ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދިޔަ ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފް މަރުވީ އޭނާގެ ލޯބިވެރިޔާއާ މައްސަލަޖެހިގެން، އަމިއްލަ އަށް ކަމަށް ރައުދާގެ މަރުގެ މައްސަލާގައި ބަންގްލަދޭޝްގެ ފުލުހުން ތައްޔާރުކުރި ފައިނަލް ރިޕޯޓުގައި ބުނެފި އެވެ.
ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓު ބަންގާޅުގެ ޕޮލިސް ބިޔުރޯ އޮފް އިންވެސްޓިގޭޝަނުން ވަނީ ރާޖްޝާހީ ކޯޓަށް އިއްޔެ ހުށަހަޅައިފަ އެވެ.
ޕޮލިސް ބިޔުރޯ އޮފް އިންވެސްޓިގޭޝަނުގެ ސަބް އިންސްޕެކްޓަރު ސައިދުރް ރަހުމާނާ ހަވާލާދީ ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑެއިލީ ސްޓާ"ގައި ބުނީ ރައުދާ މަރުވީ ލޯބިވެރިޔާއާ މައްސަލަޖެހި، އެކަމުގެ ނުތަނަވަސްކަމުގައި އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ.
ރައުދާ، އޭނާގެ ލޯބިވެރިޔާ އަށް ވަޓްސް އެޕުން ފޮނުވި އެންމެ ފަހު މެސެޖުގައި "އަހަރެން މަރާލީ ކަލޭ" ކަމަށް ބުނެފައިވާ ކަމަށާއި އޭގެ ފަހުން ރައުދާގެ ލޯބިވެރިޔާ، ވަޓްސް އެޕުން އޭނާ އަށް ގުޅާފައި އޮތް ކަމަށް ތަހުގީގު ރިޕޯޓުގައި ވެއެވެ.
ރާޖު ޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖު ގައި މެޑިސިން ކިޔަވަމުންދިޔަ ރައުދާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ޑޯމް ރޫމްގެ ތެރެއިން 2017 ވަނަ އަހަރުގެ މާޗު 29 ވަނަ ދުވަހު އެވެ.
ރައުދާގެ މަރުގެ މައްސަލަ ބެލި ބަންގާޅު ފުލުހުންގެ އިންވެސްޓިގޭޝަން ޓީމުން ބުނީ އެ މައްސަލައިގެ ތަހުގީގަށް، ރައުދާ އާއި އޭނާގެ ލޯބިވެރިޔާ ވަޓްސް އެޕުން ދައްކާފައި ހުރި ވާހަކަ ހިމެނޭ 17000 ސަފުހާގެ ޗެޓު ލޮގުތަކާއި ފޭސްބުކް ޗެޓު ދިރާސާ ކުރި ކަމަށެވެ. ރައުދާ މަރުވި ދުވަހުގެ ކުރީރޭ، އޭނާގެ ލޯބިވެރިޔާގެ ފޭސްބުކް އެކައުންޓަށް ރައުދާ ވެދެފައިވާކަން ތަހުގީގަށް ފާހަގަވިކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރައުދާ މަރުވުމުގެ ކުރިން ފޮނުވި މެސެޖު އޭނާގެ ލޯބިވެރިޔާ އަށް ފޮނުވާފައިވަނީ ދަންވަރު 2:30 ގައެވެ.
ރައުދާގެ މަރުގެ މައްސަލާގައި އޭނާ އާއެކު ކިޔަވަން އުޅުނު ކުއްޖަކަށްވެސް ތުހުމަތު ކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުން ފާހަގަވީ ރައުދާ މަރުވީ އަމިއްލަ އަށް، ދަންޖެހިގެން ކަމަށެވެ.