ކަރަންޓް ބިލްތައް ހައިރާންވާހާ ބޮޑުވެއްޖެ، ޝަކުވާ ވެސް ބޮޑުވެއްޖެ

ސްޓެލްކޯ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްޓެލްކޯ އާއި ފެނަކަ އިން މިދިޔަ މަހު ގޭގެއަށް ފޮނުވި ކަރަންޓް ބިލްތައް ކުރީ މަސްތަކާ އަޅާބަލާއިރު އެތައް ތަނެއް ބޮޑުވެފައިވާ ކަމަށްބުނެ ރައްޔިތުން ޝަކުވާ ކުރަން ފަށައިފި އެވެ.

އޭޕްރީލު މަހުން ފެށިގެން ކަރަންޓުގެ އަގުހެޔޮވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، ނަމަވެސް އޭގެ ފަހުން ލިބުނު ދެ ބިލުގައިވެސް ކަރަންޓުގެ އަގު އޮތީ ބޮޑުވެފަ އެވެ. އަދި ސްޓެލްކޯއިން ބުނެފައި ވަނީ މިދިޔަ މަހުގެ ކަރަންޓް ބިލް އަންނައިރު ބިލް ކުޑަވާނެ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލާގައި ޝަކުވާ ކުރި މީހަކު ބުނީ، އެކަމާ ގުޅިގެން ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި އިރު ބިލު ބޮޑުވަނީ ކީއްވެކަން ސްޓެލްކޯ އިން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"ބޭނުން ކުރަނީ އެކައްޗެހިތަކެއް. ގޭގައި އުޅެނީ އެއްބައެއް. އެކަމަކު ކަރަންޓު އަގުހެޔޮ ވާނެ ކަމަށް ބުނިފަހުން އެއްމަހުން އަނެއްމަހަށް ބިލުތައް ދަނީ ބޮޑުވަމުން،" ކަރަންޓު ބިލު ބޮޑުވާ މައްސަލާގައި މީހަކު ބުނެފައިވެ އެވެ.

"ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ މީގެ ކުރިން 500 ރުފިޔާ ވެސް ނާރާ ގޭގޭގެ ކަރަންޓު ބިލަށް މިފަހަރު 1500 ރުފިޔާ އަރާފައިވާ ކަމަށެވެ. އެއީ، 200 ޕަސެންޓްގެ އިތުރުވުމެކެވެ.

އެކަމަކު އެ ގޭގައި ކަރަންޓް ބޭނުން ކުރީ އެހެން މަސްމަހާ ވެސް އެއްވަރަކަށެވެ. ބިލްގައި ވެސް އޮތީ ޔޫސޭޖް އެއްވަރަކަށެވެ. މާލެ އާއި ރަށްރަށުގެ ކަރަންޓްގެ އަގު އެއްހަމަ ކުރިފަހުން ރަށްރަށުގެ ގޭގޭގެ ބިލުތައް ވެސް ބޮޑުވެފައިވާކަމަށް ބުނާ ޝަކުވާ އެބަ އޮތެވެ.

ގިނަ ބަޔަކު ވަނީ ކަރަންޓު ބިލަށް އަންނަ ބަދަލު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ބައެއް ގޭގޭގެ ކަރަންޓި ބިލު ދެގުނަ، ތިންގުނަ އަށް ވަނީ ބޮޑުވެފަ އެވެ. ބައެއް މީހުން ބުނަނީ މިހާ ބޮޑުތަނުން ކަރަންޓް ބިލް ބޮޑުވުމުން ހައިރާންވާ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލާގައި ސްޓެލްކޯގެ ބަހެއް ނުލިބުނެވެ.

ސަރުކާރުގެ މަސައްކަތުގެ 90 ދުވަސް ފާހަގަކުރަން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކަރަންޓުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ރަށްރަށުގެ ގޭބީސީތަކުގެ ކަރަންޓު ބިލްތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް