ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތީ ހިނގާފައި ދިޔަ އަންހެނަކާ ފޮށުނު މައްސަލާގައި ހައްޔަރު ކުރި 56 އަހަރުގެ ފިރިހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އެމީހާ އިއްޔެ ހައްޔަރުކޮށްފައިވާއިރު އެނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަގުމަތިން ހިނގާފައި ދަނިކޮށް ފޮށުނު މީހާގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އެކަމާ ކުރިމަތިލާންޖެހުނު އަންހެންމީހާ، އެވާހަކަ ޓްވިޓާގައި ހިއްސާ ކުރުމުންނެވެ. އެއާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ، ފިރިހެންމީހާގެ ފަރާތުން އެތައް ބަޔަކަށް އެ ފުރައްސާރަ މީގެ ކުރިން ކުރިމަތިވިކަމަށް ބުނެ ގިނަ ބަޔަކު އެވާހަކަތައް ހިއްސާ ކުރުމުންނެވެ.

ފޮށުނު މީހާގެ ފޮޓޯ އާންމުކޮށް އަންހެން މީހާ ބުނީ އެ މީހާ އޭނާއަށް ފުރައްސާރަކުރީ އޭޑީކޭ ހޮސްޕިޓަލު ސަރަހައްދުން ކަމަށާއި އޭނާގެ ފަސްފަހަތުން ފުރައްސާރަކުރަމުން ސްކޫޕް ރެސްޓޯރަންޓާ ހަމަޔަށް ވެސް ދިޔަ ކަމަށެވެ.

ފުލުހުން ބުނީ އެމީހާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި އިތުރު ބަޔަކު އުޅޭކަމަށް ފާހަގަވެފައިވާ ކަމަށާއި އެކަހަލަ މައްސަލައެއް އުޅޭނަމަ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް އެދޭކަމަށެވެ.

comment ކޮމެންޓް