ޖޭއެސްސީއަށް ހުށަހެޅީ އަބްދުﷲ ދީދީގެ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މިއަދު ހުށަހަޅާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްކަން "ސަން" އަށް ކަށަވަރުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާކަން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އަކީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައިކަން "ސަން" އަށް ވަނީ އެނގިފައެވެ.

އަބްދުﷲ ދީދީ އޭރު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ. އޭނާ އަކީ ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެފައިސާ އަކީ އެ ހުކުމާ ގުޅިގެން ނެންގެވި ރިޝްވަތެކެވެ.

ރައްޔިތުން މަޖިލީހުގެ އަމީން އާންމު މިއަދު މީޑިއާތަކާ ބައްދަލު ކުރައްވައި ވިދާޅުވީ، އަބްދުﷲ ދީދީގެ މައްސަލަ ބައްލަވައި ދެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ސިޓީފުޅެއް ފޮނުއްވީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފުވެފައިވާ ކަމަށް ދެކެވަޑައިގެން ކަމަށެވެ.

comment ކޮމެންޓް