އީޕީއޭ މިނިވަންތަނަކަށް ހަދާނަން: ރައީސް ސޯލިހް

ޖޫން 13، 2019: ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން ރާއްޖޭގައި ބޭއްވި "ތާރީހުގެ ތެރެއިން ތިމާވެށީގެ ވަޒީރުން"ގެ ބައްދަލުވުމުގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ ފުރިހަމަ އިޚްތިޔާރާ ބާރު ލިބިގެންވާ މިނިވަންތަނަކަށް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން މިހާތަނަށް ރާއްޖޭގައި ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރެއްވި ބޭފުޅުންނާއެކު އާޓް ގެލެރީގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ތިމާވެށިގެ ދުވަހަކީ، ގައުމެއްގެ ހަޔާތުގައި ފާހަގަކުރާނެ އެންމެ މުހިންމު ދުވަސް ކަމަށާއި މި ސަރުކާރުން އެންމެ މުހިންމު ސިޔާސަތަކީވެސް ތިމާވެށީގެ ސިޔާސަތު ކަމަށެވެ. އޭގެ ހެއްކެއް ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، މިހާތަނަށް ހަމައެކަނި ތިމާވެއްޓަށް ހާއްސަ ވުޒާރާއެއް އުފެއްދެވީވެސް މިސަރުކާރުން ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުގެ ދަށުން އީޕީއޭ ފުރިހަމަ އިޚްތިޔާރާއި ގާނޫނީ ބާރު ލިބިގެންވާ މިނިވަން ތަނަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މިހާތަނަށް އެކަން ނުވެ އޮތީ ވަަރަށް ގިނަ ސަބަބުތަކާހުރެ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ސަރުކާރުން އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އީޕީއޭ މިނިވަންކުރުމަށް އެކުލަވާލަން ޖެހޭ ޕޮލިސީތައް އެކުލަވާލައި، ކުރިއަށް ގެންގޮސް އެކަން ކުރާނަން،" ތާރީޚުގެ ތެރެއިން ތިމާވެށީގެ ވަޒީރުން ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ޖޫން 13، 2019: ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން ރާއްޖޭގައި ބޭއްވި "ތާރީހުގެ ތެރެއިން ތިމާވެށީގެ ވަޒީރުން"ގެ ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި އެކި ޒަމާނުގައި ތިމާވެށީގެ ވަޒީރުކަން ކުރެއްވި ގިނަ ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީޕީއޭ މިނިވަން ކުރުމަށް ރައީސް ވިދާޅުވިއިރު، އީޕީއޭ މީހާރު ހިންގަމުން އަންނަނީ، އެންވާރަމެންޓް މިނިސްޓްރީގެ ދަށުންނެވެ. ހެލްތް މިނިސްޓްރީގެ ދަށުން އީޕީއޭ ހިންގަމުން އަންނައިރު، މީގެ ކުރިން ހިންގި މަޝްރޫއުތަކުގައި ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް ކުންފުނިތަކުން އަމަލުކޮށްފައިވާތީ އީޕީއޭ އިން ފިޔަވަޅު ނޭޅުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.

އެ ބައްދަލުވުމުގައި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތް ކުރުމަށް ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް މީގެ ކުރިން ބޭނުން ކޮށްފައިވަނީ އެހެން ބޭނުންތަކަށް ކަމަށާއި ނަމަވެސް މި ސަރުކާރުން ގްރީން ޓެކްސް ބޭނުން ކުރަމުން ނިންމާފައިވަނީ ހަމަ އެކަނި ތިމާވެށީގެ ބޭނުންތަކަށް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި މިހާ ހިސާބަށް އައި އިރު، އަޅުގަނޑުމެން މިއޮތީ ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހަމަ ވަކި އެކައުންޓެއްގައި ބަހައްޓާ، އެ ހަރަދު ކުރާނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާ ރައްކާތެރިކުރުމަށް ކަން. އެނޫން ކަމަކަށް [އެ ފައިސާ] ބޭނުން ނުކުރާނަން،" ވޭތުވެދިޔަ ހަތަރު ސަރުކާރުގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރެއްވި ހަތް ވަޒީރުން ބައިވެރިވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު ތިމާވެށި ހިމާޔަތް ކުރުމަށް ގޮންޖެހުންތަކެއް އެބައޮތް ކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމަށް ވަޒީރުންނާއި ތިމާވެށީގެ ތަޖުރިބާކާރުންގެ ކިބައިން ހިޔާލާއި އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން ފަސް ވަނަ ދުވަހެވެ.

comment ކޮމެންޓް