އިންޑިއާގެ ޖީއެމްއާރް ކުންފުނި އަތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަތުލުމަކީ މިފަހުގެ ތާރީހެއްގަައި އެއްވެސް ސަރުކާރަކުން ނިންމި އެންމެ މުހިންމު، އެންމެ ރަނގަޅު އެއް ނިންމުން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގްތިސޯދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން އެ ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އަމީރު ވިދާޅުވެފައިވަނީ ޖީއެމްއާރާއެކު އެއާޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށެވެ.
އުޝާމް ރައްދުގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ދިވެހި ގައުމަށް ނުހަނު ފައިދާހުރި ނިންމުމެއް ކަމަށެވެ.
އުޝާމް ވިދާޅުވީ ޖީއެމްއާރުން ބޭނުންވިގޮތަށް އެއާޕޯޓްގައި ޓާމިނަލް އެޅުމަށް ފުރުސަތުދިން ނަމަ، އެއާޕޯޓްގައި ދެ ވަނަ ރަންވޭއެއް އެޅުމުގެ ފުރުސަތު އެއްކޮށް ބަންދުވީސް ކަމަށެވެ. އަދި އިތުރު ރަންވޭއަކާ ނުލައި ޑިމާންޑާ އެއްވަރަށް އެއާޕޯޓަށް އިތުރު އެއާލައިންތައް ގެނައުމުގެ ފުރުސަތު ވެސް ބަންދުވީ ކަމަށް އުޝާމް ވިދާޅުވިއެވެ.
"އެއާޕޯޓް ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން ފައިނޭންސްކުރާ ޕްރޮޖެކްޓެއްކަމަށް ބުނުމަކީ ހަގީގަތާ ހިލާފް ވާހަކައެއް. މިޕްރޮޖެކްޓްގެ ލޯނުތަކަކީ އެމްއޭސީއެލް އިން ނަގާފައިވާ އެކުންފުނިން ފައިސާ ދައްކާ ލޯނުތަކެއް،" އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއޭސިލްއަށް އެވަރުގެ ލޯނުތަކެއް ލިބުނީ އެ ލޯނު އަނބުރާ ދެއްކޭނެ ކަމުގެ ގާބިލްކަން ހުރުމުން ކަމަށެވެ.
އުޝާމް ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލިއިރު އެމްއޭސީއެލް އޮތީ ދަރައި، ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށެވެ.
އޭނާ ވިދާޅުވީ 2018 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލް އަކީ އަހަރަކު 4.5 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދިޔަ، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި ކުންފުނި ކަމަށެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށްފަހު، އެމްއޭސީއެލް އިން އެތަނުގެ ހިނގުމާ ހަވާލުވި ފުރަތަމަ އަހަރު ވެސް ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައީސް ވަހީދުގެ ސަރުކާރުން ޖީއެމްއާރު އެއްބަސްވުން އުވާލީ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.
ޖީއެމްއާރު އާބިޓްރޭޝަންގެ މައްސަލައިގައި ދައުލަތުން ދައްކަން ޖެހުނު 271 މިލިޔަން ޑޮލަރު ދައްކާ ހަލާސްކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުގައެވެ.
ޖީއެމްއާރަށް ފައިސާ ދެއްކުމަށްފަހު، މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އޭރުގެ ބަންޑާރަ ނައިބު އަލްއުސްތާޛް މުހައްމަދު އަނިލް ވިދާޅުވީ 271 މިލިޔަން ޑޮލަރު ދައްކާ ހަލާސް ކުރުމުން، ޖީއެމްއާރަށް، އެއާޕޯޓް ކުއްޔަށް ދިނުމާއި، އެއާޕޯޓް އަނބުރައި އަތުލުމުގެ މަރުހަލާގައި ހިނގައިދިޔަ އެންމެހާ ކަމެއް އެއްކޮށް ނިމުމަކަށް ގެނެވުނީ ކަމަށެވެ.
އިބްރާހީމް ނާސީރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނީ 2010 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުގައެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ޖީއެމްއާރާއެކު ހަދާފައިއޮތް އެ އެއްބަސްވުން ނިމުމަކަށް ގެނައީ ރައީސް ވަހީދުގެ ވެރިކަމުގައި ދެހާސް ބާރަ ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހުގައެވެ.