޔާއިން އެގައުމުގައި ހަތް އަހަރަށް ކުރި ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ އަޑު މަޑު ކުރުމަށް 30،000އަށް ވުރެ ގިނަ މީހުން ޖަލަށްލާ، އަނިޔާކޮށް، ގެއްލުވާލައި، މަރާލާފައިވެ އެވެ.

އޭގެ ތެރޭގައި އަސްކަރިއްޔާއިން ވަގަށް ނެގި 500 ކުޑަކުދިން ހިމެނުނެވެ. އޭގެ ތެރެއިން ގިނަ ކުދިން އުފަންވީ އެކުދިންގެ މަންމަމެން ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި ބައެއް ކުދިން ވަނީ އަސްކަރިއްޔާއާ ގުޅުން ހުރި އާއިލާތަކާ ސިއްރުން ހަވާލުކޮށްފަ އެވެ.

މިހަލްޗަކްގެ އަސްލު އާއިލާއާ ބެހޭ ގޮތުން ހޯދާފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އޭނާގެ ބައްޕައަކީ ބުއޭނޮސް އައިރިސްގެ ޔުނިވާސިޓީއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާގެ މަންމައަކީ އެޔުނިވާސިޓީގެ ދަރިވަރެކެވެ.

އަދި ފަހެއް އޮގަސްޓު 1977ގައި އުފަންވި މިހަލްޗަކްގެ ބައްޕަ ގެއްލުނީ އެއަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭނާ ގެއްލުމުގެ ކުރިން އޭނާ ހަތަރު ފިރިހެނަކާ ޒުވާބު ކުރާ މަންޒަރާއި އޭނާ ކާރަކަށް ލައިގެން ގެންދިޔަ މަންޒަރު އާއިލާގެ މެމްބަރަކަށް ފެނިފައިވެ އެވެ.

އޭގެ ފަހުން މިހަލްޗަކްގެ މަންމަ އެލެނާއަށް އޭނާގެ ފިރިމީހާގެ ފަރާތުން ކަމަށް ބުނާ ސިޓީއެއް ލިބުނެވެ. އެސިޓީގައި ދެމީހުން ބައްދަލުވާން ބުނި ތަނަށް އެލެނާ ދިޔަ އެވެ. އަދި އެންމެ ފަހުން އޭނާ ފެނިފައި ވަނީ އަސްކަރިއްޔާގެ ގައިދުހާނާއެއް ކައިރިންނެވެ.

އެޑްޕޮޝަން ރެކޯޑުތަކުން ދައްކާ ގޮތުގައި އޭރު އެންމެ ހަތަރު މަސްވީ މިހަލްޗެކްވެސް އެކަނި އޮއްވާ ފެނިފައި ވަނީ އެގައިދުހާނާ ކައިރިންނެވެ. އަދި އޭގެ ފަހުން އޭނާ އެޑޮޕްޓުކޮށްފައި ވަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށްވެސް ރެކޯޑުތަކުން ދައްކަ އެވެ. މިހަލްޗެކް އެޑޮޕްޓު ކުރި ދެމަފިރިން މިހާރު ވަނީ މަރުވެފަ އެވެ. ނަމަވެސް އޭނާގެ ބޮޑުބޭބެ ވަނީ އެދެމަފިރިން ހާވިއާ ބެލީ ވަރަށް ލޯބިން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް