ކ. ދިއްފުށީ ފިހާރައަކުން މީގެ ދުވަސްކޮޅެއް ކުރިން ވަގަށް ނެގި ދެ ލައްކައެއްހާ ރުފިޔާގެ ތިޖޫރީ ހޯދުމަށް ރައްޔިތުން ކުރި މަސައްކަތުން ވަގުންނާ ކުރިމަތިލައި، މިރޭ ތިޖޫރީ ހޯދައިފިއެވެ.
ދިއްފުށިން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެރަށު ތުނޑީގައި ވަޅުލާފައި ވަނިކޮށް ތިޖޫރީ ފެނުނީ ވަގުންގެ ޓީމުގައި ހިމެނޭ މީހަކު ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ. ނަމަވެސް ފެނުނުއިރު ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"ވަގުންގެ ޓީމްގައި ހިމެނޭ މީހާގެ ހާޒިރުގައި އޭނާ ބުނި ސަރަހައްދު ކޮނުނުއިރު ތިޖޫރީ ވަނީ ފެނިފައި. ނަމަވެސް އެއަކު އެއްވެސް ފައިސާއެއް ނެތް. ދެން ރައްޔިތުންވަނީ އެކަމުގެ ރުޅީގައި އޭނައަށް ހަމަލާދިނީ،" ދިއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެނާ ބުނިގޮތުގައި މިރޭ ހަމަލާދީފައި ވަނީ ރޭގެ ހަމާލާގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން އެކަކަށެވެ.
ފުލުހުންގެ ޓީމެއް މިހާރު ވަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. މާރާމާރީ ހިންގިކަން ކަށަވަރުކޮށްދިނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހިއްސާއެއް ނުކުރެއެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ފުލުހުންގެ ޓީމެއް އެރަށަށް ދިޔައިރު، ރައްޔިތުން ދިޔައީ ތިޖޫރީ ވަޅުލާފައިވާ ތަން ކިޔައިދިން މީހާއާ އިތުރަށް ސުވާލު ކުރަމުންނެވެ.
"މިހާރު ފުލުހުން ވަނީ ޒަޚަމްވި މީހާ ސިއްހީ މަރުކަޒަށް ގެންގޮސްފައި. މިހާރު އޭނާއަށް ދަނީ ފަރުވާ ދެމުން،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ދިއްފުށީ ކައުންސިލް މެމްބަރަކު "ސަން" އަށް ވިދާޅުވީ އެރަށު ބޮޑު ފިހާރައަކުން ވަގަށް ނެގިއިރު، އެ ތިޖޫރީގައި 180،000 ރުފިޔާ ހުންނާނެ ކަމަށެވެ. ކައުންސިލް މެމްބަރު ވިދާޅުވީ އޭގެތެރެއިން 60،000 ރުފިޔާ ރޭ ރައްޔިތުން ހޯދާފައިވާ ކަމަށެވެ. ބާކީ ހުރި 120،000 ރުފިޔާ އަދިވެސް ނުފެނެއެވެ.
ދިއްފުށީ ފިހާރައަކުން ވަގަށް ނެގި ތިޖޫރި ރައްޔިތުން ނުކުމެ ހޯދައިފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް
ދިއްފުށީގައި މިރޭ ހަމަނުޖެހުމެއް ހިންގާފައި ވަނީ އެރަށުގައި ވައްކަން ގިނަވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމުން ރައްޔިތުންނާއި ވަގުންނާ މެދު ރޭ ވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
ރޭ ހިނގި ހަމަނުހެމުގައި އެ ރަށު ފަޅުގައި އޮތް ޑިންގީއެއްވެސް ވަނީ އަންދާލާފައެވެ. އެ ޑިންގީ އަކީ، ވައްކަން ކުރާ މީހުން ބޮޑެތި ޖަރީމާތައް ހިނގުމަށް ބޭނުން ކުރަމުން އައި ޑިންގީއެއް ކަމަށް އެރަށު ރައްޔިތުން ތުހުމަތު ކުރެވެއެވެ.