ޑްރަގް ކޭހުގައި ހިމެނޭ ދެމައިން ތިން ވަނަ ފަހަރަށް ހައްޔަރުކޮށްފި

ހުޅުމާލެއިން ގެއަކުން ފުލުހުން ހޯދި 3 ކިލޯގެ މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

ތިން ކިލޯގެ ޑްރަގާ އެކު ހުޅުމާލެއިން ހައްޔަރުކުރި ދެމައިން ކޯޓް އަމުރު ނުބައިވެގެން ދޫވެފައި ވަނިކޮށް ކޯޓު އަމުރަކާ އެކު ފުލުހުން އަނެއްކާ ވެސް އެ މީހުން ރޭ ހައްޔަރުކޮށްފި އެވެ. މިއީ ފުލުހުން އެ ދެމައިން ހައްޔަރު ކުރި ތިން ވަނަ ފަހަރެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން އެދެމީހުން އަނެއްކާ ހައްޔަރު ކުރީ ރޭ ހުޅުމާލޭ ކޯޓުން ނެރުނު ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

މީގެ ކުރިން ދެ ފަހަރުވެސް އެ ދެމައިން ދޫވީ، ހައްޔަރުކުރަން ނެރުނު ކޯޓް އަމުރުގެ އިޖުރާއަތްތައް ނުބައި ވެގެން އެވެ.

އެންމެ ފުރަތަމަ ވެސް އެދެމައިން ކްރިމިނަލް ކޯޓުން މިނިވަން ކުރީ، ހުޅުމާލެ ކޯޓުން ނެރުނު ކޯޓް އަމުރުގައި އަމުރު ނެރުއްވި ގާޒީގެ ނަން ނެތިގެން އެވެ. އިއްޔެ އަނެއްކާ ވެސް ހުޅުމާލެ ކޯޓުން އަމުރަކަށް އެ މީހުން ހައްޔަރުކުރުމުން ހަމަ އެ ކޯޓުން އެ މީހުން ދޫކޮށްލީ ކޯޓް އަމުރު ހޯދަން އެދުނީ މައްސަލަ ބަލައްވާ އޮފިސަރު ކަމަށް ނުވާތީ އެވެ.

އެކަމަކު ފުލުހުން ބުނަނީ މި މައްސަލައިގައި ވެސް ފުލުހުން އަމަލުކޮށްފައި ވާތީ އާންމުކޮށް ވެސް ފުލުހުން އަމަލު ކުރާ އުސޫލުން ކަމަށެވެ.

comment ކޮމެންޓް