ބިލް ބޮޑުވީ ކަރަންޓް ބޭނުންކުރިވަރު އިތުރުވީމަ: ސްޓެލްކޯ

ސްޓެލްކޯގެ ޕްރެސްގައި މިއަދު ބައިވެރިވި ބޭފުޅުން--- ސަން ފޮޓޯ/ ފަޔާޒު މޫާ

ފާއިތުވި ދެ މަސް ދުވަހު ކަރަންޓް ބިލް ބޮޑުވެފައިވަނީ ހޫނުމޫސުމާ ގުޅިގެން ކަރަންޓު ސާމާނު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ފާތުވެދިޔަ ދުވަސްވަރަކީ ހޫނުމޫސުން އާދަޔާ ހިލާފަށް ދިގުދެމިގެން ދިޔަ ދުވަސްވަރެއް ކަމަށާއި އެކަމުގެ ސަބަބުން ގޭގައި ގެންގުޅޭ ކަރަންޓު ސާމާނު ގިނައިން ބޭނުންކުރެވޭ ކަމަށެވެ.

"މާލޭގައި ޓެރިފަކަށް ނާދޭ ބަދަލެއް. މިހާރު ފިއުލް ޑިސްކައުންޓެއް ވެސް އިންނާނެ. ކޮންމެ ބިލެއްގައި އިންނާނެ އެ މަހުގެ ޑިސްކައުންޓްގެ ގޮތުގައި ކަނޑާފައި އިންނަވަރުވެސް،" އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.

ކަރަންޓް ބިލް ބޮޑުވި ސަަބަބު ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް އަންގައިދެނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓު މީޓަރު ރީޑް ކުރަނީ ކޮންމެ މަހެއްގެ ވެސް ފަސް ވަނަ ދުވަހާ 16 ވަނަ ދުވަހާ ދޭތެރޭ ކަމަށާއި ބިލް ހަވާލުކުރަނީ ކޮންމެ މަހެއްގެ 23 އިން ފެށިގެން ޖެހިގެން އަންނަ މަހެއްގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާޝިދު ވިދާޅުވީ ކަރަންޓު ބޭނުންކުރެވޭ ވަރު ރައްޔިތުންނަށް އަންދާޒާނުކުރެވޭ ކަމަށެވެ. އަދި ރައްޔިތުންނަށް ނޭނގި ނަމަވެސް ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"ރޯދަމަހާ ހޫނުމޫސުމާ އެއްކޮށް ބައްދަލުވީމަ ކަރަންޓް ބޮޑުވުމުގެ ސަބަބަކަށް ބެލެވެނީ. ބިލު ކުރަނީ މީޓަރުތަކަށް ބަލައިގެން. ސްޓެލްކޯއިން ބަހައްޓާފައިވާ މީޓަރުތަކަކީ ޓެމްޕާ ޕްރޫފް އެއްޗެއް،" ނާޝިދު ވިދާޅުވި އެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވެ 500 އާއި 600 ގެ ބޭންޑަށް އަރާ ހިސާބުން ޔުނިޓަކަށް އަރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ.

މިދިޔަ އޭޕްރިލް މަހު ކަރަންޓު އަގު ހެޔޮކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް