ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި، ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން އެ ކޯޓްގެ މައްޗަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން މައްސަލަ ބަލައި އަދީބުގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އޭނާއަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމެވެ.
ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނު އަސާސީއާ ހިލާފަށް ހިންގާފައިވާ ޝަރީއަތްތަކެއްކަން ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުން އެނގެން އޮންނަ ކަމަށެވެ. އަދީބުގެ މައްސަލަވެސް އޭގެ ތެރޭގައި ހިމެނޭތީ، އެ މައްސަލަ އަލުން ބެލުމުގެ އިހްތިމާލު އޮތް ކަމަށް ހައިކޯޓުގެ ނިންމުމުގައިވެ އެވެ.
ހައިކޯޓުން ނިންމާފައި ވަނީ އަދީބު 15 ދުވަހު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށާއި އެ 15 ދުވަހުގެ ތެރޭގައި ބަންދާމެދު އިތުރަށް ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓުގައި ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްއަށް ފުރުސަތެއް ދިނުމަށެވެ.
ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެކަމުގައި ތަފާތެވެ. ފަނޑިޔާރު ނިޔާޒު ރައުޔަކީ އެ މައްސަލާގެ ޝަރީއަތް ނިމެންދެން ވެސް އަދީބު ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމެވެ.
ނަމަވެސް 15 ދުވަހަށް ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ނިންމީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދު އެގޮތަށް ބުރަވުމުން އެ ދެ ބޭފުޅުންގެ އަގުލަބިއްޔަތުންނެވެ.
ފިނިފެންމާ ލޯންޗުގެ މައްސަލައިގައި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާ ހަސަން ރިކާޒުއަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ދެމީހުންގެ މައްސަލައިގައިވެސް މިއަދު ގޮތެއް ނިންމާނެ އެވެ.