ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (4)

"ޒާރާ. އަހަރެން މި ބުނީނު އެއްވެސް މީހަކަށް ނުފެންނާނޭ، ގަބޫލުކޮށްބަލަ." އަމަން މިފަހަރުވެސް އަހަރެންގެ ވާހަކަ ހުއްޓުވާ ބުނެލީ ޔަޤީންކަމާއެކުގައެވެ. އަހަރެންފަހަތަށް އެއްފިޔަވަޅު އަޅާލީ އަމަން ކުޑަކޮށް ކުޑަދޮރާ ކައިރިވީމައެވެ.

"ޒާރާ. އަހަރެންނަށް ޒާރާ ވަރަށް ރީތި" އަހަރެންގެ ކަންފަތަށް އަމަންގެ އެ ޖުމްލައަޑު އިވުމާއެކު ދެލޯބޮޑުކޮށްލެވުނެވެ. އަމަންގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟ އެއްވެސް ޖެހިލުމެއްނެތި އޭނާގެ ހިތުގައި ވާ ޖުމްލަ ދުލާ ހިސާބަށް ގެންނަނީ އެއްވެސް ގޮތަކަށް ވިސްނާލުމެއް ނެތިހެއްޔެވެ؟.

"ޒާރާ. އަހަރެންނަށް ޒާރާ ފުރަތަމަ ފެނުނު ދުވަހުވެސް ޒާރާއާ މެދު ޝައުގުވެރިވެވުނު. އަހަރެންނާ ޒާރާ ދުރަށް ދާން މަސައްކަތް ކުރާ ސަބަބަކީ ކޮބައިކަން އަހަރެންނަށް އެނގޭ. އެކަމަކު ގަބޫލް ކުރޭ. އަހަރެންނަށް މުހިންމެއް ނޫން އަހަރެމެންދެމެދުގަ ހުރި ފަރަގެއް. އެއީ އަހަރެން ޤަބޫލު ކުރާ ގޮތެއްނޫން. ޒާރާވެސް އަހަރެންނާ ގަޔާވާކަން ޒާރާގެ ކޮންމެ ހަރަކާތަކުން އަހަރެން ދެނެގަންނަން. އެއިން ކޮންމެ ހަރަކާތަކުން ޒާރާގެ ހިތުގައިވި ބިރުވެރިކަން އަހަރެންނަށް ދެނެގަނެވޭ. ޒާރާ ތި ފޮރުވަން މަސައްކަތް ކުރާ އިޙްސާސްތަކަކީ ކޮބައިކަން ޒާރާއަށް އެނގޭތަ؟ ޒާރާގެ ތި ހިތާ ސުވާލުކޮށްބަލަ!. އަހާލަބަލަ އެއްފަހަރުވެސް ޒާރާގެ ތި ހިތް ބުނަނީ ކީކޭތޯ؟ އަމިއްލަ ހިތުގެ އަޑު އަހާނީ ކޮން އިރަކުންތަ؟ އަމިއްލަ އިޙްސާސްތަކަށް ފިލައިގެން ޒާރާ އުޅޭނީ ކިހާ ދުވަހަކުތަ؟ އަހަރެންގެ ސަބަބުން ޒާރާ އަށް ނުތަނަވަސްކަމެއް ލިބޭކަށް ދުވަހަކުވެސް ނޭދެން. އެކަމަކު އަހަރެންގެ ބަސްނާހާހިތަކަށް ވިސްނައެއް ނުދެވުނު. އަހަރެންގެ އިޙްތިޔާރުން ބޭރުގަ ޒާރާއަށް ތަފާތު އުނދަގޫތައް އެބަ ކުރެވޭ. އެކަމަށް އަހަރެން މާފަށް އެދެން. އެކަމަކު ޒާރާ. އަހަރެންގެ ހިތުގައި ޒާރާއާ ދޭތެރޭ އުފެދިފައިވާ ޖަޒުބާތުތަކަކީ ބާރުގަދަ އެއްޗެއް. އަހަރެން ޒާރާ...."

