މެލޭޝިއާގެ އޭޕީޔޫ ޔުނިވާސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް އިންތިޒާމުކުރާ ދަރިވަރުންގެ ރޯދަވީއްލުން ބާއްވައިފިއެވެ.
އޭޕީޔޫ ގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަނުން ބުނީ ރޯދަވީއްލުން ބާއްވާފައިވަނީ މި މެއި މަހުގެ 18 ވަނަ ދުވަހު، އޭޕީޔޫ ބުކެޓް ޖަލީލް ކެމްޕަހުގައި ކަމަށެވެ.
މި ރޯދަވީއްލުމުގައި ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަރީރު ވިސާމް އަލީ އާއި ދިވެހި އެމްބަސީގެ އޮފިޝަލުންގެ އިތުރުން އޭޕީޔޫ ގައި ކިޔަވާ 90 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ބައިވެރިވެފައި ވެއެވެ.
މި ރޯދަވީއްލުމުގައި ބައިވެރިވި ދަރިވަރުން ވަނީ އޭޕީޔޫ ޔުނިވާސިޓީގައި އެކުދިންގެ ތަޖުރިބާ އެމްބަސީގެ އޮފިޝަލުންނާ ހިއްސާކޮށްފައެވެ. އަދި މެލޭޝިއާގައި ދިރިއުޅެމުންދާއިރު ދިމާވާ ދަތިތައްވެސް ދަރިވަރުން ވަނީ ދިވެހި އެމްބަސީ އާއި ހިއްސާ ކޮށްފައެވެ.
މި ރޯދަވިއްލުމުގައި ހާއްލަ ލަކީޑްރޯއެއްވެސް ވަނީ ނަގައިފައެވެ. އިޝާ ނަމާދަށްފަހު ދަރިވަރުން ވަނީ އިތުރު ގިނަ ހަރަކާތްތަކެއްވެސް ބާއްވައިފައެވެ. ގުޅުން ބަދަހިކުރުމުގެ މި ހަރަކާތްތަކުގެ ތެރޭގައި ލަވަ ބާޒީ އާއި މިޔުޒިކަލް ޗެއާ ފަދަ ކުޅިވަރުތައް ވަނީ ކުޅެފައެވެ. އަދި ދިވެހި ބޭންޑަކުން ވަނީ ލައިވް މިޔުޒިކްގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ.
އޭޕީޔޫ އަކީ 130 އަށް ވުރެ ގިނަ ގައުމުން 12000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ޔުނިވާސިޓީ އެކެވެ. ބިޒްނަސް، ޓެކްނޮލަޖީ، އައިޓީ، އިންޓަނޭޝަނަލް ރިލޭޝަންސް ފަދަ ދާއިރާ ތަކުން އެ ޔުނިވާސިޓީގައި ޕްރޮގްރާމުތައް ހިންގައެވެ.
އެ ޔުނިވާސިޓީ އިން ފާއިތުވި 20 އަހަރުތެރޭ 700 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ވަނީ ގްރެޖުއޭޓްވެފައެވެ.