ވައިގަދަވެ މަކުނުދޫ ދެ ގެއެއްގެ ފުރާޅު އެއްލާލާ، ގަހެއް ވެއްޓިއްޖެ

މަކުނުދޫ ސްކޫލު ފާރުމައްޗަށް ގަހެއް ވެއްޓިފައި -- ފޮޓޯ: ފުލުހުން

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން ހދ. މަކުނުދޫ ދެގެއެއްގެ ފުރާޅު އެއްލާލައި ގަހެއް ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ ރޭ ފަތިހުން ފެށިގެން މަކުނުދު އަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުން އެ ރަށުގެ ދެގެއެއްގެ ފުރާޅުގެ ޓިނުތައް ވަޔާ އުކާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެރަށުގެ ސްކޫލުގެ ފާރުމައްޗަށް ގަހެއް ވެއްޓިފައިވާ ކަމަށާއި މި ހާދިސާތަކާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ.

މި ވިއްސާރާގައި މާލެގެ ހުޅަނގު ފަރާތުގައި ފެންބޮޑުވެ، ސިފައިން ދަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް