މުހީތުގެ ދެ ގާތިލަކު މެރުމަށް ހުކުމް ކޮށްފި

މުހުޖަތު އަހްމަދު ނާސިހް (ކ) އަދި މުހައްމަދު މައިމޫން: މުހީތުގެ މަރުގެ މައްސަލާގައި އެ ދެ މީހުން މަރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި --- ފައިލް ފޮޓޯ(/ ޕޮލިސް

ފިނޭންސް މިނިސްޓްރީ ކުރިމަތީ ހުންނަ ގޯޅިތެރޭގައި ތޫނު އެއްޗިހިން ހަމަލަދީ މަރާލި ގ. ވޭރު، އަބްދުލް މުހީތުގެ ދެ ގާތިލުން މެރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 1:50 އެހާކަން ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

އެ މައްސަލާގައި، ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫންގެ މައްޗަށް ކުށް ސާބިތުވި ކަމަށް މިމަހުގެ ހަތް ވަނަ ދުވަހު ކްރިމަނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ހުކުމް ކުރި ދެ މީހުންގެ އަދަބު އިއްވި ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އޭގައި ވާ ގޮތުން މުހީތުގެ ހުރިހާ ވާރިސުން ބޭނުންވަނީ ގާތިލުންގެ ފުށުން ޤިޞާޞް (މަރަށް މަރު) ހިފުމަށް ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަރަށް މަރު ހިފުމަށް ހުކުމް ކުރާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

މުހީތު މަރާލި ކަމުގެ ކުށް ސާބިތުވެ ދެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މީގެ ކުރިން މަރުގެ ހުކުމް އިއްވާފައެވެ. އެ ދެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް