މޯދީގެ ދަތުރުފުޅާ ގުޅިގެން ބުރިޖާއި އިސްލާމީ މަރުކަޒު ބަންދެއް ނުކުރާނެ

މޯދީގެ ދަތުރުފުޅާ ގުޅިގެން މާލޭ މަގުތަކުގައި ދިދަ ދަމާފައި، ފަހަތުން ސިނަމާލެ ބުރިޖު: މޯދީގެ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބުރިޖާއި އިސްލާމީ މަރުކަޒު ބަންދު ނުކުރާނެ -- ސަން ފޮޓޯ/ ފާޔާޒު މޫސާ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްޖެއަށް މިއަދު ކުރައްވާ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބުރިޖާއި އިސްލާމީ މަރުކަޒު ބަންދު ކުރުމަށް ނިންމާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މެންދުރު ފަހު 3:00ގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު، ވަކި ގަނޑި އެއްގައި ބުރިޖާއި އިސްލާމީ މަރުކަޒުން މީހުން ހުސްކޮށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ހަބަރު ފަތުރަމުންނެވެ.

ނަމަވެސް ފުލުހުން ވަނީ އެ ހަބަރު ދޮގުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ބުރިޖާއި އިސްލާމީ މަރުކަޒު ހަވީރު ވަގުތުގައި ވެސް ބޭނުން ކުރެވޭނެ ކަމަށާއި އެ ތަންތަން ބަންދު ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. އިސްލާމީ މަރުކަޒު ބަންދު ނުކުރި ނަމަވެސް ހަވީރު ގްރީން ޒޯން ހިމެނޭ އަމީރު އަހްމަދު މަގުން އިސްލާމީ މަރުކަޒަށް ނުވަދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

"އަޅުކަން ކުރުމަށް ހުރަހެއް ނެތް. މެދުޒިޔާޒަތް މަގުން އިސްލާމީ މަރުކަޒަށް ނަމާދުކުރުމަށް ވަދެވޭނެ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މޯދީގެ މިއަދު ހަވީރު ރާއްޖެ ވަޑައިގަތުމަށް ފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް