ހަމަލާތަކުގެ އަަމާޒަކަށްވި ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓެލް ހުޅުވަނީ

ލަންކާއަށް އޭޕްރިލް 21ގައި ދިން ބޮމުގެ ހަމަލާތަކުގައި ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓަލަށް ލިބުނު ގެއްލުންތައް -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ޖޫން 12): ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ބޮން ގޮއްވާލި އެއް ހޮޓެލް ކަމަށްވާ ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓެލްއިން މިއަދުން ފެށިގެން ބައެއް ހިދުމަތްތައް ދޭން ނިންމައިފި އެވެ.

ޝަންގްރިއްލާ ހޮޓެލުގެ ފޭސްބުކް ޕޯސްޓެއްގައިވާ ގޮތުން މިއަދު ހަވީރު 18:00އިން ފެށިގެން އެހޮޓެލުގެ ސެފަޔާ ލޯންޖާއި ކެޕިޓަލް ބާ އެންޑް ގްރިލްއިން ހިދުމަތްތައް ލިބޭނެ އެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޮޓެލުގެ ސްޕާ ހުޅުވައި، ގެސްޓުންނަށް ތިބެވޭނެ އެވެ.

އަދި އެހޮޓަލުން ވަނީ އޭޕްރިލް 21ދިން ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި ޑައެލޮގް ފައުންޑޭޝަނަށް ފައިސާ ހަދިޔާ ކުރާނެ ކަމަށާއި އޭގެ ސަބަބުން ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޭސް ފަރުވާ އާއި ކައުންސިލިން އާއި ސްކޮލާޝިޕްތައް ހޯދުމަށް އެހީތެރިވެދެވޭނެ ކަމަށް ބުނެފަ އެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގައި ބޮން ގޮއްވާލީ ތިން ފައްޅި އާއި ޝަންގްރިއްލާގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލާއި ކިންގްސްބަރީ ހޮޓަލުގަ އެވެ. އެދެ ހޮޓަލުންވެސް ވަނީ މިހާރު ހިދުމަތް ދޭން ފަށާފަ އެވެ.

އެހަމަލާތަކުގައި 258 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

comment ކޮމެންޓް