"ނޫން" އަމަންގެ ވާހަކަ އަހަރެން ހުއްޓުވީމެވެ. އިތުރަށް އެ އަޑުއަހަން އަހަރެންނަކަށް ކުޅަދާނައެއްނުވިއެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދިގެން މިއުޅޭ ކަންތައްވެސް އެންމެ ފަހުން ވީއެވެ. އަމަންގެ ވާހަކަ ހުއްޓުވާ ކަންފަތުގައި އަހަރެންނަށް އަތް އަޅާލެވުނެވެ.

"މީ އެޒަމާނެއް ނޫން. މީ މުޅިން ބަދަލުވެފައިވާ ޒަމާނެއް. މުއްސަނދިންނާ ފަޤީރުންގެ ދެމެދު ވަރަށް ބޮޑު ފަރަގެއްވޭ. އެއީ ބުނެލާ ބަހަކުން ނެތިގެންދާނޭ އެއްޗެއް ނޫން. ދުނިޔެ މި ވަނީ ތަހުޒީބީ ގޮތުން ކުރިއަރައިގެން ގޮސްފަ. މީހުންގެ އުޅުމާއި ވިސްނުމާއި ސުލޫކު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ. އަޅުގަނޑުގެ ސިކުނޑި ކިތަންމެ ޅަޔަސް ކުރަންޖެހޭ ކަންތައްތަކާ ނުކުރަންޖެހޭ ކަންތައް ދެނެގަތުމުގެ ޤާބިލްކަން އަޅުގަނޑުގެ ސިކުނޑީގައި އެބަހުރި." އަޑަށް ބާރުލާފައި ވާހަކަ ދެއްކިނަމަވެސް އަހަރެން ވާހަކަދެއްކީ އަމަންއަށް ދޭންޖެހޭ ފުރިހަމަ އިޙްތިރާމް ދީގެނެވެ. އެއީ ފަހަރެއްގައިވެސް ކާކުކަން އަހަރެން ހަނދާން ނައްތައެއްނުލަމެވެ.

"ޒާރާ. އެ ތަފާތުތަކާއި އެކުވެސް އަހަރެން ޒާރާ ބަލައިގަންނަން ތައްޔާރަށް ހުރިއިރު....."

"އަޅުގަނޑު ބަލައިގަންނަން ތައްޔާރަށް ހުރިއިރު އަޅުގަނޑަކީ ކިހާ ފެންވަރެއްގެ ކާކުކަން އެއްފަހަރުވެސް އޮޅުން ފިލުވައިލިންތަ؟ އަޅުގަނޑާއި ތިފަރާތާ ހުރި ތަފާތު ކިޔައިދޭން" އަމަންގެ ވާހަކަ ހުއްޓުވާ އަހަރެން ވާހަކަ ފެށިނަމަވެސް އަމަން އަތުން ހުއްޓާލުމަށް އިޝާރާތް ކޮށްލުމާއެކު އަހަރެން ހުއްޓާލީމެވެ.

"އަމަން. އަހަރެންގެ ނަމަކީ އަމަން. އެހެން ކިޔައިގެން ވާހަކަދައްކާ ޒާރާ" އަމަންގެ އަޑުގައި ހުރީ ހިންހެޔޮކަމެވެ.

އަހަރެން މިއޮއްހުރިހާއިރު އަމަންއާ ވާހަކަދެއްކީއިރުވެސް އަމަންގެ ނަމެއް ބޭނުމެއް ނުކުރަމެވެ. އެކަން ކުރަން އަހަރެންނަށް ކިހާ އުނދަގޫވާނެކަން ހުދު އަމަންއަށް ވެސް އެނގޭނެއެވެ.

"އަމަ... އަމަން... އަމަން އަކީ ޖަވާހިރަކަށް ވަންޏާ އަހަރެން ވާނީ ހިލަކޮޅަކަށް. އަމަން އަކީ ކިޔަވައިގެން ހުރި ތައުލީމީ ޒުވާނެއް. އަހަރެންނަށް ތިހާ މައްޗަށް ކިޔެވުމުގެ ފުރުސަތެއްނެތް، އަމަން އަކީ ގަދަރުވެރި އާއިލާއަކަށް އުފަންވެފައ ހުރި ޒުވާނެއް، އަހަރެންނަކީ އާދައިގެ އާއިލާއަކުން އައިސް ހުރި ނިކަމެއްޗެއް، އަމަންގެ ފަހަތުގަ އަޅާލާނެ ބޮޑުއާއިލާއެއް އެބައޮތް، އެކަމަކު އަހަރެން، އަހަރެންނަކީ އެކަނިވެރިއެއް. އަޅާލާނެ ޔާރެއް އިޔާރެއް ނެތް ނިކަމެއްޗެއް. އަމަންމެން ބޭނުން ނުވެގެން އުކާލާ ކާތަކެތި ކައިގެން އުޅޭފެންވަރުގެ މީހަކު އަމަންއާ އެކަށީގެންވޭތަ؟ ނުވާނެ. އަމަންއަށް އެހެން ކުދިންވެސް ވާނެ. މާރީތި އަމަންއާ އެއްފެންވަރުގެ ކުދިން އަމަންއަށް ލިބޭނެ" އަހަރެން އުނދަގުލުންވެސް ވާހަކަދައްކާ ނިންމާލީމެވެ. އަހަރެންގެ ވާހަކަތަށް އަޑުއަހަން ހުރި އަމަން ލުއިގޮތަކަށް ހީލިއަޑުއިވި އަހަރެންނަށް ހައިރާންކަން ވެރިވިއެވެ.

"ޒާރާއަށް އެނގޭތަ؟" އަމަންގެ އެ ޖާދުވީ ހުނުމުގެ އަޑަށް ގެއްލިހުއްޓާ އަމަން ވާހަކަދެއްކި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"ޒާރާއަށް ތި އެއްބަސް ވެވުނީ ޒާރާގެ ހިތުގައިވެސް އަހަރެންނާ މެދު އިޙްސާސްތަކެއް ވާކަން. ނުސީދާކޮށްވިޔަސް ޒާރާވެސް ތިބުނީ އަހަރެންނާމެދު ވިސްނެޔޭ." އަމަން އަހަރެންނަށް ބަލަން ހުރެ ބުނެލިއެވެ. އަމަންގެ އެޖަވާބުން އަހަރެންގެ ބަސްހުއްޓުނެވެ. އަހަރެންނަށް ބުނެވުނު ބަސްތަކާމެދު ފުންކޮން ވިސްނެން ފެށުނެވެ. އަމަން މިހުންނަނީ ހާދަ ހިންހަމަޖެހިފައެވެ. އެ މޫނުމަތިން އެއްވެސް ހާސްކަމެއް ކަންބޮޑުވުމެއް ނުފެނެއެވެ.

އޭރުވެސް ބޯކޮން ވާރޭ ވެހެމުން ދިޔައެވެ. ވާރެއާ އެކުވެގެން އަންނަ ތެތްފިނި ވައިރޯޅިތައްވެސް ކޮޓަރިތެރެއަށް ވަންނަން ފަށައިފިއެވެ. އަހަރެންނަށް ހަދޭނެ ގޮތެއް ނޭނގުނެވެ. އެއްފަހަރު އަމަންއަށް އަނެއްފަހަރު އޭނާގެ ފަހަތަށް ނަޒަރު ހުއްޓާލެވުނީ ވެހެމުން ދިޔަ ބޯ ވާރެއަށެވެ.

އިތުރު އެއްޗެއް ނުބުނި އަމަން ދާން ހިނގައިގަތުމުން ތެޅިގަނެފައި އަހަރެންނަށް ދޮރު ލައްޕާލެވުނެވެ. މޭގައި އަތް އަޅާލައިގެން ކުޑައިރަކު މަޑުކޮށްލަން ޖެހުނީ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލުމަށެވެ. އަމަންގެ ސަބަބުން އަހަރެންނަށް އަންނަމުންދާ ބަދަލުތައް މާނަ ކުރާނެ ގޮތެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަމަންގެ ބަސްތަކާ ހުދު އަހަރެންނަށް ވެސް އެއްބަސް ވެވޭކަމެވެ. އެބަސްތަކުން އަހަރެންނަށްވެސް އަސަރުކުރަމުންދާކަމެވެ. އެތައް އިރަކު އަހަރެންނަށް އަމަންގެ ވާހަކަތަކާމެދު ވިސްނަން ހުރެވުނެވެ.

އަވިގަދަދުވަހަކެވެ. އަހަރެން އެކަނި ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައީ އަލްމަޢިއްޔާ އިނގުރު ސައިތައްޓެއް ތައްޔާރުކުރަން ބުނެގެންނެވެ. ފެންކައްކަން ވެގެން ޖަގަށް ފެން އަޅާލުމަށްފަހު އަހަރެން މަޑުކޮށްލީމެވެ. ފެންގަނޑު އެކީ ހޫނުވުމުން އަހަރެން ޖޯޑެއް ނެގީމެވެ. ޖޯޑަށް ފެން އަޅާ އަހަރެން ސައިފަތް ޕެކެޓެއް ޖޯޑުތެރެއަށް ލީމެވެ. އެއަށްފަހު އިނގުރު ސަމްސަލެއް އަޅާލުމަށްފަހު ސައިތަށި ތައްޔާރުކޮށްލީމެވެ. އަހަރެން ޖޯޑު ތަބަކަކަށް ލައިގެން ނުކުތީމެވެ. އޭރު ސިޓިންރޫމްގައި އަމްމަޢިއްޔާ ހުރިތަން ފެނުނެވެ. އަހަރެން މަޑުމަޑުން ގޮސް ސައިތައްޓަށް ހަދަންވީ ކިހިނެތްތޯ އަހާލީމެވެ.

"ޒުބައިދާ ކައިރީގައި ބުނޭ އަމަންގެ ކޮޓަރިއަށް ގެންގޮސްދޭން. ޒުބައިދާ ނެތިއްޔާ ޒާރާ ގެންދިޔަޔަސް އެންމެ ރަނގަޅު" އަލްމަޢިއްޔާ ގަޑިއަށް ބަލަމުން ވާހަކަދެއްކިއެވެ. އަހަރެން ޒުބައިދާ ދައްތަ ކޮބައިތޯ ބަލައިލީމެވެ. ޚުދު އަހަރެން ވެސް ހުރީ އެ ހިފައިގެން ދާން ބޭނުންނުވެފައެވެ. އަހަރެން ހީކުރީ އެއީ އަލްމަޢިއްޔާއަށް ތައްޔާރުކުރަން ބުނި އެއްޗެއް ކަމަށެވެ. އަހަރެން މަޑުމަޑުން ސިޑިއާ ދިމާލަށް މިސްރާބުޖެހީމެވެ. ދެ ވިސްނުމުގައި ހުރެ އަހަރެން ދިޔައީ އަލްމަޢިއްޔާ ބަލަން ހުރީތީއެވެ. އަހަރެން ސިޑިން އަރަމުން ވެސް ތިރިބަލާލީމެވެ. ފޯނެއްގައި ހުރެގެން ދޮރާ ދިމާލަށް އޭނާ ދިޔުމުން އަހަރެން ފުންނޭވާއެއް ދޫކޮށްލީމެވެ.

އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ކުރި ހޯދަމުން އަހަރެން ހިނގަން ފެށީ އަމަންގެ ކޮޓަރިއާ ދިމާލަށެވެ. އޭރުއަހަރެންގެ ހިތް އާދަޔާ ހިލާފް ބާރުމިނުގައި ތެޅެމުން ދިޔައެވެ.

އެހިސާބަށް އަރާ ހަމަވެފައި ތަބަށް އެއްއަތް މަތީ ބަހައްޓަމުން އަހަރެން އަނެއްއަތުން ދޮރުގައި ޓަކި ޖަހާލީމެވެ. އެތެރެއިން އަމަން އަވަސް އަވަހަށް ވަންނާށޭ ބުނި އަޑު އިވުނެވެ. އެހެންނަމަވެސް އަހަރެންނަށް ދޮރު ހުޅުވާލާކަށް ނުކެރުނެވެ. އެގޮތުގައި ފަސްމިނިޓް ހޭދަވެގެން ހިނގައްޖެއެވެ. އަހަރެން ދާންވެގެން އެނބުރިލީމެވެ. އެއާއެކު ދޮރު ހުޅުވާލި އަޑު އަހަރެންނަށް އިވުނެވެ. އަހަރެން މަޑުމަޑުން އެނބުރިލީމެވެ. އަހަރެން ފެނިގެން އަމަންގެ މޫނުމައްވަށް ވެރިވީ ހައިރާންކަމުގެ އަސަރުތަކެވެ. އޭނާ ދެފަރާތަށް ވަށައިގެން ހޯދާލިއެވެ. އެއާއެކު އަހަރެންގެ އަތުގައި ހިފާ އޭނާއާ ދިމާލަށް މަޑުމަޑުން ދަމާލިއެވެ. ކޮޓަރިތެރެއަށް ވެއްދުމަށްފަހު އޭނާ އަހަރެންގެ އަތުން ދޫކޮށްލިއެވެ.

"ޒާރާ މިތަނުގައި ކީއްކުރަނީ؟" އަމަންގެ އެ ހިތްގައިމު އަޑުން އަހާލިއިރު އޭނާ އެހުރީ ނުލާހިކު ޝައުގުވެރިވެފައިކަން އަހަރެންނަށް ދެނެގަނެވުނެވެ.

"މީ. މި އިނގުރު ސައިތަށި ހިފައިގެން މެޑަމް ބުނެގެން" އަހަރެން ވާހަކަދެއްކީ އިސްޖަހައިގެން ހުރެއެވެ.

"އަހަރެން ނުފެންނާތީ ބަހަނާއެއް ދައްކާފަ އަހަރެންގެ ސޫރަ ދެކޭހިތުންތަ ތިއައީ. ނޫނީ އަހަރެން ކުރީރޭ ދެއްކި ވާހަކަތަކާ މެދު ވިސްނާފަ ތަ ތިއައީ. އެކަމާ ގުޅޭގޮތުން ވާހަކައެއް ދައްކަންތަ؟" އަމަން ހީގަންނަމުން ބުނެލިއެވެ. އެ ލުއި ހުނުމުގެ އަޑަށް އަހަރެންނަށް އަމަންއަށް ބަލާލެވުނެވެ. އަމަން މި ކުޅެނީ ކޮންކަހަލަ ކުޅިގަނޑެއްހެއްޔެވެ؟ އަހަރެން މި ސައިތަށި ހިފައިގެން މިއައީ އަލްމަޢިއްޔާ މިތަނަށް ގެންނަން ބުނުމުންނެވެ. ދެން އަމަން މިކިޔަނީ ކީކޭހެއްޔެވެ؟ އަހަރެން ހިސާބަކަށް ހިންހަމަނުޖެހޭގޮތްވިއެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ފާޅުނުކޮށްވޭތޯ މަސައްކަތްކުރީމެވެ. އަމަންއަށް އެ ސައިތަށިދައްކާލަމުން އަހަރެން އަލްމަޢިއްޔާ ބުނެލި ވާހަކަ ތަކުރާރުކޮށްލީމެވެ. އަމަން ބުނީ އޭނާ އިނގުރު ސައިތައްޓެއް ގެންނަން ނޭދޭކަމުގައެވެ. އަހަރެންނަށް ވަށައިގެން އެ ކޮޓަރިތެރެއަށް ބަލާލެވުނީ ދެނެވެ. ބޮޑު ތަނަވަސްކޮޓަރިއެކެވެ. ބޮޑު ބޮޑު އެނދެކެވެ. އެނދުގެ ވަށައިގެން ރީތިގޮތަކަށް ޝާހީ ޑިޒައިނެއް އަޅާފައިވެއެވެ. އެއްފަރާތުގައި އެނދާ ޖައްސައިގެން ބަހައްޓާފައި ހުރި ދެ ކަބަޑުގެ މަތީގައި ކުރީޒަމާނުގައި ގެންގުޅޭފަދަ ފުޅިބައްތިއެއް ފާޑުއެއްޗެއް ބެހެއްޓިފައިވެއެވެ. އެނދުގެ ކުރިމައްޗަށް ވާގޮތަށް އަހަރެންގެ ކަނާތްފަރާތުގައި ވަކި ހިސާބަކަށް ފާރުރާނާފައި އިންއިރު އެތެރެއަށް ވަދެވޭގޮތަށް ހުސްޖާގައެއް ބެހެއްޓިފައި ހުއްޓެވެ. އެތަނުގައި ދަމާފައި ހުރި ތުނި ފަރުދާގެ ސަބަބުން އެތެރެ އަހަރެންނަށް ފެންނަގޮތެއްނުވިއެވެ. އެހެންނަމަވެސް އެއީ ވެސް އެކޮޓަރީގެ ބައެއްކަން ދެނެގަންނަން އަހަރެންނަށް އުނދަގުލެއް ނުވިއެވެ.

އަހަރެންގެ އަތުގައި އަމަން ހިފެއްޓުމާއެކު ސިހިފައި ހަދާލެވުނު ގޮތަކުން އަމަންގެ އަތަށް ހޫނުސައިފޮދެއް ވެރުނެވެ. އެއާއެކު އަމަން އަތް ދަމައިގަންނަމުން އަތަށް ފުމެލީ ތަދުވެގެންނެވެ.

"މާފުކުރޭ" ހަދާނެ ނުހަދާނެ ގޮތެއް ނޭނގި އަހަރެންނަށް ބުނެވުނެވެ. ދެއަތަށް މަޑު ތުރުތުރު އެޅުމެއް ވެރިވެއްޖެއެވެ. ހާސްކަމާއި އުދާސްކަމުގެ އަސަރުތައް އަހަރެންގެ މޫނުމަތިން ފާޅުވާން ފަށައިފިއެވެ.

"އަޅާނުލާ އިރުކޮޅަކުން ރަނގަޅުވެދާނެ" އަމަންއަށް އަހަރެންގެ ހާސްކަން ފާހަގަވީކަންނޭނގެއެވެ. އަވަސްއަވަހަށް އަހަރެންނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން އަނެއްކާވެސް މާފަށް އެދުނީމެވެ.

"މާމައަށް އޮޅުނީހެން ހީވަނީ. ޖުނާން ރޯގާޖެހިގެން އުޅެނީ. އަހަރެންގެ ކޮޓަރީގެ އެއްފަރާތުގައި ހުންނާނެ ޖުނާންގެ ކޮޓަރި" އަމަން ބުނެލިއެވެ. އަހަރެން އިތުރު އެއްޗެއް ނުބުނެ ބޯޖަހާލީމެވެ. އަހަރެންނަށް ވެފައި ހުރިގޮތުން އަމަން ގާތަށް ހިނިއައިތަން ދުށީމެވެ. އަހަރެން ދޮރުން ނުކުމެ ނުކުމެ ހުއްޓާ އަމަން އަހަރެންނަށް ގޮވާލިއެވެ.

"ސައިތަށި ދީފައި އަދި އައިސްލަދެއްޗޭ" އަމަން ބުނެލިއެވެ. އަހަރެންނަށް ދެލޯބޮޑުކޮށްލެވުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ބަލަން ފެށުމުން އަމަން އަނެއްކާވެސް ވާހަކަދެއްކިއެވެ.

"އަހަރެންގެ އަތުގަ ގަނޑުފެން އަޅަން ބޭނުންވެގެން. ގަނޑުފެންހުންނާނެ އައިސްއަލަމާރީގަ. ތިރިއަށް ގޮސް އެ ހިފައިގެން އާދޭ" އަމަން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. ޖުނާންއަށް ސައިތަށިދީފައި އަހަރެން ތިރިއަށް ގޮސް ގަނޑުފެންއެތި ހިފައިގެން އަހަރެން އަނެއްކާވެސް މައްޗަށް އެރީމެވެ. އަމަންގެ ކޮޓަރީގެ ދޮރުހުރީ ހުޅުވާފައެވެ.

"ވަދޭ" އަހަރެން ނުވަދެ ހުންނަން ފެށުމުން އަމަން ގޮވާލިއެވެ. އަހަރެން އެތެރެއަށް ވަދެ އަމަން އަތަށް އެ ދިއްކޮށްލީމެވެ. އަމަން އޭގާއިހިފަން އުޅުނު ވަގުތު ކޮންމެވެސް ވަރަކަށް އަހަރެންގެ އަތް ތިލަ އަމަންގެ އަތުގައި ބީހުނެވެ.

އަހަރެން ދާން އެނބުރިލީމެވެ. އެކަމަކު އަހަރެންނަށް ސިހުން ގެނުވީ އަހަރެންގެ ފަހަތުން އައިސް އަމަން ތަންޑުއެޅުވުމުންނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ.

"ޒާރާ" އަމަން އަހަރެންނާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އަހަރެން ބޯޖަހާލަމުން ފަހަތަށް ދެފިޔަވަޅު އަޅާލީމެވެ. އެއާއެކު އަމަން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

"ޒާރާ. މި އަހަރެންގެ ދުނިޔެ. މުއްސަނދިކަމާއި އުފަލާއި އަރާމަކީ އަހަރެންގެ މުށުތެރޭގައިވާ އެއްޗެއް. ބޭނުން ކޮންމެ އެއްޗެއް އަހަރެންނަށް ލިބޭނެކަމުގައި އަހަރެން ހީކުރިން. އެއްވެސް އެއްޗެއްލިބުމަށް ހުރަހެއް ނޯންނާނެކަމުގައި ހީކުރިން. އެކަމަކު އެނގޭތަ؟ މިއަދު އަހަރެންނަށް އެނގިއްޖެ މުދަލާއި ފައިސާއިން ނުގަނެވޭނެ އެތައް ބައިވަރު އެއްޗެހި ހުންނާނެކަން. ފައިސާއަކުން އެހެންމީހެއްގެ ހިތެއް އަތެއްނުލެވޭނެ. މުއްސަނދިކަމަކުން ލޯތްބެއް ނުހޯދޭނެ. މުދަލާއި ފައިސާއިން ހޯދޭ އެއްޗެއް، ގަންނަން ނޫނީ ބޭނުންވެގެން އަހަރެން ދުވަހަކުވެސް މީހެއްގެ ގާތަށް ސަލާން ޖަހާކަށް ނުދަން. އާދޭސް ކުރާކަށް ވެސް ނުދަން. އެކަމަކު މިއަދު އަހަރެން ބޭނުންވެގެން މިއުޅޭ އެއްޗަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން. ޒާރާ އަށްއެނގޭތަ އެއީ ކޯންޗެއްކަން" އަމަން އަދިވެސް އަހަރެންނާ ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އޭރު އަހަރެންގެނައި ގަނޑުފެން ކޮތަޅު އެނދުމަތީގައި އޮތްތަން ދުށީމެވެ. އަވަސް އަވަހަށް ދެފަރާތަށްބޯހޫރާލީ ނޭނގެޔޭ ބުނުމުގެ ގޮތުންނެވެ. އޭރު އަހަރެންނަށް ހުރެވުނީ ފަހަތު ފާރުގައި ލެނގިލައިގެންނެވެ.

އަމަން އައިސް އަހަރެންގެ ދެފަރާތުން ފާރުގައި އަތް އަޅުވާލިއެވެ. އަހަރެން ލޯމަރާލީމެވެ. އަމަން އެގޮތަށް ހުންނަން ފެށުމުން މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލަމުން އަހަރެން ދެލޯ ކުޑަކޮށް ހުޅުވާލީމެވެ. ފުސްކޮށްވެސް އަހަރެންނަށް ފެނުނީ އަމަންގެ ހިނިތުންވެފައިވާ މޫނެވެ. އަނެއްކާވެސް ދެލޯ މަރާ ތަގުޅިކޮށްލީމެވެ.

"އަހަރެން ބޭނުންވަނީ ޒާރާ، ޒާރާގެ ތި ހިތް، ޒާރާގެ ލޯބި" އަހަރެންގެ ކަންފަތް ކައިރިއަށް ގުދުވެލާ އަމަން ބުނެލި ވާހަކައިން އަހަރެންނަށް ވަގުތުން ދެލޯ ހުޅުވާލެވުނެވެ. މުޅިގައިން ހީބިހިގަނައިގެން ދިޔައެވެ. އަހަރެން ހިންދިރުވާލީމެވެ. އަމަން ދުރުވެލާ ސީދާ އަހަރެންގެ ދެލޮލަށް ބަލާލިގޮތުން އަހަރެންގެ ދެފައިން ވާގިދޫވެގެން ދިޔައެވެ.

(ނުނިމޭ...)

https://sun.mv/119165

comment ކޮމެންޓް