އިންތިހާބުގައި ބީޖޭޕީގެ ފަރާތުން ވާދަކުރި ތަރިންނަށް ކާމިޔާބީ

ބީޖޭޕީގެ ފަރާތުން ވާދަ ކުރި ސަނީ ޑިއޯލްއަށް އިންތިހާބުން ކުރި ލިބިފައިވާ އިރު ކޮންގްރެސްގެ އުރުމިލާ މަޓޯންޑުކަރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ --

ދިއްލީ (މެއި 23): އިންޑިއާގެ އާންމު އިންތިހާބުގައި ވާދަ ކުރި ބޮލީވުޑުގެ ތަރިންގެ ތެރެއިން، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ފަރާތުން ވާދަ ކުރި ގިނަ ތަރިން ވޯޓުގައި ކުރި ހޯދައިފިއެވެ.

ބީޖޭޕީގެ ފަރާތުން ވާދަ ކުރި ތަރިންގެ ތެރޭގައި ޕަންޖާބުގެ ގުރުދަސްޕޫރަށް ވާދަ ކުރާ ސަނީ ޑިއޯލް، ޕަންޖާބުގެ ޗަންދިގަރަށް ވާދަ ކުރާ ކިރޮން ޚާ އަދި އުއްތަރަ ޕްރަދޭޝްގެ މަތުރާއަށް ވާދަ ކުރާ ހެމާ މަލިނީ ހިމެނެއެވެ. އެ ތިން ކެންޑިޑޭޓުންވެސް ވަނީ އެމީހުން ކުރިމަތިލާ ދާއިރާތަކުން ކުރި ހޯދާފައެވެ.

އެއާ ހިލާފަށް، އިދިކޮޅު ކޮންގްރެސްގެ ފަރާތުން މުމްބާއީގެ އުތުރަށް ވާދަކުރި ފިލްމީ ތަރި އުރުމިލާ މަޓޯންޑުކަރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރި ޕްރަކާޝް ރާޖްވެސް ބެންގަލޫރު ސެންޓްރަލްއިން ބަލިވީއެވެ.

ބީޖޭޕީގެ ފަރާތުން ވާދަ ކުރި އެކްޓަރުން ކަމަށްވާ ކިރޮން ޚާ އާއި ހެމާ މަލިނީ ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފަ --

މީގެ އިތުރުން މިދިޔަ ދައުރުގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ރާޖިޔާ ސަބާ)ގެ މެމްބަރުކަން ކުރެއްވި، އިންޑިއާގެ ޓެކްސްޓައިލްސް އިންޑަސްޓްރީ މިނިސްޓަރު އަދި ކުރީގެ ފިލްމީ ތަރި ސްމްރިތީ އިރާނީ ވަނީ ލޮކް ސަބާއިން ގޮނޑިއެއް ހޯއްދަވާފައެވެ. ބީޖޭޕީގެ ޓިކެޓުގައި ސްމްރިތީ ވާދަކުރެއްވީ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ފުރުއްވަމުން ގެންދެވި އަމެތީ ދާިރާގެ ގޮނޑިއަށެވެ. ރާހުލް ބަލިކުރައްވައި، ކްޔޫންކީ ސާސް ބީ ކަބީ ބަހޫތީން މަޝްހޫރުވި ތަރި ސްމްރިތީ އިރާނީ އެ ގޮނޑި ކާމިޔާބުކުރެއްވި އިރު، ރާހުލްއަށް މިފަހަރު ލޮކް ސަބާއިން ޖާގަ ލިބިވަޑައިގެންނެވީ އޭނާ ވާދަކުރެއްވި ކެރަލާ ސްޓޭޓުގެ ގޮނޑިއަކުންނެވެ.

އިންޑިއާގެ 600 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެިރިވި އެ އިންތިހާބުގެ ވޯޓު ގުނަން ފަށާފައި ވަނީ މިއަދު ހެނދުނެވެ. އަދި މިހާރު 344 ގޮނޑިން ކުރިހޯދައިގެން، ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވާ އެލަޔަންސްއިން ވަނީ އިންތިހާބުގެ ކާމިޔާބީ ގާތްގަނޑަކަށް ކަށަވަރުކޮށްފައެވެ. އެއާ އަޅާ ބަލާއިރު މައި އިދިކޮޅު ޕާޓީކަމަށްވާ ކޮންގްރެސްގެ ކޯލިޝަނަށް ލިބިފައި ވަނީ 86 ގޮނޑިއެވެ. އަދި އެހެނިހެން ޕާޓީތަކުން ވަނީ 114 ގޮނޑި ހޯދާފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް މެމްބަރުން ހޮވުމަށް ނަގާ އެވޯޓުގައި، މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނީ 272އަށް ވުރެ ގިނަ ގޮނޑި ލިބޭ ޕާޓީ ނުވަތަ ކޯލިޝަނަކަށެވެ. އަދި އެ ކޯލިޝަނެއްގެ ކެންޑިޑޭޓަކު ދެން ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވޭނެއެވެ.

comment ކޮމެންޓް