ނިއުކްލިއާގެ އާ މަޝްވަރާތަކަކަށް ނުދާނަން: އިރާން

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން

ތެހެރާން (ޖޫން 9) : އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމާ އެނޫންވެސް ހަތިޔާރުގެ ޕްރޮގްރާމްތަކާ ބެހޭގޮތުން އަލުން ވާހަކަ ދެއްކުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ފަރަންސޭސިވިލާތުން ގޮވާލި ގޮވާލުމަށް އީރާން ދެކޮޅު ހަދައިފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އައްބާސް މޫސާވީ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާ މަޝްވަރާކޮށް 2015 ވަނަ އަހަރު އެކަމުގައި ގޮތެއް ނިންމައި، އެއްބަސްވުމަކަށް އައިސްފައި ވާތީ އެއިން ބޭރުން ނިއުކްލިއާއާ ގުޅޭ އެއްވެސް މައްސަލައެއްގެ މަޝްވަރާގައި ބައިވެރިނުވާނެ ކަމަށެވެ.

މިގޮތުން އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭގޮތުންވެސް އަދި އީރާނުން ކުރިއަށް ގެންދާ ހަތިޔާރުގެ އެހެން ޕްރޮގްރާމްތަކާ ބެހޭގޮތުން ވާހަކަ ދައްކަންޖެހޭ ސަބަބެއް ނެތްކަމަށާ އެއީ އަމިއްލަ ދިފާއަށްޓަކައި އީރާނުން ކުރިޔަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމުގައި ސޮއިކޮށްފައިވާ ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވީ އީރާނުގެ ބެލެސްޓިކް ޕްރޮގްރާމާއި އެނޫން ޕްރޮގްރާމްތައްވެސް ހިމެނޭގޮތަށް ނިއުކްލިއާ އާ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށްޓަކައި އަލުން މަޝްވަރާތައް ފެށުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތައް ފްރާންސުން ތާއީދުކުރާ ކަމަށާ އާ މަޝްވަރާތަކަކަށް އައުމަށް އީރާނަށް ގޮވާލައްވާ ކަމުގައެވެ.

ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވަނީ މިކަމަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ބޭނުމަކީ އަމިއްލަ ނަފްސުގެ ދިފާއަށްޓަކައި އީރާނުން ކުރާ ކޮންމެ މަސައްކަތް ހުއްޓުވައި ހަތިޔާރުގެ ގާބިލުކަން ނެތް، ނިކަމެތި ގައުމަކަށް އީރާން ހަދައިގެން އީރާނަށް ހަމަލާދޭނެ ފުރުސަތެއް ހޯދުން ކަމަށާ މިކަމުގައި ފްރާންސުން އެމެރިކާއަށް ތާއީދުކުރާތީ ކަންބޮޑުވާ ކަމުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުންވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނުން ސޮއިކުރި އެއްބަސްވުމުން 2017 ވަނަ އަހަރު އެކަހެރިގޮތެއްގައި ވަކިވެފައެވެ. އީރާނުން ވަނީ އެމެރިކާއިން ގަވައިދާ ޚިލާފަށް އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށްފަހު އީރާނުގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފްރާންސް ފަދަ ޔޫރަޕުގެ ބާރުތައް ނާކާމިޔާބުވެފައިވާތީ ޔޫރަޕުގެ ބޮޑެތި ބާރުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދި މިކަމުގައި ޔޫރަޕުގެ ބާރުތަކުން ލިބެންޖެހޭ އެއްބާރުލުން އީރާނަށް ނުލިބޭތީ އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ހިމެނޭ ބައެއް ބައިތަކަށް އަމަލުކުރުން މިދިޔަ މޭ މަހު ހުއްޓާލައި ކުރިން ހުއްޓާލާފައިވާ ނިއުކްލިޔާ ބައެއް ހަރަކާތްތައް އަލުން ފަށާފައެވެ.

މީގެތެރޭގައި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އަލުން ފެށުން ފަދަ ކަންކަން ހިމެނެއެވެ. އީރާނުން މި ހަރަކާތްތައް އަލުން ފެށުމުން ޔޫރަޕްގެ ބާރުތައްވަނީ ކަންބޮޑުވާކަން ފާޅުކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް