އެފްއޭއެމް ފުޓްސަލް ކަޕު: އަންހެން ބައިގެ ޗެމްޕިއަންކަން ބީޖީ ހޯދި އިރު، ފިރިހެން ބައިގެ ތަށި ޕޮލިހަށް

އެފްއޭއެމް އިން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ޕޮލިސް ކުލަބާއި ހަވާލު ކުރަނީ --- ފޮޓޯ/އެފްއޭއެމް

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ދެ ފައިނަލް ވެސް ރޭ ކުޅެފައި ވާ އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބީޖީ ސްޕޯޓްސް ކުލަބުން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި އެވެ.

އަންހެން އަދި ފިރިހެން ކެޓަގަރީއަށް ބަހާލައިގެން އެފްއޭއެމްއިން ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމުގެ ގޮތުން ބޭއްވި މި މުބާރާތުގައި ފިރިހެން ބައިން 20 ޓީމު ވަނީ ބައިވެރިވެފަ އެވެ. އަދި އަންހެން ބައިން ވެސް ހަތަރު ޓީމެއް ވަނީ މުބާރާތުގައި ބައިވެރި ވެފަ އެވެ.

ރޭ ކުޅުނު ފައިނަލުގައި އަންހެން ބައިގެ ޗެމްޕިއަންކަން ބީޖީ ސްޕޯޓްސް ކުލަބުން ހޯދީ ޕެނަލްޓީގައި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ވެސް ވަނީ އެއް ގޯލު ޖަހައިފަ އެވެ. އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ބީޖީ ސްޕޯޓްސް އިންނެވެ. ސިފައިންގެ ކުލަބުން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ.

އެފްއޭއެމް އިން ބޭއްވި ފުޓްސަލް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަން ޓްރޮފީ ބީޖީ ސްޕޯޓްސް ކުލަބާއި ހަވާލު ކުރަނީ --- ފޮޓޯ/އެފްއޭއެމް

ބީޖީއިން މެޗުގައި ޖެހި ޕެނަލްޓީ ކާމިޔާބު ކުރީ 4-5ގެ ނަތީޖާ އަކުންނެވެ. އެ ޓީމުން މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިރު މުބާރާތުގެ ފައިނަލަށް އެ ޓީމު ދަތުރު ކުރީ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ހަތަރު ޓީމުގެ މެދުގައި ކުޅުނު މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލަށް ދަތުރު ކުރި އިރު އެއްވަނައިގެ ގޮތުގައި ފައިނަލަށް ދަތުރު ކުރީ ދިވެހި ސިފައިންގެ ކުލަބެވެ.

މީގެ އިތުރުން އެފްއޭއެމް އިން ވަނީ މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން ހޮވައިފަ އެވެ. އެ ކުޅުންތެރިންނަކީ ދިވެހި ސިފައިންގެ ކުލަބުގެ ފަދުވާ ޒާހިރާއި މަރިޔަމް ރިފާ އަދި ބީޖީ ސްޕޯޓްސް ކުލަބުގެ ފާތިމަތު ސާލިޔާއާއި އައިމިނަތު ޝާލިޔާ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ބީޖީ ސްޕޯޓްސް ކުލަބުގެ އިޝާރަތު ހަމީދު އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ޓީމުގެ ކޯޗު ވިޝާލް އެވެ.

އެފްއޭއެމް ފުޓްސަލް މުބާރާތުގެ އަންހެން ކެޓަގަރީގެ ޑްރީމް ފަައިވް --- ފޮޓޯ/އެފްއޭއެމް

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދީ ދިވެހި ސިފައިންގެ ކުލަބު 1-5ގެ ބޮޑު ނަތީޖާއަކުން ބަލި ކުރުމަށް ފަހު އެވެ.

ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ފިރިހެން ބައިގެ ފޯރިގަދަ މެޗުތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކުލަބުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެ ގޯލު ޖަހައިފަ އެވެ. ސިފައިންގެ ކުލަބުން އެއްވެސް ގޯލެއް ނުޖެހި ފުރަތަމަ ހާފު ނިންމާލި އިރު ޕޮލިސް ކުލަބުން ވަނީ ދެވަނަ ހާފުގައި އިތުރު ތިން ގޯލު ޖަހައިފަ އެވެ. ސިފައިންގެ ކުލަބަށް މެޗުގައި ޖެހުނީ އެއް ގޯލެވެ.

އެފްއޭއެމް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ސިފައިންގެ ކުލަބު ކޮޅަށް ގޯލު ޖެހުމަށް ފަހު ޕޮލިސް ކުލަބުން އުފާ ފާޅު ކުރަނީ --- ފޮޓޯ/އެފްއޭއެމް

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އަލީ ރިޝްވާނެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މީގެ އިތުރުން މުބާރާތުގައި ހޮވި އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވިފައި ވަނީ ޕޮލިސް ކުލަބުގެ އަލީ ރިޝްވާނާއި ނިޝާދު އަލީ އަދި ސިފައިންގެ ކުލަބުގެ ހަސަން ފަވާޒާއި ހުޝާމް އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އިބްރާހިމް އައްސަދު އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް އެ ޓީމުގެ ކޯޗު ހަސަން ހަމީދު އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު ރަނަރަޕް ޓީމުތަކަށް ވެސް ވަނީ 25،000 ދީފަ އެވެ.

comment ކޮމެންޓް