ލަފާކުރި ވަރަށް އާމްދަނީ ނުލިބުނު

މަރުކަޒީ ބޭންކް، އެމްއެމްއޭ އިމާރާތް. -- ފައިލް ފޮޓޯ

ބޭންކްތަކުގެ ފައިދާއިން ނަގާ ޓެކްސް، ބޭންކް ޕްރޮފިޓް ޓެކުހުން ލިބުނު އާމްދަނީ ދަށަށް ދިޔުމާ އެކު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި ވަރަށްވުރެ އާމްދަނީ ދަށަށް ހިނގައްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހު ލިބުނު 1.09 ބިލިއަން ރުފިޔާ އަކީ، އެ މުއްދަތުގައި ލިބޭނެ ކަމަށް މީރާއިން ލަފާކުރި އަދަދަށް ވުރެ 5.5 ޕަސެންޓް ދަށް އަދަދެކެވެ.

އެކަމުގެ ސަބަބެއްގެ ގޮތުގައި މީރާއިން ބުނީ، ބޭންކް ޕްރޮފިޓް ޓެކްސްގެ އާމްދަނީ ދަށްވުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ބޭންކް ޕްރޮފިޓް ޓެކްހުގެ ގޮތުގައި ލިބިފައި ވަނީ 20.1 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކުހުން ލިބުނު 98.71 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 79 ޕަސެންޓްގެ ދަށްވުމެކެވެ.

މީގެ ކުރިން ބޭންކް ޕްރޮފިޓް ޓެކުހަކީ މަހެއްގެ އާމްދަނީގެ 9.4 ޕަސެންޓެވެ. އެހެން ނަމަވެސް، އެ އަދަދު މިދިޔަ މަހު ވަނީ، 1.9 ޕަސެންޓަށް ވެއްޓިފަ އެވެ.

ލަފާކުރި ވަރަށް އާމްދަނީ ނުލިބުނު ނަމަވެސް، މިދިޔަ މަހު ލިބުނު އާމްދަނީ އަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 3.4 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރަށް ވުރެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ މިދިޔަ އަހަރަށް ވުރެ ޓޫރިސްޓުން އައި މިންވަރު 36.3 ޕަސެންޓް މިއަހަރު އިތުރުވެފައިވުމެވެ. އޭގެ ސަބަބުން ބީޕީޓީ، ޖީއެސްޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މޭ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރީ ޖީ.އެސް.ޓީއިން ވަނީ 666.90 މިލިއަން ރުފިޔާ ލިބިފަ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާގެ ޓެކްސް، ބީޕީޓީ އިންނެވެ. އެއީ އާމްދަނީގެ 8.8 ޕަސެންޓަށްވާއިރު، އެ ޓެކުހުން 95.40 މިލިއަން ރުފިޔާވަނީ ލިބިފަ އެވެ.

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 77.66 މިލިއަން ރުފިޔާ ލިބުނު އިރު، އެއާޕޯޓު ޑިވަލޮޕްމަންޓް ފީގެ ގޮތުގައި 64.84 މިލިއަން ރުފިޔާ، އެއަރޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 64.27 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 116.62 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހުގެ އާމްދަނީގެ ގޮތުގައި 43 މިލިއަން ޑޮލަރު ވެސް ވަނީ ލިބިފަ އެވެ.

މިއަހަރުގެ މޭ މަހާ ހަމަޔަށް، އާމްދަނީގެ ގޮތުގައި ވަނީ، 7.33 ބިލިއަން ރުފިޔާ ލިބިފަ އެވެ.

comment ކޮމެންޓް