ކޮމެޓީގައި، ޖޭއެސްސީއާ ގުޅޭ ކަންކަމުގައި ހިސާނަށް ބައިވެރި ނުވެވޭ ގޮތަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ޖުޑީޝަލް ސާވިސް ކޮމިޝަނާ ގުޅޭ މައްސަލައެއް ކުރިއަށްދާ ނަމަ ކޮމެޓީގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރު ހިސާން ހުސެންއަށް ބައިވެރި ނުވެވޭނެ ކަމަށް ކޮމެޓީ އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ޖުޑީޝަލް ކޮމެޓީގެ ތިންވަނަ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޖުޑީޝަލް ކޮމެޓީގައި ޖޭއެސްސީއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ އިރު އަދި އެ ކޮމިޝަން ކޮމެޓީއަށް ހާޒިރު ކުރާއިރު ވެސް މަޖިލީހުގެ އެ ކޮމެޓީގައި ހިސާން އަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު ހަސަން ލަތީފު ވިދާޅުވީ ކޮމެޓީއާ ގުޅުން ހުރި ދެކަމެއްގައި ހިސާންގެ މަސްލަހަތު ފުށޫ އަރާ ކަމަށާއި ޖުޑީޝަރީ ކޮމިޝަން، ކޮމެޓީ އަށް ހާޒިރު ކުރާ އިރު ޖޭއެސްސީގެ ފަރާތުން ވެސް އަދި ކޮމެޓީގެ މެންބަރެއްގެ ފަރާތުން ވެސް ހިސާން އަށް ކޮމެޓީގެ މަސައްކަތުގައި ބައިވެރި ވުމަކީ މަސްލަހަތު ފުށޫ އަރާނެ ކަމެއް ކަމަށެވެ.

"ކޮމެޓީގައި އިންނަވާފައި ކޮމެޓީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ހާޒިރުވެ ވަޑައިގެންނެވިދާނެތޯ ނޫނީ ނޫންތޯ އެއީ ކޮމެޓީ އަށް ނިންމިދާނެ ކަމެއް،" ކޮމެޓީގެ ބައެއް މަސައްކަތްތަކުގައި ހިސާން އަށް ބައިވެރިނުވެވޭނެ ގޮތް ހެދުމަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވެސް ވަނީ ހަސަން ލަތީފްގެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި، ހިސާން އަށް އިހުތިޔާރީ ގޮތުގައި ދޫކޮށްލަން ޖެހޭ ކަމެއް ވެސް ނޫން އެއީ. މި ކޮމެޓީގައި އިންނަވާ ނަމަ ޖޭއެސްސީގެ މަސައްކަތުގައި މި ކޮމެޓީގައި ވެސް ބައިވެރިވެގެން ނުވާނެ. އަދި ޖޭއެސްސީ ކޮމެޓީ އަށް ހާޒިރު ކުރާއިރުގައި ޖޭއެސްސީ ފަޅީގައި ވެސް އިނދެގެން ނުވާނެ،" ކޮމެޓީ އިން ކުރާ އެހެން މަސައްކަތްތަކުގައި ހިސާންގެ ރޯލު މުހިއްމު ކަން ފާހަގަ ކުރައްވާ އަލީ ހުސެން ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމެޓީގައި ޖޭއެސްސީ އާ ގުޅުންހުރި ކަންތަކުގައި ހިސާން އަށް ބައިވެރިނުވެވޭ ގޮތަށް ފާސްވީ މިއަދުގެ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް