ތާކިހަލެއް އަޅައިގެން ހުރުމުގެ ސަބަބުން އިންޑިއާގައި މުސްލިމަކަށް ހަމަލާދީފި

އިންޑިއާގެ 25 އަހަރުގެ މުހައްމަދު ބަރުކަރު އަލަމްއަށް ހަމަލާ ދިނީ ތާކިހަލެއް އަޅައިގެން ހުރުމުގެ ސަބަބުން -- ފޮޓޯ: އެޗްޓީ ފޮޓޯ

ދިއްލީ (މެއި 27): އިންޑިއާގެ ގުރުގުރާމްގައި މުސްލިމަކު ތާކިހަލެއް އަޅައިގެން ހުރުމުގެ ސަބަބުން އޭނާއަށް ހަތަރު މީހަކު ހަމަލާ ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.

އިންޑިއާ ޓުޑޭގައިވާ ގޮތުން ހަރިޔާނާ ސްޓޭޓުގައި އެހަމަލާ ދިނީ ބިހާރަށް ނިސްބަތްވާ 25 އަހަރުގެ މުހައްމަދު ބަރުކަރު އަލަމް ނަމަކަށް ކިޔާ މީހަކަށެވެ. އޭނާ ފުލުހުންނަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން ބަޔަކު އޭނާއަށް ހަމަލާ ދިނީ ނަމާދު ކުރުމަށް ފަހު، ތާކިހަލެއް އަޅައިގެން ދިޔަ މަގުމަތީގަ އެވެ. އަދި އެމީހުން ވަނީ ތާކިހާ ނެގުމަށް ބުނެ، އެމީހުން ބުނި ގޮތަށް އަމަލު ނުކުރުމުން ހަމަލާ ދީފަ އެވެ.

"އެސަރަހައްދުގައި ތާކިހާ އެޅުން މަނާ ކަމަށް ބުނެ، ތާކިހާ ނެގުމަށް ފަހު އަހަރެންގެ މޫނުމަތީ ޖެހީ. ދެން ބުނީ [ގައުމީ ޝިއާރެއް ކަމަށްވާ] ބާރަތު މާތާ ކީ ޖާއޭ ކިޔަން. އެހެން ކިޔުމުން ބުނީ ހިންދޫ ދީނީ ޝިއާރެއް ކިޔަން. އަދި އެކަމަށް ދެކޮޅު ހެދުމުން ހަމަލާ ދިނީ،" އަލަމް ބުންޏެވެ.

ގުރުގުރާމްގެ ފުލުހުން ވަނީ އެ ހާދިސާގެ ސީސީޓީވީ ފުޓެޖު ލިބިފައިވާ ކަމަށާއި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ފަރާތުން ހަރިޔާނާގައި ހުންނަވާ ތަރުޖަމާނު ވަނީ އެހާދިސާ ކުށްވެރި ކުރައްވާފަ އެވެ.

އިންޑިއާގައި އެހަމަލާ ދިނީ އެގައުމުގެ އާއްމު އިންތިހާބު ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީން ކާމިޔާބުކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމު ދިފާއު ކުރެއްވި ފަހުންނެވެ.

އަދި އިއްޔެ މޯދީ އިދިކޮޅު ޕާޓީތަކަށް ފާޑު ވިދާޅުވަމުން ދެއްވި ތަގުރީރެއްގައި ވަނީ، އެފަރާތްތަކުން ގައުމުގެ މައިނޯރިޓީންގެ މެދުގައި ބިރުވެރިކަން ފަތުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ބިރެއް ނެތް ކަމަށާއި އެއާ ދެކޮޅަށް ބީޖޭޕީގެ މެމްބަރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް