ރައުޝަންގެ މަރުގެ މައްސަލަ ޝަރީއަތުގެ މަރުހަލާއަށް

ރައުޝަން މަރުވި ހާދިސާ ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖްގެ ސްކްރީންޝޮޓެއް

ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާންގެ މަރުގެ މައްސަލަ ޝަރީއަތުގެ މަރުހަލާއަށް ގެންދަން ނިންމައިފިއެވެ.

ރައުޝަންގެ މަރުގެ މައްސަލައިގައި ދައުވާ ކުރަނީ ހަ މީހަކަށެވެ. އެއީ ރައުޝަން މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ. އެ ހަ މީހުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމެވެ.

ކްރިމިނަލް ކޯޓުގައި މީގެ ކުރިން އޮތް އިބްތިދާއީ އަޑުއެހުންތަކުގައި އެ ހަ މީހުންގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅައިފައެވެ. އެ ހުށަހެޅުންތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން، ޝަރީއަތްކުރުމަކާ ނުލައި މައްސަލައާ މެދު ގޮތެއް ނިންމޭނެ ދިފާއެއް، ނުވަތަ އިއުތިރާޒެއް، ނުވަތަ އެ ނޫންވެސް ހުށަހެޅުމެއް އޮތް ނަމަ އިބްތިދާއީ މަރުހަލާގައި ހުށަހަޅާ ހުށަހެޅުންތަކެވެ.

މިއަދު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި ދިފާއުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަކީ ޝަރީއަތް ނުގެންދެވޭނެ ވަރުގެ ކަންތައްތަކެއް ކަމަށް ބަލައިނުގަނެ، މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ނިންމެވީ އެ މައްސަލަ ޝަރީއަތަށް ގެންދިޔުމަށެވެ.

ރައުޝަންގެ މަރުގެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމަށް ހަ މީހުންވެސް އައީ ވަކީލަކާ ނުލައެވެ. އެ އަޑުއެހުމުގައި ދައުވާ ކުރާ ބިދޭސީންގެ ތެރެއިން ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، އަދި ކެޝަހިލަލް ޗައުހާން ދެއްކި ވާހަކަތަކުން ދައުވާއަށް އިއުތިރާފުވެފައިވާ ކަމަށް ޝަރީއަތުން ކަނޑައެޅިއެވެ.

ދެވަނަ އަޑުއެހުމަށް އެ ހަ މީހުން ހާޒިރުވީ ޝަމީމް ވަކީލެއްގެ ގޮތުގައި ހަމަހައްސައިގެންނެވެ. އޭނާ ވަނީ އިބްތިދާއީ އަޑުއެހުން ފަށާތާ 10 ދުވަސް ތެރޭގައި ވަކީލަކު ހަމަޖައްސަން ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވެ، އެ މީހުންނަށް ފުރުސަތު ދެއްވީ އެގޮތަށް ނޫންކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރީގެ އަޑުއެހުމުގައި ތިން ބިދޭސީން ދައުވާއަށް އިއުތިރާފުވީ ތަރުޖަމާނުން އެމީހުންނަށް ތަރުޖަމާކޮށްދިން ގޮތުން ކަމަށް ވިދާޅުވެ އޭނާ ވަނީ އިބްތިދާއީ މަރުހަލާ އަލުން ފެށުމަށް އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން ގާޒީ ނިންމެވީ އިބްތިދާއީ މަރުހަލާ އަލުން ފެށުމަށެވެ.

ކުރާ ދައުވާތައް

ދައުވާ ކުރާ ހަ މީހުންގެ މައްސަލަވެސް ކުރިއަށް ގެންދަނީ އެކުއެކީގައެވެ. އެކަމުގައި ދައުލަތުން ބުނެފައި ވަނީ އެއް ހާދިސާއެއްގެ މައްޗަށް ކުރިއަށްދާ މައްސަލައެއް ކަމުން އަދި ހެކިތަކަކީ ވެސް އެއް ހެކިތަކެއް ކަމުން ޝަރީއަތް ކުރިއަށް ގެންދަން ބޭނުން ވަނީ ހަ މީހުންގެ ބައި ވެސް އެއްކޮށް ކަމަށެވެ.

ދައުވާ ކުރާ ހަަ މީހުންގެ ތެރެއިން ރައްޖާވް އަލީގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ދައުވާއެވެ. އޭނާއަކީ ރައުޝަންގެ ގަޔަށް ވެއްޓުނު ބަސްތާ އުފުލަން ބޭނުންކުރި ސަވާޖީ އޮޕަރޭޓުކުރަން އިން މީހާއެވެ. ސަވާޖީ އޮޕަރޭޓުކުރުމަކީ އޭނާ ކުރަން ޖެހޭވެސް ކަމެއް ނޫން ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މުތަމަނި ރަމަޗަންދުރަންގެ މައްޗަށް ކުރަނީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާއަކީ ބަސްތާ، ނަލަހިޔާމަންޒިލުގެ ނުވަަ ވަނަ ފްލޯއަށް އެރުވި އިރު ތިރީގައި ހުރެގެން ބަސްތާ އަރުވަން ރައްޖާވް އަލީއަށް އެންގި މީހާއެވެ.

ކެޝަހިލަލް ޗައުހާންއާއި ގުލާމް މަހަމަދުގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާއެވެ. އެ ދެމީހުންގެ މައްޗަށް އެ ދައުވާ ކުރީ، ނަލަހިޔާމަންޒިލުގެ ތިރީގައި ހުރެފައި، އެތަނަށް އެއްޗެހި އަރުވާކަން އެނގި ހުރެ، އެތަނުންލާފައި ނުދިއުމަށް ރައުޝަންއަށާއި އޭނާގެ މަންމައަށް އިންޒާރު ދީފައި ނުވުމުންނެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިންގް ޑިރެކްޓަރު އާދަމް ޝަފީގާއި އެ ކުންފުނީގެ ސީނިއާ ސައިޓް ސްޕެޝަލިސްޓް މޫސާ ހަސަންގެ މައްޗަށް ކުރަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ކުރީ ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާ ކަމުގެ ތުހުމަތުގައެވެ.

comment ކޮމެންޓް