ދާއިރާގައި މެމްބަރުގެ އޮފީސް ހުޅުވުމުގެ ވާހަކަ މަޖިލިސް ގަވައިދުގައި ލިޔެވޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ރިޔާސަތުގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރާ ދާއިރާގައި އެ މެމްބަރެއްގެ އޮފީސް ހުޅުވުމުގެ ވާހަކަތައް މަޖިލިސް ގަވައިދުގައި ލިޔެވިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދާއިރާގައި މެމްބަރުގެ އޮފީސް ހުޅުވުމަކީ އެމްޑީޕީ މަޖިލިސް ކެމްޕެއިން އެޖެންޑާ 19އިގެ ތެރެއިން ވެފައިވާ ވައުދެކެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"އެގަވައިދުގެ ތެރޭގައި އިރާދަކުރެއްވިޔާ ހިމެނިގެން ދާނެ މި އޮފީސްތައް ހިންގުމުގެ އިތުރު އިންތިޒާމުތަކުގެ ވާހަކަތައް." މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުން އެއް ރަށަށްވުރެ ގިނަ ރަށްރަތް ތަމްސީލުކުރާ ދާއިރާ ތަކުގެ މެމްބަރުންނަށް އިތުރު ހަރަދު ތަކެއް ނުގޮސްް ރައްޔިތުންނާ ބައްދަލު ކުރެވޭނެ ނިޒާމު މަޖިލީހުގެ ހިނގާ ގަވައިދުގައި ހިމެނިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ބައެއް ހިޔާފުޅުވެސް ފާޅު ކުރެއްވި އެވެ. އެގޮތުން ރަށު ކައުންސިލް މެދުވެރިކޮށް މެމްބަރާ ރައްޔިތުންނާ ބައްދަލު ކުރުމުގެ ކަންކަން ކުރެވިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރަށު ކައުންސިލުގެ ޒިންމާދާރު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނިދާނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް އެހީތެރިވެ ދެއްވުން އެދާއިރާއަކަށް. އެރަށެއްގައި. އަދި އެއީ ސިވިލް ސާވިސްއިން ކޮން އުސޫލަކުން ކޮން ހަމައަކުން ކުރައްވަންވީ ކަމެއްތޯވެސް ހިމެނިދާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ހިނގަމުން ދާނީ ޑިމޮކްރެސީގެ ހަމަތަކާއި އިސްލާމީ އުސޫލުތަކުގެ މަތިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މަޖިލިސް "ބާރަށް ކުރިއަށް ހިނގަމުން ދާނެ" ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލިސް ގަވައިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެ ކޮމިޓީން މިހާރު ބައެއް ކަންކަން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން މަޖިލީހުގައި ޖުމްލަ 17 ކޮމިޓީއެއް އޮންނަން ޖެހޭ ގޮތަށް މިއަދު ފާސްކުރި އެވެ. އޭގެ އިތުރުން ކޮންމެ މެމްބަރަކު ތަޅުމުގައި ބަހުސް ކުރުމަށް ދެމިނެޓް ދޭންވެސް މަޖިލިސް ގަވައިދު އެކުލަވާލާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް