ޕާޓްނާޝިޕް ފޯރަމް އަންނަ ހޯމަ ދުވަހު ފަށަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް އަންނަ ހޯމަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޕާޓްނާޝިޕް ފޯރަމް ބޭއްވުމުގެ ގޮތުން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަަމަށެވެ.

މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޯރަމެކެވެ.

އެ ފޯރަމްއަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އިންވެސްޓިންގް އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.

އެ ފޯރަމް އިފްތިތާހުކޮށްދެއްވާނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. ޕާޓްނަރޝިޕް ފޯރަމް ބޭއްވުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ފޯރަމްގައި ރަޙުމަތްތެރި ގައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާއި ބެހޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ފޯރަމްގައި، ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް އެކި ގައުމުތަކާއި ބައިނަލްއަގުވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އިގުތިސާދީ އަދި އިޖްމާޢީ އެކި ދާއިރާތަކުން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ޕާޓްނަރޝިޕް ފޯރަމްގައި ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދެވޭނެއެވެ. އެދާއިރާތަކަކީ:
• މާލީ އަދި އިޤްތިޞާދީ ދާއިރާ –
• ނޫ އިގުތިޞާދު –
• އިޖްތިމާޢީ ދާއިރާ –
• އިދާރާތައް ހަރުދަނާކުރުން –
• ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ތަރައްޤީކުރުން

comment ކޮމެންޓް